ސޫދުގެ ރައްދު އެލްޖީއޭއަށް: ”އިދާރީ ދާއިރާތައް ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު ހިންގުމަށް ގާނޫނުއަސާސީ ހުއްދައެއް ނުދޭ“

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ރައްޔިތުން އިންތިހާބު ނުކުރާ ބަޔަލު ހިންގުމަށް ގާނޫނުއަސާސީ ހުއްދަ ނުދޭ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސޫދު މިހެން ވިދާޅުވީ އަތޮޅު ކައުންސިލުތަކާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރުނު ބަޔާނަކަށް ރައްދު ދެއްވަމުންނެވެ.
ސޫދު ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އާއި 231 ވަނަ މާއްދާ އޮތް ގޮތުން، ގާނޫނުއަސާސީގެ ޖަދުވަލު 2 ގައިވާ އިދާރީ ދާއިރާއެއް ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު ހިންގުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫނެވެ. އަދި ގާނޫނުއަސާސީން ހުއްދަ ނުކުރާ ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ވެސް ހުއްދަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެލްޖީއޭގެ ބަޔާނާއި ސޫދުގެ ރައްދު
އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލުން ހިންގުމަށް ބޭނުންވާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެލްޖީއޭގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ސޫދު ވިދާޅުވީ
 ”ރައްޔިތުން އިންތިހާބު ކުރާ ކައުންސިލްތަކުން އިދާރީ ދާއިރާތައް ހިންގުމަކީ 2008ގެ ގާނޫނުއަސާސީން ދައުލަތް ހިންގުމަށް ގެނައި އެންމެ ބޮޑު ބަދަލު“.
އަދި މިއީ ގާނޫނުއަސާސީގެ މައިގަނޑު އެއް ސިފަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގާނޫނީ ހުސްކަމެއް އަތުވެދާނެ ކަމުގެ ބިރު
އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމުމާ ގުޅިގެން އިދާރީ ދާއިރާތައް ހިންގުމުގައި ގާނޫނީ ހުސްކަމެއް އަތުވެދާނެ ކަމުގެ ކަންބޮޑުވުން ސޫދު ވަނީ ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލްތައް އުވާލި ނަމަވެސް، ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުމަކީ ގާނޫނުއަސާސީ ހުއްދަ ކުރާ ކަމެއް ނޫނެވެ.
މި މައްސަލައަކީ ލާމަރުކަޒީ ނިޒާމަށް އަންނާނެ ބޮޑު ބަދަލަކަށް ވާއިރު، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ގާނޫނީ މާހިރުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ