އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމް، 65، ގެ މަރުގެ ތަހުގީގަށް އޭނާގެ އަންހެނުން، ނާޒިމާ އިބްރާހިމްގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމާގެ ފޯނު ފުލުހުން ހިފެހެއްޓީ މިއަދު ހަވީރު އެވެ. އޭނާގެ ފޯނު ފުލުުހުން ހިފަހައްޓާފައިވާކަން ނާޒިމާ އާއި އަބްދުއްރަހްމާންގެ ދަރިފުޅު، އަހުމަދު ނިމާލް އަދަދު އަށް ކަށަވަރު ކޮށްދިނެވެ.
"ފޯނުގެ ޑޭޓާތަކެއް ނަގަންށޭ ކިޔާފައި އެމީހުން ފޯނު އަތުލީ،" ނިމާލް ބުންޏެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އަބްދުއްރަހްމާންއަށް ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވަ އެވެ. އެ ގެއަކީ ނާޒިމާގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ.
އެހެންނަމަވެސް ނާޒިމާ އާއި އަބްދުއްރަހްމާން ނިދަނީ ދެ ކޮޓަރިއެއްގަ އެވެ. ނާޒިމާ ނިދަނީ އޭނާގެ މަންމަ ދިރިއުޅުނު ކޮޓަރީގަ އެވެ.
ނިމާލް ބުނީ އޭނާގެ މާމަ ބަލިވީއްސުރެ ވެސް ނާޒިމާ ނިދަނީ އެ ކޮޓަރީގައި ކަމަށާއި މާމަ ނިޔާވިފަހުން ވެސް އެ ކޮޓަރިއަށް އާދަވެފައި ހުރުމުން އެ ކޮޓަރީގައި ނާޒިމާ ނިދަނީ ކަމަށް ނިމާލް ބުންޏެވެ.
"މާމަ ދުނިޔޭގައި މަންމަ ނިދާނީ މާމަ ކައިރީގައި، އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން. އެހެންވެ އެ ތަންމައްޗަށް އާދަވެފައި މަންމަ ހުރީ. މަންމަގެ ހުރިހާ އެއްޗެއް ހުންނާނީ އެ ކޮޓަރީގައި، ރުފިޔާއެއް ބެހެއްޓިޔަސް ލިޔެކިޔުމެއް ބެހެއްޓިޔަސް އެ ތަނުގައި ބަހައްޓާނީ،" ނިމާލް ބުންޏެވެ.
އަބްދުއްރަހްމާން އަކީ މާޅޮހުގައި އާންމުކޮށް ދިރިއުޅޭ މީހެއް ނޫނެވެ. އޭނާ ހުންނަނީ އެ އަތޮޅުގައި އުކުޅަހުގައި އެ ރަށު ދޯންޏަކުން މަހަށް ދާށެވެ. މާޅޮހަށް އެނާ ދިޔައީ ދަތުރެއްގައި އޭނާގެ ދަރިފުޅު، ނިމާލް ރާއްޖެއިން ބޭރަށް ދާން ޖެހުމުންނެވެ.
"ގޭގައި ހުންނާނެ އޭސީ ކޮޓަރިއެއް ވެސް، މަންމަ ކައިރީގައި ބުނިން އެ ކޮޓަރިއަށް ބަދަލުވާން ވެސް، އެކަމަކު މަންމަ ބޭނުންވީ ހަމަ މާމަ ކޮޓަރީގައި ނިދަން. އެ ކޮޓަރީގައި ހުންނާނީ ވެސް ސިންގަލް އެނދެއް،" ނިމާލް ބުންޏެވެ.
އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ތަހުގީގުގެ ބޭނުމަށް އަބްދުއްރަހްމާން ދިރިއުޅުނު ގެ، މާހިޔާ، ކައިރި ބޮޑު ސަރަހައްދެއް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. އޭގެއިތުރުން އެ ރަށު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް އާއި ފައިގެ ނިޝާނުގެ އިތުރުން އިނގިލީގެ ނިޝާން ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.
ފުލުހުން ސާމްޕަލް ނެގި މީހުންގެ ތެރޭގައި ހިމެނެނީ އަބްދުއްރަހްމާންއަށް އެހީވުމަށް އެރޭ އެތަނަށް ދިޔަ މީހުންނެވެ.
އެ މައްސަލައާ ގުޅިގެން މިހައިތަނަށް އަދި އެއްވެސް މީހަކު ފުލުހުން ހައްޔަރެއް ނުކުރެ އެވެ. އަދި އެ މައްސަލައިގެ ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.
މާޅޮހުގައި ހަރަކާތްތެރިވާ ފުލުހުން ދަނީ ތަހުގީގުގެ ބޭނުމަށް، އެ ރަށަށް އަރައިފައިބާ މީހުން އަދިވެސް މޮނީޓާ ކުރަމުންނެވެ.
އަބްދުއްރަހްމާންގެ މަރުގެ ތަހުގީގަށް އަންހެނުން ނާޒިމާގެ ފޯނު ފުލުހުން ހިފަހައްޓައިފި އަބްދުއްރަހްމާންގެ މަރުގެ ތަހުގީގަށް އަންހެނުން ނާޒިމާގެ ފޯނު ފުލުހުން ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ