ގަދަ ވަޔާއެކު ހިތަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން އައްޑޫ ހިތަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ހިތަދޫ ހުޅުދުއާގެ އާއި އޯކަމްލިވާގޭގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. 
މިއަދު ހަވީރު 4:15 އާ ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާއިރު އެމްއެންޑީއެފުން ބުނީ އައްޑޫ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެެއް މަގުތަކުގައި ފެން ބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 
ރޭ މެންދަމު 3:45 އިން ފެށިގެން ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި އަދި މިހާރު ފެންގަނޑު ހިންދައި އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެެ. 
އެމްއެންޑީއެފުން ބުނި ގޮތުގައި ގދ. މަޑަވެއްޔަށް ވެސް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވެގެން އެމްއެންޑީއެފުން ވަނީ ފެން ހިންދައިފަ އެވެ. 
ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގެ އިތުރުން ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާ ހަމައަށް ވެސް މިވަގުތު އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ. އަދި މެޓް އޮފީހުން ބުނީ ގުގުރުމާ އެކު ބޯކޮށް ވާރޭވެހި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. 
ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ އައްޑޫ ގަމަށެވެ. އެގޮތުން ގަމަށް 106.7 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ހިތަދުއަށް 64.9 މިލިމީޓަރުގެ ވާރޭ ވެހުނެވެ. 
ގދ. ކާޑެއްދުއަށް 102.7 މިލިމީޓަރުގެ ވާރޭވެހުނު ކަމަށް މެޓަށް ރިކޯޑް ކުރެވިފައިވާއިރު ހދ. ހަނިމާދުއަށް 68.6 މިލިމީޓަރުގެ ވާރޭވެހިގެން ރިކޯޑް ކުރެވިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ