"އެއްވެސް ސަރުކާރަކުން ނުދޭ ވަރަށް މި ސަރުކާރުން އާންމު ސިއްހަތު ރައްކާތެރިކުރަން އަހައްމިޔަތުކަން ދޭ"
މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުދޭ މިންވަރަށް އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ނޭދެވޭ އާދަތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މ. މުލަކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި މީގެ ކުރިން އެންމެ ބޭނުންވާ ވަރަށް ކާމިޔާބީ ނުލިބުމުގެ މާޔޫސްކަން އޮތް ނަމަވެސް، މިއަދު އެ ހާލަތު ބަދަލުވެފައިވާ ކަމަށެވެ. https://sun.mv/223810 މި ރަސްމިއްޔާތުގައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕޭން ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މިއީ ހޭލުންތެރިކުރުމާއި، ދުންފަތް ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ދޭ 'ސެޒޭޝަން' ޚިދުމަތް ފުޅާކުރުމުގެ އިތުރުން، ގާނޫނާއި ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ފަރުމާކޮށްފައިވާ ވަށާޖެހޭ މަސައްކަތެކެވެ. މީގެ މަގްސަދަކީ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ދުންފަތުގެ ނުރައްކަލުން ގައުމު ސަލާމަތްކުރުމެވެ. ވަޒީރު ޤީލާ ވިދާޅުވީ، ވޭޕް އެތެރެކޮށް ވިއްކުން މަނާކުރުމާއި 'ޖެނެރޭޝަނަލް ބޭން' ތައާރަފްކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ފާއިތުވި ދެ އަހަރު ތެރޭގައި ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. "ދުންފަތް ކޮންޓްރޯލްކޮށް އަދާއި މާދަމާގެ ޖީލު ރައްކާތެރިކުރުމަށް ހަރުދަނާ ވަށާޖެހޭ އަދި ދެމެހެއްޓެނިވި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން މިވަނީ ވޭތުވެދިޔަ ދެ އަހަރުތެރޭގައި ތަންފީޒު ކުރަން ފަށާފައި. އޭގެ ހެޔޮ ނަތީޖާ މާތްﷲގެ އިރާދަފުޅާއެކު މާލަހެއް ނުވެ ފެނިގެންދާނެ،" ވަޒީރު ޤީލާ ވިދާޅުވިއެވެ. https://sun.mv/223754 ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ކުރިން ބޮޑުކުރި ސިނގިރޭޓް ޑިއުޓީ (ސިނގިރޭޓަކުން 8 ރުފިޔާ) އަނބުރާ 4 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ބިލެއް ހުށަހަޅާފައެވެ. އަދި މި ބިލު ދިރާސާކުރަން ކޮމިޓީއަށް މިހާރު ފޮނުވާފައިވާއިރު، ނިމުނު މަހުގެ 31 ގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން, އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ބަދަލު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, (ޑަބްލިޔުއެޗްއޯ) ގެ އިރުޝާދަށް ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ. https://sun.mv/223810 ނަމަވެސް މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމީ ކޮން ގޮތަކަށް ވިސްނައިފައިތޯ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަށް ވެސް ވަޒީރު ޤީލާއަށް ޖަވާބުދެއްވިފައެއް ނުވެއެވެ. އެކަމަނާ ވިދާޅުވީ އެ ސުވާލުގެ ޖަވާބު ފަހުން ދެއްވާނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ