20 ވަނަ މަޖިލީހުން ލާމަރުކަޒީ ނިޒާމު ހަރާބުކުރަން ހިންގާ ޖަރީމަތަކަށް ރައްޔިތުން ފާރަވެވާން ޖެހޭ: ރިލޭ

20 ވަނަ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ނިޒާމު ހަރާބުކުރަން ހިންގާ ޖަރީމަތަކަށް ރައްޔިތުން ފާރަވެވާން ޖެހޭކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވެއްޖެ އެވެ.
ރިލޭ މިހެން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރަށުގައި މިވަގުތު ހިންގަމުންދާ 17 މަޝްރޫއެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ޝެއާކޮށް ލިޔުއްވި ޕޯސްޓެއްގަ އެވެ.
އޭނާ ވިދާޅުވީ، 19 ވަނަ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު 8 ވަނަ އަދި 9 ވަނަ އިސްލާހުގެ ސަބަބުން ދައުލަތުގެ ބަޖެޓުން %5 މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއް ހިމެނޭހެން ބެހިގެން ދިއުމުން ރަށްރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތައް ފަތުއަޑުކިޔާފަ ބާރަށް ކުރިއަށްދާތަން މަންޒަރު ކުޅުދުއްފުށިންވެސް ފެނިގެންދާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ހިދުމަތްދީ، ރަށްރަށަށް ދިރުން ގެނައުމަށް އެޅުނު ރަން ބިންގަލެއްކަން ރިލޭ ފާހަގަކުރެއްވި އެވެ.
"އެހެންނަމަވެސް ބައެއް ފަރާތްތަކުން ދެކޭގޮތުގައި، ދައުލަތުގެ ބަޖެޓުގެ %5 ކައުންސިލްތަކަށް ދިނުމުގެ ސަބަބުން ސަރުކާރުގެ ބަޖެޓް ދަތިވޭ.
އެއްވެސް ކަމެއް އެއްވެސް ޕްރޮޖެކްޓެއް ހިންގަން ދަތިވެގެން މިއުޅެނީ ހަމަ މި %5 ހެދި ބާވައޭ ހިތަށް އަރާ ވަރަށް އެބޭފުޅުން މިވާހަކަ ވިދާޅުވޭ މީ މިއަދު ވިސްނާލުން މުހިންކަމެއް." ރިލޭ ވިދާޅުވި އެވެ.
ރިލޭ ވިދާޅުވީ، ކައުންސިލަރުންގެ މުސާރަ އާއި ކައުންސިލް އިދާރާތަކުގެ މުއައްޒަފުންގެ މުސާރަވެސް ހަމަޖައްސައި ފުއްދަމުންދަމުންދަނީ މި 5 އިންސަތައިންގެ ބަޖެޓުން ކަމަށެވެ. މިހުރިހާ ހަރަދަކަށްފަހުވެސް، ރައްޔިތުންނާ ގާތުން އެތައް މަސައްކަތެއް ކައުންސިލްތަކުން ކުރަމުންދާތަން ފެންނަމުންދާކަން ފާހަގަކުރައްވަމުން ރިލޭ ވިދާޅުވީ، މިހާރުވެސް ސިޓީ ކައުންސިލުން ކުޅުދުއްފުށީގައި 17 ޕްރޮޖެކްޓް ހިންގަމުންދާ ކަމަށެވެ.
"މިއަދުގެ ސަރުކާރަށް ކުރީގެސަރުކާރުން ފަށާފައިވާ އެއްވެސްކަމެއް ކުރިއަށް ނުގެންދެވި އާ ކަމެއް ފަށާ ނުގަނެވި 2 އަހަރު ފުރެން މިދަނީ. އަދަދު ނޭނގޭ ވަރަށް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށް ސަރުކާރުގެ ހަރަދު މެނޭޖުނުކުރެވުމުން ފެނިގެން މިދަނީ ކައުންސިލްތައް އަނދަގޮނޑި ޖަހާތަން". ލާމަރުކަޒީ ނިޒާމުގެ ދިފާއުކުރައްވައި ރިލޭ ވިދާޅުވި އެވެ.
މަދުކުރަންވީ ކައުންސިލަރުންތޯ، ނޫނީ ސަރުކާރުގައި ކަމެއްނުކޮށް ތިބޭ ސިޔާސީ މީހުންތޯ މި ސުވާލު އުފެއްދުން މާ ރަނގަޅު ކަމުގައި ދެކޭކަމުގައި ރިލޭ ވިދާޅުވި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސްކަމަށް ވަޑައިގެންނެވީ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވާނެކަމުގެ ވައުދުފުޅާއެކު އެވެ. އެހެން ނަމަވެސް އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު އެ ނިޒާމާ ދޭތެރޭ އަމަލުކުރަމުންދާ ގޮތް ތަފާތުކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ