ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުން ސައުދީ އަރަބިއްޔާގެ ޓީމު ކެޓުމާ ގުޅިގެން އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ޔާސިރު އަލް-މިސެހަލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސައުދީ ޓީމު ގްރޫޕް އެޗްގެ ފުލަށް ގޮސް މުބާރާތުން ކެޓީ އެންމެ ދެ ޕޮއިންޓާ އެކުގައެވެ. އެ ޓީމު ވަނީ އުރުގުއާއީ އަދި ކޭޕް ވާޑްއާ އެއްވަރުވެ، ސްޕެއިން އަތުން ބަލިވެފައެވެ.
އަލް-މިސެހަލް ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި ”ވޯލްޑް ކަޕުގެ ދެވަނަ ބުރަށް ގައުމީ ޓީމު ކޮލިފައި ނުވުމަކީ އަޅުގަނޑުމެންގެ ހުރިހާ އުންމީދުތަކެއް ހާސިލުނުވި ނަތީޖާއެއް“ ކަމަށެވެ. އެ ނަތީޖާގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށާއި ޓީމު ރަނގަޅު ހިސާބެއްގައި ދެކެން އެދުނު ހުރިހާ ފަރާތްތަކެއްގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
”ޒިންމާ ނެގުމަށްޓަކައި އާ މަރުހަލާއަކަށް ފުރުސަތުދިނުން ލާޒިމުކަމަށް ގަބޫލުކުރެވޭތީ މި ދައުރު ހަމަވަންދެން މަގާމުގައި ނުހުރެ ދޫކޮށްލުމަށް ނިންމައިފިން،“ އޭނާ ލިޔުއްވައިފައިވެއެވެ.
އަލް-މިސެހަލް ހަތް އަހަރު ވަންދެން އެ މަގާމު ފުރުއްވައިފައިވެއެވެ. އަދި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ސައުދީގައި ބާއްވަން ހޯދި ބިޑުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
މިއީ ވޯލްޑް ކަޕުގައި ޖެހިޖެހިގެން ސައުދީ ބައިވެރިވި ތިންވަނަ ފަހަރެވެ. ޖުމްލަ ހަތްވަނަ ފަހަރެވެ. ނަމަވެސް މުބާރާތް ފެށުމުގެ ދެ މަހެއްހާ ދުވަސް ކުރިން ކޯޗު ހާވޭ ރެނާޑް ވަކިކޮށް ޖޯޖިއޮސް ޑޯނިސް ހަމަޖެއްސުމުން ތައްޔާރީތަކަށް ބުރޫ އެރިއެވެ. ފާއިތުވި އަހަރުތަކުގައި ސައުދީ ސަރުކާރުން ފުޓުބޯޅައަށް ބޮޑެތި ހޭދަތައްކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ނޭމާ ޖޫނިއާ ފަދަ ތަރިން ސައުދީގެ ކުލަބުތަކަށް ގެންގޮސްފައިވެއެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ވޯލްޑް ކަޕުން ކެޓުމުން ސައުދީ ފެޑެރޭޝަންގެ ރައީސް އިސްތިއުފާދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ