ބޮޑު ތުހުމަތެއްކޮށް، ބޭރުކޮށް، ސުވާލެއް ކޮށްނުލާ 14 މަސް: މިއީ އަނިޔާއެއް ނޫން؟
އެތައް ދިވެހީންނެއް ލޭ އޮހޮރުވައިގެން އާ ގާނޫނުއަސާސީއެއް ހޯދި މައިގަނޑު އެއް ސަބަބަކީ އަދުލު އިންސާފު އެންމެނަށް ވެސް ލިބޭނެކަން ކަށަވަރު ކުރުމެވެ. އެއީ ހަމައެކަނި ވެރިމީހާ ރުހޭ މީހާއަށް ލިބޭ އެއްޗަކަށް ނުހެދުމެވެ. އެކަން ކުރުމަށް ޓަކައި އެކި ވަރުގެ ވެރިން ކަނޑައަޅައި, މުއައްސަސާތައް ހަދައި, ރައްޔިތުންގެ ފައިސާއިން ބިލިއަނުން އެބަ ހަރަދު ކުރެއެވެ. ނަމަވެސް ސުވާލަކީ އެކަން ވޭތޯއެވެ؟ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑްކުރިތާ 14 މަސްދުވަސް ފާއިތުވެގެން ދިޔައިރު، އަދި އޭގެ ފަހުން މަގާމުން ވެސް ވަކި ކޮށްފައިވާއިރު, އެ ބޭފުޅުންނާ ދެކޮޅަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފެށި ތަހުގީގަކީ ވެސް ކުރިން ކުރި ސުވާލަށް ޖަވާބު ހޯދާލުމަށް ބަލާލަން މުހިންމު މައްސަލައެކެވެ. އޭސީސީގެ މެންބަރުން-- އޭސީސީގެ މި ތަހުގީގު އޮތީ ތުހުމަތު ކުރެވޭ ބޭފުޅުންނަށް ވާނުވާއެއް ނޭނގޭ ހިސާބުގައެވެ. ސަރުކާރުގެ މަސްލަހަތު އޮތް ބޮޑު މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، އޭސީސީން މައްސަލައެއް ބަލާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގުމާ ގުޅިގެން އައި މި ކުއްލި ސަސްޕެންޝަނަކީ ރާއްޖޭގެ ޝަރުއީ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަދަ އާދަޔާހިލާފު ހާދިސާއެކެވެ. އެ ތުހުމަތު ކުރި މައްސަލަ ނުނިންމައި ދިގުލައިގެން ގޮސްފައިވާއިރު، މިހާތަނަށް އެ ތިން ފަނޑިޔާރުންނާ މި ތުހުމަތުތަކާ ގުޅޭގޮތުން އެންމެ ސުވާލެއް ވެސް ކޮށްފައިނުވެއެވެ. މިއީ ދައުލަތުގެ މުއައްސަސާތަކުން ކަންކަން ކުރަމުންދާ ގޮތާމެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ފެށުން ގުޅިފައިވަނީ ސިޔާސީ ގޮތުން ނުހަނު ހޫނުވި ދުވަސްވަރަކާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން، މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގާނޫނުއަސާސީއަށް ކުއްލި އިސްލާހެއް ގެނައެވެ. މި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު، ދައުލަތުގެ ބަންޑާރަނައިބު އަހްމަދު އުޝާމްގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ވަކީލު ވަކާލާތު ކުރެއްވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. ނަމަވެސް، އޭރުގެ ސުޕްރީމް ކޯޓުގެ ބެންޗުން ނިންމެވީ އެއީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށެވެ. މި ނިންމުމާއެކު ސިޔާސީ މަސްރަހު އިތުރަށް ހޫނުވެ، ކަންކަން ހިލިގަތެވެ. އެ ހިސާބުން ފެށިގެން، މަޖިލީހުގައި އޮތް ޕީއެންސީގެ ބާރުވެރިކަން ދައްކަން ފަށާނެ ކަމުގެ ސިގްނަލްތައް ލިބެން ފެށިއެވެ. އެގޮތުން، އެންމެ ފުރަތަމަ ވާހަކަ ދެކެވެން ފެށީ ސުޕްރީމް ކޯޓުގެ ބެންޗު ހަތަކުން ފަހަކަށް ކުޑަކުރުމާ ގުޅޭގޮތުންނެވެ. މިފަދަ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް، ކުއްލި ގޮތަކަށް ފެނިގެންދިޔައީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދުއާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމި މަންޒަރެވެ. އެގޮތުން 26 ފެބްރުއަރީ 2025 ވަނަ ދުވަހު މި ސަސްޕެންޝަން އައިއިރު، އެ ބޭފުޅުން ތިއްބެވީ މައްސަލައިގެ ޝަރީއަތަށް ވަނުމަށްޓަކައި ފަނޑިޔާރުންގެ ގައުނުކޮޅު ތުރުކުރައްވައިގެންނެވެ. މި ކުއްލި ފިޔަވަޅަކީ އޭރު ބަލަމުންދިޔަ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ރާއްޖެއާއި ބޭރުގެ ގާނޫނީ މާހިރުން އޭރުވެސް ގެންދެވީ ތުހުމަތު ކުރައްވަމުންނެވެ. މި ހާދިސާއަށްފަހު ކަންކަން ހިނގައިދިޔަ ގޮތަށް ބަލާއިރު، އެ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރާލްދާ ވަނީ، ޕީއެންސީގެ ފުރިހަމަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން މަގާމުން ވަކިކޮށްފައެވެ. އޭގެފަހުން ސުޕްރީމް ކޯޓުގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުގައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ދާދި ފަހުން ވަނީ ނިންމާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެ މައްސަލަ ނިމިގެންދިޔައީ ދައުލަތުން ވަކާލާތުކުރި ގޮތަށެވެ. https://www.sun.mv/215586 މި މައްސަލައިގެ އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ ތަހުގީގު ކުރިއަށްދާ ގޮތެވެ. ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުންގެ މައްސަލައެއް އޭސީސީން ކުއްލި ގޮތަކަށް ބަލަން ފެށިއިރު، 14 މަސްދުވަސް ވާން ކައިރިވެފައިވާއިރުވެސް މި ތުހުމަތުތަކާ ގުޅޭގޮތުން އެ ތިން ބޭފުޅުންނާ އެންމެ ސުވާލެއްވެސް ކޮށްފައެއް ނުވެއެވެ. ބަޔާނެއް ނުނަގާތަނުގައި، މައްސަލައިގެ ތަހުގީގު އޮތް ހިސާބެއް އިސްވެ އަންގާފައި ވެސް ނުވެއެވެ. ކަން މިހެން އޮއްވައި، އޭސީސީން ބަލަމުންދާ ކަމަށް ބުނި ފަނޑިޔާރުންގެ މައްސަލައިގައި، އެ ފަނޑިޔާރުން މަގާމުން ވަކިކުރިތާ ހަ މަސްދުވަސް ފަހުން، އެ ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖޭއެސްސީން އޭސީސީއަށް ފޮނުވިއެވެ. އަދި އޭސީސީން އެ ބަޔާންތައް ހޯދުމަށް ޖޭއެސްސީގައި އެދުނީ ވެސް ހަ މަސް ފަހުންކަން ވަނީ ހާމަވެފައެވެ. ތަހުގީގު ފެށިކަން އެންގިތާ 15 މަސްވާއިރު، ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލެއް ކޮށްނުލައި، އޮތް އޮތުމަކީ އެ ތިން ބޭފުޅުންގެ އަސާސީ ހައްގުތަކެއް ގެއްލިގެންދާ ކަމެކެވެ. ގާނޫނީ މަސައްކަތެއް ކުރަން ބެލިޔަސް، ނުވަތަ އެހެން ވަޒީފާއެއް ހޯދަން ބެލިޔަސް، ތުހުމަތު ކުރެވޭ މައްސަލައެއް އޮތްކަމުގެ ހިޔަނި އެ ބޭފުޅުންގެ މައްޗަށް އޮވެއެވެ. މައްސަލަ ތަހުގީގު މަރުހަލާގައި ދިގުލައިގެން ދިއުމުން ލިބޭ އެންމެ ބޮޑު އެއް ގެއްލުމަކީ މުޖުތަމައުން އެ ބޭފުޅުންނާމެދު ދެކޭ ގޮތް ބަދަލުވުމެވެ. ސަރުކާރާ ދެކޮޅު ނުވަތަ ސަރުކާރުން ނުރުހޭ ބައެއްގެ ގޮތުގައި ލޭބަލްވުމުން، ބައެއް ފަހަރަށް ގާނޫނީ މަސައްކަތެއް ހަވާލު ކުރަން ބައެއް މީހުން ބޭނުމެއް ނުވެއެވެ. އެއީ އެ ކްލައިންޓަކަށް ދެން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމާ ހުރެއެވެ. މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ، އަދި އެ ދާއިރާއިން އެތައް ތަޖުރިބާތަކެއް ހޯއްދެވުމުގެ އިތުރުން އެތައް ދިރާސާއަކާއި ފޮތްތަކެއް ލިޔުއްވާފައިވާ އިލްމީ ތިން ބޭފުޅުންނާމެދު ކަންކުރަމުން އަންނަ ނިކަމެތި ގޮތެވެ. މި މައްސަލައިގައި އޭސީސީގެ ދައުރާމެދު ވެސް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. އޭސީސީން މައްސަލަ ބަލާ ކަމަށް ބުނެ ޖޭއެސްސީއަށް ފޮނުވި ސިޓީއާ ގުޅޭގޮތުން މީގެ ކުރިން ޑރ. އަޒްމިރާލްދާ ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އަޒްމިރާލްދާ ވިދާޅުވެފައިވަނީ، އެ ސިޓީ ފޮނުވީ އެފަދަ ތަހުގީގެއް ނުފަށަނީސް، އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މަގާމު ދިފާއުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޖިނާއީ މައްސަލައެއް ބަލާ ކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް ސިޓީއެއް ފޮނުވި ނަމަވެސް، އެފަދަ ތުހުމަތެއް ކުރާކަން އޭގެ ކުރިން އެއްވެސް ފަނޑިޔާރަކަށް އަންގާފައިނުވާކަން އަޒްމިރާލްދާ ފާހަގަކުރެއްވިއެވެ. އެ މައްސަލަ ތަހުގީގުކުރާ ކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް ސިޓީއެއް ފޮނުވިއިރު، އެކަން ކޮށްފައިވަނީ ކޮމިޝަނުގެ އިޖުރާއަތުތަކާއި އުސޫލުތަކުގެ ބޭރުންކަން ފާހަގަވެފައިވާ ކަމަށާއި، ޝާމިލް ޖޭއެސްސީއަށް ދީފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއްކަން އެނގޭ ކަމަށްވެސް އަޒްމިރާލްދާ ތުހުމަތު ކުރެއްވިއެވެ. މިއީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން އުޅުން ކަމަށް ބުނެ، ޝާމިލްގެ މައްސަލަ ބެލުމަށް އެދި އަޒްމިރާލްދާ ވަނީ އޭސީސީއަށް މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ މައްސަލަ ނުބަލައެވެ. https://www.sun.mv/218411 ތިން ފަނޑިޔާރުންގެ މި ތަހުގީގާ ގުޅޭގޮތުން އޭސީސީގެ ބަހެއް ހޯދާލުމަށް މިއަދު ވެސް މަސައްކަތް ކުރީމެވެ. ނަމަވެސް އެއްވެސް ޖަވާބެއް މިހާތަނަށް ދީފައެއް ނުވެއެވެ. އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި، އަދުލު އިންސާފާއި އަނިޔާވެރިކަމުގެ ވާހަކައިގެ އިތުރުން އަބުރު ރައްކާތެރިކުރުމުގެ ވާހަކަ ދައްކާއިރު، މިއީ ފުންކޮށް ވިސްނާލަންޖެހޭ ކަންކަމެވެ. މީހެއްގެ އަބުރު ރައްކާތެރިކުރުމަކީ ވަކި މަގާމެއްގައި ހުންނަ މީހެއްގެ ނުވަތަ ވަކި ފެންވަރެއްގެ ބައެއްގެ އެކަނި ހައްގެއް ނޫނެވެ. އެ ހައްގާއި އިންސާފު ހަމަ ކޮންމެ މީހަކަށް ވެސް ލިބެންޖެހޭނެ ކަމަށް މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީގައި ވެސް ވަނީ ކަނޑައަޅާފައެވެ. އެއީ ވެރިއަކަށް ހުންނަވާ ބޭފުޅަކު ރުއްސަވައިގެން ލިބެންވާނެ އެއްޗެއް ނޫނެވެ. އޭސީސީގެ ބަޖެޓް ކުޑަވެގެން އަދިވެސް އުޅޭއިރު މިއީ އެ އިދާރާ ޖަވާބު ދާރީ ކުރުވަން ތިބި އެހެން މުއައްސަސާތަކުން ވެސް ވިސްނާލަން ޖެހޭ ކަމެކެވެ. އަދި އޭސީސީއަށް ތުހުމަތު ކުރެވޭ ކަންކަމުގައި އަވަހަށް ރައްދުގައި ބަޔާންތައް ނެރި, އަބުރު ހިމާޔަތުގައި އުޅޭއިރު, އެ ކޮމިޝަންގެ ސަބަބުން ބައެއްގެ އަބުރަށް އުނިކަން އަންނަނަމަ އެކަން ވެސް ހައްލު ކޮށްދޭން ވާނެއެވެ. ތަހުގީގުތައް ދިގުލައިގެންގޮސް، މީހުންގެ އަބުރާއި ކަރާމާތަށް އުނިކަން ލިބޭގޮތަށް ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރާނަމަ އެއީ އިންސާފުގެ މަގުން އެއްކިބާވުމެވެ. ފަނޑިޔާރުންނަށް ކުރެވުނު ތުހުމަތުތަކުގެ ހަގީގަތް ނުހޯދި، އަދި އޭސީސީގެ ރައީސާ ދެކޮޅަށް ހުށަހެޅުނު މައްސަލަ ވެސް ވަކި ކޮޅަކަށް ނުނިމި އޮތުމަކީ، ދިވެހިރާއްޖޭގެ ޝަރުއީ އަދި ތަހުގީގީ ނިޒާމުގެ މިނިވަންކަމާމެދު އުފެދިފައިވާ ސުވާލުތަކަށް އަދިވެސް ޖަވާބެއް ނުލިބި އޮތްކަމުގެ ސާފު ހެއްކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ