ގައުމެއްގެ އިގްތިސާދާއި މާލީ ހާލަތު ވަޒަންކުރުމުގައި ބަލާ އެންމެ މުހިންމު އެއް ކަމަކީ، ބޭރު ފައިސާގެ ރިޒާވް ނުވަތަ ރަސްމީ ރިޒާވަށް އަންނަ ބަދަލުތަކެކެވެ. އަހަރު ދެ ބައި ވެފައިވާއިރު، ރާއްޖޭގެ ރަސްމީ ރިޒާވުގެ މިހާރުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟
މަރުކަޒީ ބޭންކް، އެމްއެމްއޭން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ފެށުނުއިރު ޖުމްލަ ރިޒާވް ހުރީ 708 މިލިއަން ޑޮލަރުގަ އެވެ. ޖުލައި މަސް ނިމުނުއިރު އެ އަދަދު ވަނީ 775 މިލިއަން ޑޮލަރަށް އަރަައިފަ އެވެ. މިއީ:
67 މިލިއަން ޑޮލަރު އިތުރު؛ %9ގެ އިތުރުވުމެއް
ޖުމްލަ ރިޒާވަކީ ކުރު މުއްދަތުގައި ދައްކަން ހުންނަ ދަރަނިތައް ހިމަނައިގެން ހިސާބު ކުރާ ނަމްބަރެކެވެ. ރާއްޖެ ކަހަލަ އިމްޕޯޓް ނުވަތަ އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމަކަށް ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހުންނަ ޔޫސެބުލް ރިޒާވްގައި ހުރި އަދަދު މުހިންމުވެ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ފެށުނުއިރު ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 116 މިލިއަން ޑޮލަރެވެ. ޖުލައި ނިމުނުއިރު އެ އަދަދު ވަނީ 213 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއީ:
97 މިލިއަން ޑޮލަރުގެ އަދި %84ގެ ކުރިއެރުމެއް
ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އަސާސީ މުދާ ރާއްޖެ އެތެރެކުރަން މަހަކު އެވްރެޖްކޮށް 66 މިލިއަނެއްހާ ޑޮލަރު ބޭނުންވެ އެވެ. މިހާރު ބޭނުން ކުރެވޭ ރިޒާވްގައި ހުރި އަދަދަކީ:
3.2 މަހެއްހާ ދުވަހަށް ޒަރޫރީ މުދާ ރާއްޖެ އެތެރެ ކުރެވޭނެ މިންވަރު
އާންމު ގޮތެއްގައި 6 މަހުގެ އިމްޕޯޓަށް ފުދޭ ވަރަށް ބޭނުން ކުރެވޭ ރިޒާވް ހިފެހެއްޓުން މުހިންމު ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ. ނަމަވެސް މިފަހުން ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ހަލާސްކުރަން ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން އެ ވަރަށް ރިޒާވެއް ނުހިފެހެއްޓެ އެވެ.
ބޭނުން ކުރެވޭ ރިޒާވް:
ޖެނުއަރީ - 116 މިލިއަން ޑޮލަރު
ފެބުރުއަރީ - 179.1 މިލިއަން ޑޮލަރު
މާޗް - 170.2 މިލިއަން ޑޮލަރު
އެޕްރީލް - 171.3 މިލިއަން ޑޮލަރު
މޭ - 217.9 މިލިއަން ޑޮލަރު
ޖޫން - 203 މިލިއަން ޑޮލަރު
ޖުލައި - 213 މިލިއަން ޑޮލަރު
ވޯލްޑް ބޭންކާއި މޫޑީސް އަދި ފިޗު ފަދަ ކްރިޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއާ ބެހޭ ގޮތުން މިފަހުން ނެރެފައިވާ ރިޕޯޓްތަކުން އެނގޭ ގޮތުގައި، ރިޒާވަށް ކުރިއެރުން ލިބިފައި ވަނީ:
މިހާރު އަމަލުކުރަމުން އަންނަ ރިސޯޓްތަކާއި ޓޫރިޒަމް ވިޔަފާރިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފައިވާ، ބޭރު ފައިސާ މާރުކުރުމުގެ ގާނޫނުގެ ސަބަބުން
އިންޑިއާގެ މަރުކަޒީ ބޭންކް، އާރްބީއައިން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއިން ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 400 މިލިއަން އެމެރިކާ ޑޮލަރު ރިޒާވަށް ނަގާފައިވާތީ
އެމްއެމްއޭން ބުނެފައިވާ ގޮތުގައި، ރިސޯޓްތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ގާނޫނަށް ގެނައި ބަދަލުން 247.2 މިލިއަން ޑޮލަރު ރިޒާވަށް ވަނީ ޖަމާކުރެވިފަ އެވެ. އޭގެ ތެރެއިން 213 މިލިއަން ޑޮލަރު ވަނީ ބޭރުގެ ދަރަނި ދެއްކުމަށް ހޭދަކޮށްފައި ކަމަށް އެމްއެމްއޭން ބުންޏެވެ. އެއީ %60ގެ އިތުރުވުމެކެވެ.
އެމްއެމްއޭންު ބުނެފައިވާ ގޮތުގައި، އާރުބީއައިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދައްކަން ޖެހޭ މުއްދަތު ވަނީ އިތުރު ހަ މަސް ދުވަހަށް މިހާރު ދަންމާލައިފަ އެވެ. މީގެ އިތުރަށް އަހަރުގެ ފަހުކޮޅު ރިޒާވް ދަށްވެދާނޭ ކަަމަށް ބަލައި، އާރުބީއައިއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބޭ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު)ގެ ކަރަންސީ ސްވޮޕް ވެސް ބޭނުން ކުރަން އެމްއެމްއޭން ވަނީ ރާވައިފަ އެވެ.
ރިޒާވްގެ ހާލަތު: 97 މިލިއަން ޑޮލަރު އިތުރުވި؛ 3 މަހުގެ އިމްޕޯޓަށް ފުދޭވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ