ރައްޔިތުންގެ މަޖިލީހަށް އާ ނައިބު ރައީސެއް އިންތިޚާބު ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.
މި ޖަލްސާ ފުރަތަމަ ތާވަލުކޮށްފައިވަނީ މިއަދު މެންދުރު ފަހު 1:00 އަށެވެ.
މަޖިލީހަށް އާ ނައިބު ރައީސަކު އިންތިޚާބު ކުރަން ޖެހުނީ، އެ މަޤާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށެވެ.
ނާޒިމް މަޤާމުން އިސްތިއުފާ ދެއްވިކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވަނީ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިންނެވެ. އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ހުށަހެޅުއްވީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގައެވެ. ނަމަވެސް، ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި ބަޔާނެއް ނެރުއްވާފައެވެ.
މަޖިލީހުގެ ނައިބު ރައީސް އިސްތިއުފާ ދެއްވިކަން މިއަދުގެ ޖަލްސާގައި ރަސްމީކޮށް އިޢުލާނު ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ފުރަތަމަ ވިދާޅުވީ މެންދުރު ޖަލްސާއެއް އޮންނާނެ ކަމަށެވެ. އެހެންނަމަވެސް، މަޖިލީހުގެ އިދާރާއިން ފަހުން ވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާކަން ހާމަކޮށްފައެވެ.
މަޖިލީހަށް އާ ނައިބު ރައީސެއް އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ