އާ ޓާމިނަލްގެ ބޮޑެތި މަސައްކަތްތައް ކުރީ އެމްޑީޕީ ސަރުކާރުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ބޮޑެތި މަސައްކަތްތައް ކުރީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް މި މަހު 26 ގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އާ ޓާމިނަލްއާ ގުޅޭގޮތުން ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އަމީރު ވިދާޅުވީ 2018 ގައި ސަރުކާރާ ހަވާލުވެ މަޝްރޫއު އަވަސްކުރުމަށް އެކި ފަރާތްތަކާއެކު ވާހަކަދެއްކި ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕްރޮޖެކްޓު ހަވާލުކުރިއިރު ޓާމިނަލްގެ ޑިޒައިން ހުރީ "ފޮއްޓެއްގެ" ސިފައިގައި ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވީ ޑިޒައިން އެއްކޮށް ބަދަލުކުރަން ކަމަށާއި މިހާރު ޓާމިނަލުން ފެންނަ ޑިޒައިނާއި އެތެރޭގެ އިންޓީރިއާ ޑިޒައިނަކީ ވެސް ކުރީ ސަރުކާރުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ކޮވިޑާއެކު އާ ޓާމިނަލްގެ މަސައްކަތްތަކަށް ވަރަށް ބޮޑު ހުއްޓުމެއް އައި ކަމަށާއި ނަމަވެސް ހުރިހާ ގޮންޖެހުމަކާއެކު ވެސް މަސައްކަތްތައް ބާރަށް ކުރިއަށްދިޔަ ކަމަށެވެ. މި ޕްރޮޖެކްޓު ހަވާލުކޮށްފައި އޮތީ ވެސް ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށާއި އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއި ސަރުކާރާއި ދެމެދު ވެސް މައްސަލަތަކެއް ހުރިއިރު އެކަން ހައްލުކޮށްގެން މިދިޔަ ފަސް އަހަރު ވަރަށް ބާރަށް ޕްރޮޖެކްޓު ކުރިއަށް ގެންދެވުނު ކަމަށް އަމީރު ވިދާޅުވި އެވެ.
"ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ މިހާރު މިހުރި ޓާމިނަލްގެ ޑިޒައިންތައް އަދި ބެގޭޖް ހޭންޑްލިން ސިސްޓަމަށް ގެނެވުނު ބަދަލުތަކާއި އައިޓީ ސިސްޓަމަށް ގެނެވުނު ބަދަލުތަކާއި، މި ހުރިހާ ކަމަކާއެކު މިދިޔަ ސަރުކާރު ތެރޭގައި މިހާރު މި ފެންނަ ޓާމިނަލްގެ ބޮޑެތި މަސައްކަތްތައް ކޮށްފައި އޮންނާނީ،" އަމީރު ވިދާޅުވި އެވެ.
މި ސަރުކާރު ހަވާލުވެ މި ޕްރޮޖެކްޓުގައި އަލަށް ކުރި ކަމެއް ނޯންނާނެ ކަމަށާއި މި ސަރުކާރަށް ކުރެވުނު ކަމަކީ ފަންޑިން އެޖެންސީތަކަށް ފައިސާ ދެއްކުން ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު އަދި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ހާއްސަ 24 ކައުންޓަރެއް ގާއިމްކޮށްފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ