ނިއުކާސަލް (އޮގަސްޓް 25) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، ދަނޑުބޭރުގައި ހިނގާ ކަންތައްތަކާ ގުޅިގެން ޖަޒުބާތުގައި ނުޖެހުމަށް ނިއުކާސަލްގެ ކޯޗު އެޑީ ހޯވް އެ ޓީމުގެ ކުޅުންތެރިން ކިބައިން އެދިއްޖެ އެވެ.
ނިއުކާސަލް އާއި ލިވަޕޫލް އެންމެ ފަހުން ކުޅުނީ މިދިިޔަ ސީޒަނުގެ ލީގު ކަޕް ފައިނަލުގަ އެވެ. އެ މެޗުން ނިއުކާސަލް މޮޅުވެ، ލިވަޕޫލް އަތުން ކާމިޔާބު ނުލިބޭތާ ވީ 17 މެޗުގެ އިންތިޒާރަށް ވަނީ ނިމުން ގެނެސްފަ އެވެ.
އެކަމަކު، ނިއުކާސަލްގެ އެއް ވަނަ ފޯވާޑް، އަލެކްސަންޑަ އިސާކް އަންނަނީ ލިވަޕޫލަށް ބަދަލުވުމަށްޓަކައި، ހަޅުތާލެއް ކުރަމުންނެވެ. އަދި، ނިއުކާސަލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ވެސް ދެކޮޅު ހަދައި މެޗުތަކުގައި ވެސް ނުކުޅޭނެ ކަމަށް ބުނަމުންނެވެ.
ލިވަޕޫލާ ކުޅޭ މެޗާ ބެހޭގޮތުން ސުވާލުކުރުމުން، ހޯވް ދިން ޖަވާބުގައި ބަދަލުކޮށްލީ އާ ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗުގައި ނަތީޖާއެއް ނެރުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެކަމަކު، ޖަވާބުގައި، "ޖަޒުބާތުގައި ނުޖެހުމަށް" ހޯވް އިޝާރާތް ކުރީ، އިސާކްގެ ޓްރާންސްފާއާ ގުޅިގެން ދެ ޓީމުގެ މެދުގައި މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކަށް ކަމަށް އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
"އަހަރެމެން ޖެހޭނީ ގޭމްޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަން. އަހަރެމެން ޖެހޭނީ ކުރަން ޖެހޭ ކަންކަމަށް ސަމާލުކަން ދީގެން އެ އަށް މަސައްކަތް ކުރަން. ޖަޒުބާތުގައި ޖެހިގެން ކަންކަން ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން، ސަޕޯޓަރުންގެ ތަރުހީބުގެ ބޭނުން ވެސް ހިފަން ޖެހޭނީ ރަނގަޅަށް، އެއީ މި މެޗުގައި އަހަރެމެންނަށް ވަރަށް މުހިންމުވާނެ ކަމެއް،" ހޯވް ބުންޏެވެ.
އިސާކް، ނިއުކާސަލް ދޫކޮށް ލިވަޕޫލަށް ބަދަލުވުމަށް މަސައްކަތްކުރާ ގޮތާ މެދު ނިއުކާސަލްގެ ކުރީގެ ކުޅުންތެރިންނާއި މި ވަގުތު އެ ޓީމުގައި ތިބި ކުޅުންތެރިން ވަނީ ޝުއޫރުފާޅުކޮށްފަ އެވެ.
މި ފަހަރުގެ ޓްރާންސްފާގައި ނިއުކާސަލް އިން ގަންނަން މަސައްކަތްކުރި ފްރާންސްގެ ފޯވާޑް ހޫގޯ އެކިޓީކޭ ސޮއިކުރީ ލިވަޕޫލަށެވެ. ލިވަޕޫލުން އައިންޓްރަކްޓް ފްރޭންކްފާޓަށް ޖުމްލަ އެކު، 95 މިލިއަން ޑޮލަރު އެކިޓީކޭގެ ޓްރާންސްފާގައި ހަރަދުކުރާނެ އެވެ.
ލިވަޕޫލާ ކުޅޭ މެޗުގައި ޖަޒުބާތުގައި ނުޖެހެން ހޯވް އެދެފި ލިވަޕޫލާ ކުޅޭ މެޗުގައި ޖަޒުބާތުގައި ނުޖެހެން ހޯވް އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ