ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބޯލާ ޖެހިފައިވާކަން ކަށަވަރުވި މީހުންގެ އަދަދު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދެގުނައަށް އިތުރުވެފައިވާކަން ޑަބްލިއުއެޗްއޯއިން ހާމަކޮށްފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔޭސަސް އެގައުމުގެ އިރުމަތީ ސަރަހައްދުގައިވާ ބަލިމަޑުކަމުގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފައިވާއިރު، ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ވެރިރަށް ބޫނިއާއަށް ވަޑައިގެން ޓެޑްރޮސް ވަނީ، މި ނުރައްކާތެރި ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އެ ސަރަހައްދުގެ މުޖުތަމައުތަކުން އިސްނަގައިގެން ބާރަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
ކޮންގޯގެ ކަމާބެހޭ ފަރާތްތަކުން އެންމެ ފަހުން އާންމުކުރި ރިޕޯޓުތަކުން ދައްކާ ގޮތުގައި އެގައުމުގައި އެބޯލާ ޖެހިފައިވާކަން ކަށަވަރުވި މީހުންގެ އަދަދު ވަނީ 225 އަށް އަރާފައެވެ. މިއީ އޭގެ ދެ ދުވަސް ކުރިން ރިޕޯޓްކޮށްފައިވާ 121 ކޭހާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
މި ބަލިމަޑުކަމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، "ޑޮކްޓާސް ވިތައުޓް ބޯޑާސް" (އެމްއެސްއެފް) ޖަމްއިއްޔާއިން ބުނަނީ މިއީ މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ހަލުވިކަމާއެކު ފެތުރޭ އެބޯލާގެ އެއް އައުޓްބްރޭކް ކަމަށެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ޔޫރަޕްގެ އިއްތިހާދުން ސިއްހީ ސާމާނު ފޮނުވަން ފަށާފައިވާއިރު، އެމެރިކާއިން ވަނީ 112 މިލިއަން ޑޮލަރުގެ އެހީއެއް ހުށަހަޅާފައެވެ. ނަމަވެސް އެފްރިކާ ސީޑީސީން ބުނާ ގޮތުގައި މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ ދުނިޔެއިން ލިބޭ ފަންޑު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
މި ބަލިމަޑުކަމާ ގުޅިގެން ސަރަހައްދީ ގައުމުތަކުން ދަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޔުގެންޑާ އާއި ރުވާންޑާއިން ކޮންގޯއާ ގުޅޭ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، އެމެރިކާގެ ވެރިން ވަނީ ކޮންގޯ، ޔުގެންޑާ އަދި ސައުތު ސޫދާނުން އެމެރިކާއަށް ދަތުރުކުރާ މީހުންނަށް ހުރަސްތަކެއް ކުރިމަތިކުރުވާ ފިޔަވަޅުތަކެއް އަޅާފައެވެ.
މިކަމާގުޅިގެން ޑަބްލިއުއެޗްއޯއިން ބުނަނީ ބޯޑަރުތައް ބަންދުކުރުމަކީ ބަލި ހުއްޓުވުމަށް އެދެވޭ ހައްލެއް ނޫން ކަމަށާއި، އޭގެ ސަބަބުން ގައުމުތަކުން ބަލީގެ މައުލޫމާތު ސިއްރުކުރަން މަގުފަހިވާނެ ކަމަށެވެ.
އެބޯލާ ޖެހިފައިވާ މީހުންގެ އަދަދު ދެގުނަވެއްޖެ: ޑަބްލިއުއެޗްއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ