ރިޝްވާން ނަން ނެގުމުން ކެލާ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެއްޖެ

ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހަޅާފައިވާ އަޙްމަދު ރިޝްވާން / ޢާލަމް ، ހއ. ދިއްދޫ، ނަން އަނބުރާ ގެންދިޔުމުން އެ ދާއިރާގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.
ހޮނިހިރު ދުވަހު އޮންނަ މި ޕްރައިމަރީގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ރިޝްވާން އޭނާގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އެމްޑީޕީން މިއަދު ބުންޏެވެ.
ރިޝްވާން ނަން ނެގީ ވޯޓު ކަރުދާސް ވެސް ޕްރިންޓްކުރި ފަހުން ނެވެ. އެހެންކަމުން މިއިންތިޚާބުގައި ރިޝްވާންގެ ނަމާއި ދިމާލުގައި ފާހަގަޖަހާ ވޯޓުތައް ގުނޭނީ ބާޠިލް ވޯޓުގެ ގޮތުގައިކަމަށް އެމްޑީޕީން ބުންޏެވެ.
20 ވަަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެލާ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދަން ކުރިމަތިލި ރިޝްވާނަށް ލިބިފައި ވަނީ ކެންޑިޑޭޓް ނަންބަރު 3 އެވެ.
ރިޝްވާން ނަން ނެގުމުން އެ ދާއިރާގެ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މި ޕްރައިމަރީގައި ދެން އެ ދާއިރާ އަށް ވާދަކުރަނީ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) އާއި ވަށަފަރަށް ނިސްބަތްވާ އަހްމަދު ޣާލިބް އެވެ.
ރިޝްވާން ނަން ނެގުމާއެކު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސް ޣާލިބު އާއި އިބްރޭގެ ކުރިމަތިލުން ވަރުގަދަވާނެ ކަމަށް އެ ދާއިރާއިން ވާހަކަ ދެއްކި ބައެއް އެމްޑީޕީ މެންބަރުން ބުންޏެވެ.
ޣާލިބަކީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު އާއި ރައީސް އޮފީހުގެ މިނިސްޓަރުންކަމަށްވާ ޢަލީ އާރިފް އަދި އިޤްބާލް އާދަމްގެ އާއިލީ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ