އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެ، އިސް މަގާމުތަކުން މެމްބަރުން ވަކި ކުރަމުން ދަނީ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައުންސިލް އިންތިހާބަށް ކުރެއްވި މަސައްކަތް އާންމު ރައްޔިތުން ބަލައިގަންނަމުން ދާތީ، އެކަން ހަޖަމް ނުވާ ބަޔަކު އަޑީގައި ތިބެ ޕާޓީ އެއްވިޔަ ނުދޭންކަމަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް އިންތިހާބުގައޮ އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ ތެރެއިން، ޕާޓީގެ އެތެރޭގައި ބޮޑެތި މައްސަލަތައް ވަނީ އުފެދިފަ އެވެ. ހާއްސަކޮށް މި ކާމިޔާބީއަކީ އެއީ ވަކި ބޭފުޅެއްގެ މަސައްކަތެއް ނޫންކަމަށް ބުނެ ކުރާ ބަހުސްތައް ހޫނުވެފައި ވަނިކޮށް، އިބްރޭ މަގާމުން ކުއްލިގޮތަކަށް ވަކި ކުރުން ހިމެނެ އެވެ.
”ސަންގު“ އާއި ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އޮތް އިންތިހާބުގެ ކާމިޔާބީއަކީ މުޅި ޕާޓީ އެކުވެގެން ކުރި މަސައްކަތެއް ނަމަވެސް، ރައީސް ނަޝީދަށް އާންމުން ދޭ ކްރެޑިޓާއި ތަރުހީބުގެ ސަބަބުން ޕާޓީގެ އިސް ލީޑާޝިޕްގައި ތިބި ބައެއް ބޭފުޅުންނަށް އުނދަގޫވެ އެވެ.
އިބްރޭ ވިދާޅުވި ގޮތުގައި، ޕާޓީގެ އެތެރޭގައި ހިތްހަމަނުޖެހުން އުފެދޭ ކަންކަން ކުރަން ފަށާފައިވަނީ އެފަދަ ބޭފުޅުންނަށް ހަޖަމް ނުވެގެންނެވެ. އެގޮތުން، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން މީހުން މަގާމުތަކުން ވަކިކުރަމުންދާކަމަށް ތުހުމަތު ކުރެއްވިއެވެ. މައްސަލައިގެ ތެރެއިން އިއްޔެގެ ވަގުތެއްގައި އިބްރޭ ވެސް މަގާމުން ވަކިކުރިއިރު އެކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ މަގާމަށް އިންތިހާބުވީ 5 އަހަރުގެ މުއްދަތަކަށްކަމަށާއި، ދައުރުގެ ބާކީ އަދި ދުވަސް އެބައޮތް ކަމަށެވެ.
މި ވެގެންއުޅޭ ގޮތަކީ އަސްލު އަޅުގަނޑުމެންގެ ލޯކަލް ކައުންސިލް އިންތިހާބުގަ، މި ލިބުނު ކާމިޔާބަކީ މުޅި ޕާޓީ އެއްކޮށް ކުރި ބުރަ މަސައްކަތެއް. އެހެންނަމަވެސް މީގެ ތެރޭގަ މަސައްކަތް ކުރި މީހުންގެ ތެރޭ ބައެއް ބޭފުޅުންނަށް ޕާޓީގެ އިސްސަފުގަ ތިބި ބައިވަރު ބޭފުޅުންނަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތް އާންމު ރައްޔިތުން ބަލައިގަންނާތީ އެކަން ހަޖަމް ނުވެގެން މިއުޅެނީ އިނގޭތޯ. އެހެންވީމަ ރައީސް ނަޝީދަށް އޭގެ ކްރެޑިޓް ބައިވަރު މީހުން، އާންމު ރައްޔިތުންގެ ތެރޭގަ ދޭތީ އެ ބޭފުޅުންނަށް މިކަން ހަޖަމް ނުވެގެން ހިނގާ ހަރަކާތްތަކެއް ކަމަށް ބޮޑަށް ފާހަގަވަނީ އިނގޭތޯ.
އިބްރޭ ވިދާޅުވީ އަސާސީ ގަވާއިދު ބުނާގޮތުން އިންތިހާބުވެފައި ހުރި މީހަކު މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން ވަކިކޮށް އެހެން މީހަކު އައްޔަނެއް ނުކުރެވޭނެއެވެ. ނަމަވެސް، ކުއްލި ގޮތަކަށް ޑެޕިއުޓީ ޗެއާޕާސަންކަމުން ވަކިކުރިކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާއިރު، އެއީ ގަވައިދާ ހިލާފު ނިންމުމަކަށް ވާތީ އެކަން ބަލައިނުގަންނާނޭކަމަށް އިބްރޭ ވިދާޅުވިއެވެ.
މި ހުރިހާ ނިންމުމެއް ނިންމައި ސިޓީ ފޮނުވަނީ ޣަފޫރު ނަމަވެސް، އޭގެ ފަހަތުގައި އިތުރު ބަޔަކުވާކަމަށް އިބްރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީ އެކުވެގެން ކުރިއަށްދާން ބައެއް ފަރާތްތަކުން ބޭނުމެއް ނުވެ އެވެ. އަދި މިހާރު ހިނގަމުންދާ ކަންކަމަކީ، ސަރުކާރާއި ގުޅިގެން ޕާޓީ ބައިބައިކުރުމަށް ހިންގާ ހަރަކާތެއްކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.
މީގެއިތުރުން އިބްރޭ ވަނީ ޕާޓީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވެސް ކުއްލި ގޮތަކަށް ވަކިކުރީ، ދެއްވި ގާނޫނީ ލަފާއާއި މެދު ނުރުހިގެންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އޭނާ މަގާމުން ވަކިކުރުމަށް ލަފައަކަށް އެދުމުން އިންތިހާބީ މަގާމަކަށް އެފަދަ ފިޔަވަޅެއް ނޭޅޭނެކަމަށާއި، މަގާމުން ދުރުކުރުން ގަވައިދާ ހިލާފުކަމަށް ލަފާދިނުމުން މައުރޫފަށް ފިޔަވަޅު އަޅައި ވަކިކުރީކަމަށް އިބްރޭ ވިދާޅުވި އެވެ.
އިބްރޭ ވިދާޅުވީ މިހާރު އެމްޑީޕީ ފެންނަނީ ގަވައިދަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި، މިލިޓަރީ އުސޫލުން މީހުންނަށް ފިޔަވަޅު އަޅައި ވަކި ކުރަމުންދާ ތަންކަމަށެވެ.
އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ޖެހުނު މައްސަލައާއި ގުޅޭގޮތުން ސުވާލު ކުރުމުން އިބްރޭ ވިދާޅުވީ، ރައީސް ނަޝީދާއި ފައްޔާޒަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދީ ސްޕީޗް ތައްޔާރު ކުރުމަށް ގުޅައި އެންގީ ވެސް ޣަފޫރު ކަމަށެވެ. ނަމަވެސް އެ ފުރުސަތު އަތުލައި އެޖެންޑާއަށް ބަދަލު ގެނައިކަން، އަންގާނެހާ ހިތްވަރެއް ޣަފޫރުގެ ނެތްކަން އިބްރޭ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެޖެންޑާއަށް ގެނައި ބަދަލުގެ މައުލޫމާތު އެނގިގެން، ރޭގަނޑުގެ 07:15 ހާއިރު ގުޅައި ވެގެން އުޅޭ ގޮތާއި މެދު ސުވާލު ކުރީ ފައްޔާޒް ކަމަށެވެ. އިބްެރޭ ވިދާޅުވީ އެޖެންޑާއިން ރައީސް ނަޝީދާއި، ފައްޔާޒް އުނިކުރީ މަސްލަހަތަށް ބަލައިކަމަށް ޣަފޫރު ވިދާޅުވި ކަމަށެވެ. އެއީ ކޮންމެވެސް ބައެއްގެ ނުފޫޒުން ޣަފޫރު ކުރެއްވި ކަމެއްކަމަށާއި، ރައީސް ނަޝީދަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބު ފެނުމުން ޣަފޫރާއި އޭނާއަށް އިރުޝާދު ދެމުންދާ ބަޔަކަށް ކެތްނުކުރެވުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލްސާ ފެށުމުގެ ކުޑަތަންކޮޅެއް ކުރިން، 07:15 ހާއިރު އެކަން އެނގިގެން، ކުރީގެ ޗެއަޕާސަން ފައްޔާޒް އަބްދުލްޣަފޫރަށް ގުޅުއްވާފަ އެބޭފުޅުންނަށް ފުރުސަތު ނުދެއްވާވާހަކަ އަޑުއިވެޔޭ، ކިހިނެއްތޯ އޭ ވީ. ބުނީމަ ދެން މި ވިދާޅުވަނީ މިހާރު މަސްލަހަތަށްޓަކާ ބަލާފަ ފުރުސަތު ނުދޭން ނިންމީއޭ. އެހެންވީމަ އެހާވެސް ހިތް ވަރެއް ނެތް މީހެއް ޣަފޫރަކީ. ޣަފޫރު އަމިއްލައަށް ތިމަންނަގެ އަތުގައޭ ބާރު އޮތީ ބުނީ، ހަމަ އައި ވިލް ޑިސައިޑް އޭ ބުނީ އިނގޭތޯ. އިނގިރޭސި ބަހުން ހަމަ އައިވިލް ޑިސައިޑްއޭ ބުނެފަ، ފުރުސަތު ދޭނަމޭ ބުނެފަ، ފުރުސަތު ނުދީ އެ ވާހަކަބުނެލާހާ ހިތްވަރެއް ނެތް މީހެއް އަބްދުލްޣަފޫރަކީ. އެހެންވެގެން މި މައްސަލަ ޖެހުނީ. ތިބޭފުޅުންނަށް އިނގޭނެ ވަރަށް ބޮޑަށް އެތާ ޖަލްސާ ހިންގަމުން ދިޔައިރު އެކި އެކި ބޭފުޅުންގެ ނަންތައް އަރާ ބޭފުޅުން ތިއްބެވިއިރު، ރައީސް ނަޝީދަށް އެތަނުން ލިބެމުން ދިޔަ ތަރުހީބާ އެއްޗެހި ފެނުނީމަ ކިހިނެއްތޯ ޣަފޫރުމެން ކެތްކުރާނީ.
އިބްރޭ ވިދާޅުވި ގޮތުގައި، އެމްޑީޕީއަކީ 20 އަހަރުގެ ތާރީޚެއް އޮތް ޕާޓީއަކަށް ވާއިރު، ޣަފޫރު މޫސާ ފަދަ ބޭފުޅުންނަށް ބޭނުންހާ ގޮތަކަށް ޕާޓީއާ ކުޅެން އާންމު މެންބަރުންނާއި ގައުމީ މަޖިލީހުން ފުރުސަތު ނުދޭނެއެވެ. އަދި މިފަދަ ގެއްލުންދޭ ފަރާތްތަކުގެ ކިބައިން ޕާޓީ ސަލާމަތްކޮށް، ވަރުގަދަކަމާއެކު ނުކުމެ 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ވިދާޅުވި އެވެ.
އެހެންވީމަ މިހާރު އެމްޑީޕީގަ އެއްވެސް ގަވައިދަކަށް އެއްޗަަކަށް ބެލުމެއް ނެތް، ވަރަށް ހުދުމުހުތާރު މިލިޓަރީ އުސޫލެއް އެ ބޭނުން ކުރައްވަނީ..
އިބްރޭ ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ހިންގާ ޕާޓީއަކަށް ހެދުމަށް އާންމު މެމްބަރުންގެ ތެރެއިން އެއްވެސް ބަޔަކު އެއްވެސް ޖާގައެއް ނުދޭނެ އެވެ.
އެމްޑީޕީން ފެންނަނީ ހުދުމުހުތާރު މިލިޓަރީ އުސޫލެއް، ރައީސް ނަޝީދަށް ކްރެޑިޓް ދޭތީ ހަޖަމު ނުވާ ބަޔަކު އެބަތިބި: އިބްރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ