މާލޭގައި ރަޖިސްޓްރީވިތާ އަހަރެއް ނުވާ ފަރާތްތަކަށްވެސް ”ބޯހިޔާވަހިކަން އެންމެންނަށް“ ޕޯޓަލްއިން ފުރުޞަތު ހުޅުވާލައިފި!

މާލޭގައި ރަޖިސްޓްރީވެފައިވާތާ އެއް އަހަރު ދުވަސް ހަމަނުވާ ފަރާތްތަކަށްވެސް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ”ބޯހިޔާވަހިކަން އެންމެންނަށް“ ޕްރޮގްރާމަށް ކުރިމަތިލެވޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.
މިނިސްޓްރީ އޮފް އިިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މާލޭގައި ރަޖިސްޓްރީވެފައިވާތާ އެއް އަހަރު ދުވަސް ހަމަނުވާ ނަމަވެސް، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށް މިހާރު މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
ގެނެވުނު މުހިންމު ބަދަލުތައް:
ރަޖިސްޓްރީގެ މުއްދަތު: މާލޭގައި ރަޖިސްޓްރީވިތާ 1 އަހަރަށްވުރެ ކުރު މުއްދަތެއް ވެފައިވީ ނަމަވެސް އެޕްލައި ކުރެވޭނެ ގޮތަށް ފޯމަށް ބަދަލު ގެނައުން.
ޝަރުޠު: މި ބަދަލުގެ ފައިދާ ލިބޭނީ މާލޭގައި ދިރިއުޅޭތާ ޖުމްލަ 15 އަހަރުވެފައިވާކަން ސާބިތުކޮށްދެވޭ ފަރާތްތަކަށެވެ.
އެޕްލިކޭޝަން ހުށަހެޅުން: އެފަދަ ފަރާތްތަކުން ފޯމު ހުށަހަޅާއިރު، ”މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާކަން“ އަންގައިދޭ ލިޔެކިޔުންތައް ޕޯޓަލްއަށް އަޕްލޯޑް ކުރަންޖެހޭނެއެވެ.
މިނިސްޓްރީން ބުނިގޮތުގައި މި ބަދަލު ގެނައީ ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށާއި، ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށެވެ.
މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތަކަށް (4004-860 އިން ފެށިގެން 4004-865 އަށް) ގުޅުއްވުމަށް ނުވަތަ hotline@infrastructure.gov.mv އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ