މި އާއިލާގެ އާދަޔާ ހިލާފު މަރުން އިންޑިއާއަށް ވެސް ޝޮކެއް

މުމްބާއީގެ ޕައީދޮނީ ސަރަހަައްދުގައި ހުރި އެ ގޭގައި 26 އެޕްރީލްގައި ހިނގީ މުޅި އިންޑިއާއަށް ވެސް އާދަޔާ ހިލާފު ކަމެކެވެ: އެއް އާއިލާގެ ހަތަރު މެމްބަރުން މަރުވީ އެވެ.
އެ ހިތާމަވެރި ހާދިސާ ސިފަކޮށް އިންޑިއާގެ ބައެއް މީޑިއާތަކުން ހަބަރު ފެތުރީ 'ކަރަލާ ގުޅިފައިވާ މަރު'ގެ ގޮތުގަ އެވެ. ސަބަބަކީ އެ އާއިލާއިން އެރޭ އެންމެ ފަހުން ކައިފައި ވަނީ ކަރާ ކަމަށް ވާތީ އެވެ.
ނަމަވެސް މުމްބާއީގެ ފުލުހުންނަށް އަދި ވަކި ގޮތަކަށް ނުނިންމެ އެވެ. އެ މީހުން ތަހުގީގުކުރިއަށް ގެންދަނީ، ކަރާގައި ހިމެނުނު ވިހައަކުން، ބަޔަކު ކުރި ކަމަކުން ނުވަތަ އަމިއްލައަށް މަރުވުން، މިއިން ކޮންމެ ކަމެއް ވެސް ބޮލުގައި ބާއްވައިގެންނެވެ.
މަރުވީ ޕޭދުނީ އަބްދުﷲ ދޮކާދިއާގެ އާއިލާގެ މެމްބަރުންނެވެ. އަބްދުﷲ، 40،ގެ އިތުރުން އޭނާގެ 35 އަހަރުގެ އަންހެނުން ނަސްރީން އާއި ދެ އަންހެން ދަރިން ކަމަށްވާ 16 އަހަރުގެ އައިޝާ އަދި 13 އަހަރުގެ ޒައިނަބެވެ.
ހާދިސާ ހިނގީ 25 އެޕްރީލް ދުވަހުގެ ރޭގަނޑެވެ. ހޮސްޕިޓަލްގައި އެ އެންމެން މަރުވީ އޭގެ އަނެއް ދުވަހު އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 25 ވަނަ ދުވަހުގެ ރޭ ތިމާގެ އެހެން މީހުންނާ އެކު ރޭގަނޑުގެ ކެއުމަކަށް އެ އާއިލާ ބޭރަށް ދިޔަ އެވެ. މައިގަނޑު ކެއުމަކީ ބިރިޔާނި އެވެ. އެ ކެއުމުގައި ބައިވެރިވި އެހެން މީހުންނަށް ނުރައްކަލެއް ދިމައެއް ނުވެ އެވެ. 
އަބްދުﷲ އާއިލާ އެނބުރި ގެއަށް ގޮސް ނިދުމުގެ ކުރިން، ހަތަރު މެމްބަރުން ވެސް، ވަނީ ކަރާ ކައިފަ އެވެ. އެއީ ދަންވަރު 1 އާއި 1:30އާ ދެމެދުގަ އެވެ.
އަނެއް ދުވަހުގެ ހެނދުނު އެ އެންމެން ހޮޑުލައި ބޭރަށް ހިންގަން ފެށި އެވެ. އެޕާޓްމަންޓް ހުންނަ އިމާރާތުގައި އުޅޭ ޑޮކްޓަރަކު އެ މީހުން ބެލުމަށް ފަހު ފޮނުވީ ޖޭޖޭ ހޮސްޕިޓަލަށެވެ. ހެނދުނު 10:15ހާ އިރު ފުރަތަމަ މަރުވީ ޒައިނަބެވެ. ފަރުވާއިން އަސަރެއް ނުކޮށް ދެން މަރުވީ ނަސްރީން އާއި އައިޝާ އެވެ. އަބްދުﷲ މަރުވީ 10:30ހާ އިރު އެވެ.
އެންމެ ފަހުގެ ތަހުލީލުތަކުން އެނގުނީ އެ އެންމެންގެ އެތެރޭގެ ގުނަވަންތަކުންނާއި ކޭ ކަރާގައި ޒިންކް ފާސްފައިޑްގެ އަސަރު ހުރި ކަމެވެ. މިއީ މީދާ މަރަން ބޭނުންކުރާ ވަރަށް ވިހަ ގަދަ ކެމިކަލެކެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އަބްދުﷲގެ އެޕާޓްމަންޓް ހިމެނޭ އިމާެރާތުގައި މީދަލުގެ އުނދަގޫ ބޮޑެވެ.
އެކަމަކު އެ ކަރާގައި ޒިންކް ފާސްފައިޑް ހުންނަން ޖެހުނީ ކީއްވެގެންކަމާ މެދު ސުވާލު އުފެދެ އެވެ. ޒިންކް ފާސްފައިޑަކީ ހިކި އެއްޗެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކަރާ ފޮތިކޮށްފައި އޭގައި އެ ޖެހޭނީ އުނގުޅާށެވެ.
މިހާތަނަށް ފުލުހުން ގަބޫލުކުރަނީ އެއީ 'އެކްސިޑެންޓަލް ޑެތު'ގެ ގޮތަށެވެ. ނަމަވެސް އެކަން ވީ ސީދާ ކިހިނެއްކަމާ މެދު ފުރިހަމަ ޖަވާބެއް އަދި ނެތެވެ.
އާއިލާއިން ކޭ ކަރަލުގައި ބަޔަކު ގަސްދުގައި ވިހަ ލީތޯ، ނުވަތަ އަމިއްލައަށް ކުރި ކަމެއްތޯ ވެސް ފުލުހުންގެ ތަހުގީގުގައި ނަޒަރު ހިންގާނެ ކަމަށް، ފުލުހުންގެ ވެރިން ބުނެ އެވެ.
ކަރާ ހިމެނެނީ އިންޑިއާގައި އެންމެ މަގުބޫލް އެއް މޭވާގެ ގޮތުގަ އެވެ. އެކަމަކު މި މަރާ ގުޅިގެން މުމްބާއީގައި ކަރަލުގެ ވިޔަފާރިއަށް ބުރޫ ވެސް އެރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ