ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ މެމްބަރު، ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ބޭންކް ލޯނެއްގެ މައްސަލައިގަ އެވެ. މިއީ އޭނާ އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ލޯނެއް، ހުކުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަމަށް ބުނެ ހުށަހެޅި މައްސަލަ އެކެވެ.
ގާނޫނުއަސާސީގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުކުމާއި އެއްގޮތަށް ސާބިތު ދަރަނި ދައްކަވަމުން ނުދާނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
މައްސަލައިގައި ހިމެނެނީ ސިނާނު އެހެން ބަޔަކާއި ގުޅިގެން އެމްއައިބީން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. އަދި ލޯނުން 2.5 މިލިއަން ރުފިޔާ ނުދައްކާތީ ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމް ކުރީ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށެވެ. އަދި ހަ މަހަށް ބަހައިލުމުން ކޮންމެ މަހަކަށް ޖެހޭ އަދަދު މަދުވެގެން މަހަކު ކޯޓަށް ދެއްކުމަށް ވެއެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތާ ގިނަ ދުވަސް ވެއްޖެ އެވެ. އޭރު މައްސަލަ ކޯޓުގައި ކުރިޔަށް ނުގޮސް އޮތީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޝަނުގައި ތިއްބެވުމުންނެވެ. ދުަސްތޫރީ ބޮޑެތި މައްސަލަތައް ކުރިޔަށް ގެންދެވޭނީ ހަތް ފަނޑިޔާރުން ނުވަތަ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ ގޮތަށެވެ.
މި މައްސަލައިގެ ޝަރީއަތް މާދަމާގެ ހެނދުނު ފެށުމަށް ތާވަލުކޮށްފައިވާއިރު، މައްސަލަ ކޯޓުގައި ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއާއި، ފަނޑިޔާރު ހުސެއިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.
މީގެ ކުރީގައި ވެސް މިފަދަ މައްސަލަތަކާއި ގުޅުވައި، މެމްބަރުންގެ ގޮނޑިއާއި މެދު ސުވާލު އުފެދިފައި ވެއެވެ. އަދި މިއީ 20 ވަނަ މަޖިލީހުގެ މެމްބަރެއްގެ ގޮނޑިއާއި މެދު ސުވާލު އުފައްދައި ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.
ސިނާންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ސުޕްރީމް ކޯޓުގައި ފަށަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ