ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20.70ރ. އަށް އުފުލިއްޖެ

ބޭރު ފައިސާގެ ބޭނުންތަކަށް އާންމުންނާއި ވިޔަފާރިވެރިން ވެސް ބަރޯސާވާން މަޖުބޫރުވެފައިވާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު އަދަދަކަށް އުފުލި، ޑޮލަރެއް ގަންނަން ލިބޭ އަގު އަނެއްކާ ވެސް އުފުލިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރެއް މިއަދު ގަންނަން ލިބެނީ 20.70ރ. އަށެވެ. މި މަސް ފެށުނުއިރު ޑޮލަރެއްގެ އަގު ހުރީ 20.50ރ. ގަ އެވެ. މިއީ ދުވަސްތަކެއް ވަންދެން 20ރ. އާ ގާތުގައި އަގު ހިފެހެއްޓިފަ ހުރުމަށް ފަހު، ޑޮލަރު އިހުނަށް ވުރެ ތާށި ވުމުން އަގަށް އައި ބަދަލެކެވެ.
ރަސްމީ ރޭޓަށް ވުރެ ކަޅު ބާޒާރުން ޑޮލަރު ގަންނަން ލިބޭ އަގު އަބަދު ވެސް ބޮޑެވެ. ނަމަވެސް މިހާރު މި ހުރި ވަރަށް ޑޮލަރުގެ އަގު އުފުލުނީ މި ސަރުކާރު އައިސް ބޭރު ފައިސާގެ ގަވާއިދާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާ އެކީގަ އެވެ.
މި ސިޔާސަތު އިއުލާންކުރަމުން ސަރުކާރުން ބުނީ ޑޮލަރުގެ އަގު މައްޗަށް ނާރާނާ ކަމަށެވެ. ނަމަވެސް އެ ފަހުން ދޮޅު އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް ޑޮލަރުގެ އަގު ހަމަ އެއް ގޮތަކަށް ވެސް ތިރިއެއް ނުވެ އެވެ. 
ޑޮލަރު ތާށިކަމުގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވެސް ވަނީ އާދަޔާ ހިލާފު ފިޔަވަޅުތަކެއް އަޅަން ޖެހިފަ އެވެ. އެ ބޭންކުން ވަނީ އީކޮމާސް ގިނަ ސައިޓުތަކުން ބޮޑު ފީއެއް ނަގަން ފަށާ، އެ ބޭންކުން ދޫކޮށްފައިވާ ހުރިހާ ރުފިޔާ ކާޑުތަކެއް ހިމެނޭ ގޮތަށް ދުވަހުގެ ލިމިޓެއް ކަނޑައަޅާފަ އެވެ. 
މި ދަތިކަމުގެ ތެރޭގައި ބީއެމްއެލްއިން ވަނީ ބޭންކަށް މާރުކުރާ ޑޮލަރު އިތުރުކުރުމުގެ ބޭނުމުގައި ބީއެމްއެލް އިން "އިންވެސްޓްމަންޓްސް" ގެ ނަމުގައި ހިދުމަތެއް ތައާރަފުކޮށްފަ އެވެ. މިއީ ދިވެހި ރުފިޔާއިން ބޮޑު ފައިދާއެއް ލިބޭ ގޮތަށް ބޭންކަށް ޑޮލަރު މާރުކުރާ ހިދުމަތަކެވެ. 
ބީއެމްއެލްއިން ބުނާ ގޮތުގައި އެ ބޭންކަށް އިންވެސްޓު ކުރާ ފައިސާތައް ބޭނުންކުރަނީ ބޮޑު ފީ ނަގާ އީކޮމާސް ސައިޓުތަކަށް ފައިސާ ދައްކާށެވެ. އިންވެސްޓުކުރާ މީހުންނަށް ފައިދާގެ ގޮތުގައި ދެނީ މިގޮތުން ނަގާ 30 ޕަސެންޓުގެ ތެރެއިން ބޭންކަށް ފަހެއް، ބާކީ 25 އިންވެސްޓަރުންނަށް ނިސްބަތުންނެވެ. 
މި ގޮތަށް ފައިދާ ލާފައި ޑޮލަރަށް ދިވެހި ރުފިޔާއިން އަގު ދެއްކުމުން، ބޭންކުން ޑޮލަރަށް ޖެހޭ އަގު 19.30ރ. އަށް އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ