ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރަން ދެ މިނިސްޓްރީއަކަށް އަންގައިފި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރަން ދެ މިނިސްޓްރީއަކަށް އަންގައިފި

އޭޕްރިލް 18، ގައި ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކުރި ކަންކަން ތަންފީޒު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އަންގަވައިފި އެވެ.
ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފުލުހުންނާ ގުޅޭގޮތުން ފާހަގަކުރި ކަންކަން ދެވަނަ ފަހަރަށް ތަކުރާރު ނުވެދިނުމަށް ރައީސް މުއިއްޒު ވަނީ ފުލުހުންގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، ޔުމްނު ވެއްޓުނު ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށެވެ.
މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ދާއޫދު އަހުމަދު ފުލުހުންނަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރި މައްސަލަ ވެސް ބެލުމަށް ރައީސް ވަނީ އަންގަވައިފަ އެވެ.
ޔުމްނު އެހީތެރިކަމަށް ބޭނުންވެފައި އޮތް ވަގުތު އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް އެހީތެރިކަން ފޯރުކޮށްދީފައި ނުވާއިރު، އެކަން ދާއޫދުއަށް އެނގިހުރެ ކަމާ ބެހޭ ފަރާތްތަކަށް ނޭންގުމުގެ މައްސަލަ ވެސް ފުލުހުން ބެލުމަށް ވެސް ވަނީ އަންގާފަ އެވެ.
މީގެއިތުރުން ރައީސް ވަނީ ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ ގޮތުން އައިޖީއެމްއެޗާއި އެ ހޮސްޕިޓަލުގައި ހުންނަ އެފްޕީޔޫގެ އިދާރީ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ހެލްތު މިނިސްޓްރީއަށް އަންގައިފަ އެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން ފާހަގަވި ކަންކަމާ ގުޅިގެން ފިޔަވަޅުތައް އަޅާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅިގެން އެޅި އެއްވެސް ފިޔަވަޅެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ