މަންޑޭ ހުޅުމާލޭ ޖަލުގައި, ފައިސާ ދެއްކި މީހުން ގޮތް ހުސްވެފައި
ކުއްލިއަކަށް ވަރަށް ތަނަވަސް މީހެއްގެ ގޮތުގައި މަޝްހޫރުވި, ހަސަން މަމްދޫހު (މަންޑޭ)ގެ ކޭޕާކުން ގިނަ ބަޔަކަށް އޮޅުވާލައިގެން ފްލެޓް ވިއްކި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ޖަލުގައި ބަންދު ކޮށްފައިވާއިރު ގެއްލުން ލިބުނު މީހުންނަށް އިންސާފު ލިބޭނެކަމުގެ އެއްވެސް އުންމީދެއް އަދި ލިބިފައިނުވާ ކަމަށް ކޭޕާކް ވިކްޓިމްސްއިން ބުނެފިއެވެ. އޮޅުވާލައިގެން ކޭޕާކު ފުލެޓުތައް ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ތުހުމަތުގައި މަންޑޭގެ އިތުރުން ޖައިޝާން ސައީދަށް ވެސް ދައުވާކުރެއެވެ. މަންޑޭއާ ދެކޮޅަށް 100 އަށްވުރެ ގިނަ ދައުވާކުރާއިރު ޖައިޝާނާ ދެކޮޅަށް 98 ދައުވާއެއް ވަނީ އުފުލައިފައެވެ. https://www.sun.mv/207649 މިދިޔަ އަހަރުގެ ޖުލައި 30 ގައި ކްރިމިނަލް ކޯޓުގައި ވަނީ މި މައްސަލައިގެ ޝަރީއަތް ފަށައިފައެވެ. ނަމަވެސް، މަންޑޭ ޝަރީއަތްތަކަށް ހާޒިރުނުވާ މައްސަލަ ބޮޑެވެ. އެހެންވެ، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ޖަލުގައި ބަންދު ކުރުމަށް އަމުރު ކޮށްފައެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަޙްމަދު މިއަދު "ސަން"އަށް ވިދާޅުވީ، ކޯޓުގެ އަމުރާ ގުޅިގެން އިއްޔެ މަންޑޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި، މިހާރު އޭނާ ހުރީ ހުޅުމާލޭ ޖަލުގައި ބަންދުކޮށްފައި ކަމަށް ޔުސްރީން ވިދާޅުވިއެވެ. ކޭޕާކް މައްސަލައިގައި ގެއްލުން ލިބުނު އެތައް ބަޔަކު ގުޅިގެން "ކޭޕާކް ވިކްޓިމްސް" ގެ ނަމުގައި އަންނަނީ އިންސާފު ހޯދުމަށް ހަރަކާތްތަކެއް ހިންގަމުންނެވެ. އެ ޓީމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު މިއަދު "ސަން"އަށް ވިދާޅުވީ، މި މައްސަލައިގައި މަންޑޭގެ ފަހަތުން އަބަދު ދުވެގެން އިންސާފު ލިބެން ނެތް ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ގޮތްތަކެއް ނިންމަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކޭޕާކްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) -- އެންމެ ބޮޑު ކަންބޮޑުވުމަކީ އެހާ ގިނަ ބަޔަކަށް ގެއްލުން ލިބުނުއިރު ވެސް ވޭތުވެދިޔަ ސަރުކާރުތަކުން އަޅާ ނުލުން ކަމަށް އޭނާ ވިދާޅުވިއެވެ. "ސަރުކާރުން އަމަލުކުރާނެ ގޮތެއް އަދި ވެސް ހާމައެއް ނުކުރޭ. މި މައްސަލައިގައި އެއްވެސް އެއްޗެއް ހާމައެއް ނުކުރޭ. ޕީޕީއެމްގެ ވެރިކަމެއް ނިމިއްޖެ, އެމްޑީޕީގެ ވެރިކަމެއް ނިމިއްޖެ, މިހާރު އަނެއްކާ މި ސަރުކާރުގައި ވެސް ވަކި އެއްޗެއް ނުބުނޭ. އެއީ ގޮތެއް ނޫން. ކޮންމެ ވެސް ކަމެއް ކޮށްދޭން ވާނެ," އޭނާ ވިދާޅުވިއެވެ. ކޭޕާކް ވިކްޓިމްސްގެ ފަރާތުން އަންނަނީ މި މައްސަލައިގައި އިންސާފު ހޯދުމަށް ކަމާބެހޭ ފަރާތްތަކުގައި އާދޭސް ކުރަމުންނެވެ. އަދި، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް އެ މީހުން ބުނެއެވެ. ބޮޑު އޮޅުވާލުމަކުން އެތައް ބަޔަކު ހާލުގައި ޖެއްސި ކޭ ޕާކް ރެޒިޑެންސް ރަސްމީކޮށް އިފުތިތާހުކުރީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ ފަހުން އެ ފުލެޓުތައް ނިންމަން ތަފާތު ތާރީޚުތައް ދިން ނަމަވެސް އެ ތަނުގައި ދިރިއުޅެން ފެށޭ ވަރު ނުވެއެވެ. އެ އިމާރާތުގެ މަސައްކަތްކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ވަނީ ކޭ ޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތް ހަދައިގެން އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަމަށް ބުނެފައެވެ. އެކަން ކުރުމުގެ ތުހުމަތުކުރެވެނީ މަންޑޭއަށެވެ. އޭނާއަކީ އެ ކުންފުންޏާ ގުޅިގެން އެ މަޝްރޫއު ހިންގި މީހާއެވެ. https://sun.mv/206770 ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި މީހުންނަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލަ ފުލުހުން ތަހުގީގުކުރިއެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ހުރި މަންޑޭގެ ޕެންޓުހައުސްގައި ހުރި ތަކެތީގެ ވަރަށް ތަފުސީލީ މައުލޫމާތު މީގެ ކުރިން ވަނީ އާންމުކޮށްފައެވެ. ތަހުގީގުގެ ތެރެއިން ބެލިއިރު އޭރު އެ ޕެންޓްހައުސްގެ އަގު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެ ތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނެވެ. ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަންޑޭ ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ. އެކަމަކު، އެ ތުހުމަތުތައް ދޮގުކޮށް މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މަންޑޭ ވަނީ އެ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ