16 އަހަރުގެ އެންގުމޯހާ ބެންޗުންއަރައި ފަހު ވަަގުތު ލިވަޕޫލް މޮޅުކޮށްދީފި 16 އަހަރުގެ އެންގުމޯހާ ބެންޗުންއަރައި ފަހު ވަަގުތު ލިވަޕޫލް މޮޅުކޮށްދީފި

ނިއުކާސަލް (އޮގަސްޓް 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 16 އަހަރުގެ ރިއޯ އެންގުމޯހާ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބެންޗުންއަރައި މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލުން ލިވަޕޫލުން 3-2 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެއްޖެ އެވެ.
ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި އެ ޓީމުން ފެށި ވަރުގަދަކޮށެވެ. އެ ގޮތުން، މެޗު ފަށައިގެން އެ ޓީމުގެ ކުރިއަށް ކުޅުނު އެންޓޮނީ ގޯޑަން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައިފަ އެވެ. އެކަމަކު، ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ އާއި ޑިފެންޑަރުން ދިޔައީ އެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދަމުންނެެވެ.
މެޗުގެ އޮއިވަރު ބަދަލުވީ، 35 ވަނަ މިނިޓްގައި ލިވަޕޫލްގެ ރަޔާން ގްރަވެންބާކް، އޭރިއާބޭރުން ޖެހި ޝޮޓަކުން ގޯލެއް ޖަހައި، އެ ޓީމަށް ލީޑުނަގައިިދިނުމުންނެވެ. ސަސްޕެންޝަނާއި އާއިލީ ކަމެއްގެ ސަބަބުން ޓީމާ ދުރުގައި ހުރި ގްރަވެންބާކް ސީޒަނުގެ ފުރަތަމަ ފެނިލުމަކީ ރޭގެ މެޗެވެ.
ލިވަޕޫލުން ލީޑުނަގާފައިވަނިކޮށް، ނިއުކާސަލް އިން އެއްވަރުކުރަން ކުރި މަސައްކަތުގައި ގޮންޖެހުން ކުރިމަތިވީ، ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި އެ ޓީމުގެ ގޯޑަން އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ގޯޑަން އަށް ރަތް ކާޑެއް ދެއްކީ، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކަށް ނުރައްކާތެރި ފައުލެއް ކުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގައި ހުރި މޮނީޓަރުން ބަލައި ކަށަވަރުކޮށްފަ އެވެ. ފުރަތަމަ ގޯޑަން އަށް ދެއްކި ރީނދޫ ކާޑު ފަހުން ރަތް ކާޑަކަށް ބަދަލުކުރީ އެވެ.
ކުޅުންތެރިއަކު މަދުކޮށް ނިއުކާސަލް އިން ދެ ވަނަ ހާފު ފެށިތާ މިނިޓެއް ނުހިނގަނިސް ލިވަޕޫލުން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ޖެހީ، މި ފަހަރުގެ ޓްރާންސްފާގައި ނިއުކާސަލަށް ނޫނެކޭ ބުނެ، ލިވަޕޫލަށް ބަަދަލުވި ފްރާންސް ފޯވާޑް ހޫގޯ އެކިޓީކޭ އެވެ.
ނިއުކާސަލް އިން އޭގެ ފަހުން ހިތްވަރު ގަދަ ކުޅުމެއް ދައްކައި، ދެ ގޯލު ޖަހައި އެއްވަރުކުރި އެވެ. އެ ގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު އޭރިއާތެރެއިން ބޮލުން ފޮނުވާލި ބޯޅައަކުން ޖެހީ، 57 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން، ބްރޫނޯ ގިމާރޭސް އެވެ. އޭގެ ފަހުން، ބަދަލުތަކެއް ގެނެސްގެން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް 88 ވަނަ މިނިޓްގައި ކާމިޔާބުކޮށް ނިއުކާސަލް އިން އެއްވަރުކުރި އެެވެ. މި ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި ވިލިއަމް އޮސޫލާ އެވެ.
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް އިތުރު ވަގުތުގެ 10 ވަނަ މިނިޓްގައި، ލިވަޕޫލް މޮޅުވި ލަނޑު ޖެހީ، އަންނަ ހުކުރު ދުވަހު 17 އަހަރު ފުރޭ އެންގުމޯހާ އެވެ. ޗެލްސީގެ ޔޫތު ޓީމުން ލިވަޕޫލަށް ބަދަލުވި އެންގުމޯހާ ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި، ހަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައިފަ އެެވެ. އެންގުމޯހާ އަކީ ލިވަޕޫލަށް ގޯލެއް ޖަހައިިދިން އެންމެ ހަގު ކުޅުންތެރިޔާ އެވެ. އޭނާ ރޭގެ މެޗުގައި ލަނޑު ޖެހިއިރު, އުމުރަކީ, 16 އަހަރާއި 361 ދުވަހެވެ. އެންމެ ފަހުން މި ރެކޯޑް ހެދީ، 17 އަހަރާއި 45 ދުވަހުގައި ގޯލު ޖެހި ބެން ވުޑްބާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ