ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން ވެސް އެއްބަސްވެއްޖެ

އިސްރާއީލާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުން ގަބޫލުފުޅު ކުރައްވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޓްރަމްޕްގެ ހުށަހެޅުން ނަތަންޔާހޫ ގަބޫލުފުޅުކުރައްވާ ކަމަށާއި އެކަމާގުޅޭގޮތުން މިއަދުގެ ވަގުތެއްގައި ބަޔާނެއް ދެއްވާނެ ކަމަށެވެ. އިސްރާއީލުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައިވާއިރު، އީރާނުން ވެސް މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ. "އޮޕަރޭޝަން ރައިސިން ލަޔަން" ގެ ނަމުގައި އިސްރާއީލުން އީރާނަށް ދިން ހަމާލަތަކުގެ މަގްސަދު ހާސިލުކޮށްފައިވާ ރިޕޯޓުކުރުމަށް އިސްރާއީލުގެ ދިފާއީ ވަޒީރާއި، ޖާސޫސީ އިދާރާ، މޮސާޑުގެ ވެރިޔާއާ އެކު ނަތަންޔާހޫ ރޭ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. "އިސްރާއީލުގެ އަސްކަރިއްޔާއިން ތެހެރާނުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ހޯދައި، އަސްކަރީ ލީޑަޝިޕަށް ބޮޑެތި ގެއްލުންތަކެއް ދީ، އީރާނުގެ މަރުކަޒީ ސަރުކާރުގެ ދިހަވަރަކަށް އަމާޒުތައް ހަލާކުކޮށްލި," ނަތަންޔާހޫ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވާ ކޮންމެ ކަމެއްގައި އިސްރާއީލުން ރައްދުދޭނެ." ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. ދިފާއީ ގޮތުން އިސްރާއީލަށް ތާއީދުކޮށް، އީރާނުގެ ނިއުކްލިއާ ނުރައްކާ ނައްތާލުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ޓަކައި ނަތަންޔާހޫ ވަނީ ޓްރަމްޕަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން ނަތަންޔާހޫއާ ޓްރަމްޕް މަޝްވަރާކުރައްވާފައިވާއިރު، ނާއިބު ރައީސް ޖޭޑީ ވެންސް ހިމެނޭހެން އެހެން އިސް އޮފިޝަލުންގެ ޓީމަކުން އީރާނާ މަޝްވަރާކޮށްފައިވާ ކަމަށް ވައިޓް ހައުސްގެ އިސް އޮފިޝަލަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާކަން އިސްރާއީލުން އިއުލާނުކޮށްފައި ވަނީ ހަމަލާތައް ހުއްޓާލުމަށް ކުރިއަށް އޮތް ވަގުތުތަކުގައި އަމަލުކުރަން ފަށާނެ ކަމަށް ޓްރަމްޕް ވިދާޅުވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ