ހަލީލު ދެކެވަޑައިގަންނަވާ ގޮތުގައި މީޑިއާ ނެތިކޮށްލާ ބިލު ބޭރުކުރާކަށް ނުޖެހޭ ހަލީލު ދެކެވަޑައިގަންނަވާ ގޮތުގައި މީޑިއާ ނެތިކޮށްލާ ބިލު ބޭރުކުރާކަށް ނުޖެހޭ

މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ސަރުކާރުން ފަހަތުގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބޭރުކުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު، އިބްރާހީމް ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްވަންދެން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ބިލާ މެދު ހަލީލު ދެކޭ ގޮތް އަދަދު އަށް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ ބިލު ބޭރުކުރުމުގެ ބަދަލުގައި ރާއްޖެއަށް ގާނޫނީ ގޮތުން އަންނަންޖެހޭ ރިފޯމްތަކަށް މަޖިލީހުގައި މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.
"ކޮބައިތޯ ބިލު ބޭރުކުރަން ޖެހޭ ސަބަބަކީ؟ ދިވެހިރާއްޖެއަށް ގާނޫނީ ގޮތުން އަންނަންޖެހޭ ރިފޯމުތައް މަޖިލީހުގައި މަޝްވަރާކޮށްގެނެއް ނޫންތޯ [ކުރިއަށްދެވޭނީ]. [ބިލު] ބޭރުކޮށްގެން ކޮބައިތޯ ލިބެން އޮތް ފައިދާއަކީ؟،" ހަލީލް ވިދާޅުވި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެ ބިލު މަޖިލީހަށް ހުށަހެޅީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން އެއްވެސް ނޫސްވެރިޔަކާ ވެސް މަޝްވަރާ ކުރުމެއް ނެތި ކަމަށް ފާހަގަ ކުރުމުން ހަލީލް ވިދާޅުވީ ބިލަށް މަޖިލިސް ފްލޯގެ އިތުރުން ކޮމިޓީގައި ވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަދި އޮތީ ނޫންތޯ އެކަން ކުރިއަށް. މަޖިލިސް ފްލޯގަ އާއި ކޮމިޓީތަކުގައި ނޫންތޯ އެކަން ދާނީ. ތިހެން އަދި އެޑްވާންސްކޮށް ވާހަކަ ދައްކާނެ ޖާގައެއް ނެތް ކަންނޭނގެ،" މީގެ ކުރިން ޕީއެސްއެމް އަދި ވީމީޑިއާގެ ވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަން ބޭނުންކޮށްގެން ނޫސްވެރިން ބިލާއި ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަން ބޭނުންކޮށްގެން އެކަން ސިޔާސީ ކުރާތީ ކަންބޮޑުވާ ކަމަށާއި ފުރުސަތު ލިބުނުއިރު މީޑިއާގެ މިނިވަންކަމަށް ރަނގަޅު ނިޒާމެއް ގާއިމު ނުކޮށްދެވުނު ބަޔަކަށް އެ ވާހަކަ މިއަދު ދެއްކުމުގެ ހައްގެއް ނޯންނާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
"އެޑްވާންސްކޮށް އެހެން ވާހަކަދެއްކީމަ މީޑިއާ ފްރީޑަމްގެ ނަން ބޭނުންކޮށްގެން މުޅިން ސިޔާސީ ހަރަކާތެއް ނޫންތޯ ތި ހިންގަނީ. އަޅުގަނޑަށް ފެންނަނީ މީޑިއާ ފްރީޑަމްގެ ނަން ބޭނުންކޮށްގެން ސިޔާސީ ހަރަކާތެއް ހިންގާތަން،" މީގެ ކުރިން ހަވީރު ނޫހުގައި ވެސް މަސައްކަތް ކުރެއްވި ހަލީލް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ކަންބޮޑުވޭ އަސްލު މީޑިއާ ފްރީޑަމްއޭ ކިޔައިގެން ވާހަކަ ދައްކަމުން އޭތި ޕޮލިޓިސައިޒްކުރާ ގޮތަށްދާތީ. ފުރުސަތު ލިބުނުއިރުގައި މީޑިއާ ފްރީޑަމް ރަނގަޅަށް އެ ނިޒާމު ގާއިމު ނުކޮށް ދިޔަ މީހުންނަކަށް މިއަދު އެވާހަކަ ދެއްކުމުގެ ހައްގެއް ވެސް ނޯންނާނެ."
ހަލީލް މިހެން ވިދާޅުވެފައިވާއިރު މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ބޭރުކޮށްލަން އެމްއެމްސީ، އެމްޖޭއޭ، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާ ސިވިކަސް އިން ވެސް ވަނީ ގޮވާލައިފަ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ