ދެއަންތބަށް ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ދޮށީ އަނބިމީހާގެ ކުށެއްނެތި އޭނާ ނިކަމެތިކޮށްލުވަން މަސައްކަތްކުރެވޭ ކަމެވެ. އެއީ ކުރެވޭ ވަރަށް ނުބައި ކަމެކެވެ. ދެވަނަ އަނތބަކަށް ކައިވެނިކޮށްފިނަމަ އޮތީ ދޮށީ އަނބިމީހާގެ ކިބައިން ޢަދާވާތްތެރިކަމެއް ނުފެންނަހައި ހިނދަކު އޭނާއާއި ގުޅިގެން ރަނގަޅު ގޮތުގައި އުޅެން މަސައްކަތްކުރުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ނުބައި މަގު އިޚްތިޔާރުކުރުމުން ދުނިޔޭގައިވެސް ލިބޭ ގެއްލުން ވިސްނިލައްވާނެއެވެ. އިން ޝާ ﷲ
އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 7 އަހަރުވެއްޖެއެވެ. ކޮންމެ ދެއަހަރަކުންހެން ދަރިއަކު ލިބި 3 ދަރިންވެސް އެބަތިއްބެވެ. ފިރިމީހާއަކީ އެންމެ ތަނަވަސް މީހެއް ނޫން ނަމަވެސް އަމިއްލަ މަސައްކަތުން ފުދިގެން ދިރިއުޅޭ މީހެކެވެ. ނުހަނު އުފަލުގައި ދިރިއުޅެމުން އަންނަނިކޮށް ފިރިމީހާގެ އޮފީހުގައި މަސައްކަތްކުރާ އަންހެނަކު ކެނޑިނޭޅި ކުރަމުން އައި މަސައްކަތް ކާމިޔާބުކޮށް އޭނާގެ މަޅީގައި ފިރިމީހާ ޖައްސުވައިފިއެވެ. ޖެއްސުވީކަމަށް މިބުނީ ފިރިމީހާ ހޯދަން ކެނޑިނޭޅި އޭނާ އެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާތީއެވެ.
ކޮންމެއަކަސް އެވީކަމެއްވެއްޖެއެވެ. އަޅުގަނޑަށް މިޖެހެނީ ގޭގައި އިނދެގެން ރޯށެވެ. އެއަންހެން މީހާގެ މަސައްކަތަކީ ފޭސްބުކްގައި އަޅުގަނޑޭކިޔައިގެން ދޮގުވާހަކަތައް ލިޔުމެވެ. ފިރިމީހާއަށް އެކަންކަން ހުއްޓުވޭ ކަމަކަށް ނުވެއެވެ. ރައްޓެހިން ގުޅާފައި ކޮންމެ ދުވަހަކުހެން ސުވާލުތައް ކުރެއެވެ. ކޮންމެ ކޯލެއް ބާއްވާފައި އެތައް އިރެއްވަންދެން ރޯންޖެހެއެވެ.
އަޅުގަނޑަކީ ނިކަމެތި އަންހެނަކީމެވެ. ނުކުމެގެންގޮސް ވަންނާނެ ގެދޮރެއް ނެތެވެ. ވީމާ މިޖެހެނީ ރޮއިރޮއި އިންނާށެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟
ސުވާލުކުރި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ޙާލަތުގައި ކެތްތެރިވެގެން އިންނަންވެއްޖެނަމަވެސް އެއީ ކޮންމެ ފަދަ ދެރަގޮތެއްވެސް މެދުވެރިވެދާނެ ކަމެކެވެ. އަދި ވަރިވެގެންވެސް އޮތީ މައްސަލަތަކެވެ. ވީމާ އިސްތިޚާރާކުރާށެވެ. ދުޢާކުރަމުން ގެންދާށެވެ. އަނިޔާ ލިބެމުންދާ މީހާއާއި ﷲ ތަޢާލާ އާއި ދެމެދަކު އެއްވެސް ހުރަހެއް ނެތެވެ. ވީމާ ޢިޖާބަކުރައްވަވާނެކަމުގެ ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ.
ހަމައެއާއިއެކު ދީނީ ޢިލްމުވެރިން، ފިރިމީހާއަށް ހެޔޮ ނަޞޭޙަތްދެވޭވަރުގެ އެކުވެރިންނާއި ޢާއިލާގެ އެހީތެރިކަންވެސް ޙޯދަން މަސައްކަތްކުރާށެވެ! މާޔޫސް ނުވާށެވެ. ތިއަ އަނހެނަކު ތިއަކުރާ ކޮންމެ ނުބައިކަމަކުން ތިބާއަށް ލިބެން އޮތީ ޘަވާބެވެ! އެއީ ތިބާ ސުވަރުގެ ވައްދަވާ ސަބަބުކަމަށްވެސް ވެދާނެއެވެ. އެއީ މީހަކަށް ލައްވަވާނެ އެންމެ ބޮޑު ރަޙްމަތެވެ.
ތިރީގައިއެވާ ލިޔުމަކީ ތިއަފަދައިން ކަންކަންކުރި އަންހެނެއްގެ ވާހަކައެވެ. އެއަންހެން މީހާއަށާއި އަދި ފިރިމީހާއަށް ކަންކަން މެދުވެރިވި ގޮތް ޢިބްރަތަކަށް ފުދެއެވެ. ފިރިމީހާއަށްވެސް އަދި އެ އަންހެންމީހާއަށްވެސް ޙިއްޞާކޮށްލާށެވެ!
އެއީ މީގެ އަހަރު ތަކެއް ކުރިއެވެ. އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސަކަށް ދިމާވި ހިތަށްވެސް ނުގެނެވޭނެ ފަދަ ޙަޤީޤީ ޙާދިޘާ އެއް ތިޔަ ކިޔުންތެރިންނާ ހިއްސާ ކޮށްލަން ބޭނުންވެ އެވެ. އަނަސް (އަޞްލު ނަމެއްނޫން) އަކީ ކައިވެންޏެއް ކޮށްގެން ދިރިއުޅެމުންދާ ހަތަރު ކުދިންގެ ބައްޕަ އެކެވެ. ޢުމުރުން 44އަހަރު މިހާރު ވެފައިވާ އިރު ދިރި އުޅެމުން ދަނީ ފުރަތަމަ ކައިވެނީގެ މަތީގައި އުފާވެރި ދިރި އުޅުމެއްގަ އެވެ.
އަނަސްގެ އުފާވެރި ދިރިއުޅުމުގެ ތެރެއަށް މީގެ ފަސް ވަރަކަށް އަހަރު ކުރިން ވަނީ ހީވެސް ނުކުރާ އަދި ހިތަށްވެސް ގެންނަން އުނދަގޫ ތޫފާނެއްގެ ރާޅު ބިންދާ ލާފަ އެވެ. އޮފީސް މާޙައުލުން އަންހެން ކުއްޖެއްގެ އުނދަގޫ ޖެހި އެންމެ ފަހުން އަނަސް އާއި އެ އަންހެން ކުއްޖާ އާއި ވަނީ ގާތް ގުޅުމެއް އުފެދި ފައެވެ. އެއީ އަނަސް އަށް ވުރެން އުމުރުން 9 އަހަރު ހަގު ކުއްޖެކެވެ. އަދި ކައިވެންޏެއް ކޮށް ދަރިއަކުވެސް ލިބިފައިވާ އަންހެން ކުއްޖެކެވެ.
އަނަސް އާއި ޝާމިލާ (އަސްލު ނަމެއްނޫން) އާއި ދެމެދުގައިވާ ގުޅުން ވަރުގަދަ ލޯބީގެ ގުޅުމަކަށް ބަދަލު ވެގެން ދިޔައެވެ. އަދިމާގިނަ ދުވަސް ތަކެއް ނުވެ އަނަސް ގެ އަނބިމީހާ އަށް ވެސް މިވާހަކަ ތައް އެނގުނެވެ. ގިނަ ވަގުތު ގެއިން ބޭރުގައި ހުރުމާއި ގިނަ ވަޤުތު ފޯނުގައި ހުރުން ވެގެން ދިޔައީ އަނަސްގެ އަނބިމީހާއަށް ވޭންތައް ތަހަންމަލް ކުރުމަށް ޖެހުނު ކަމަކަށެވެ. އުފާވެރިކޮށް ދިރިއުޅެމުން އައި ދެމަފިރި އެއްގެ ދެމެދަށް އައި ބިޔަރާޅު ބާނީއެކެވެ.
އަނަސް ގެ އަނބިމީހާ ދިޔައީ ރޮއެފަ އަނަސް އަށް އެކަން ހުއްޓާލުމަށާއި، ދަރިންނާއި އަނބިމީހާ އަށް ކުރީގަވެސް ދެމުން އައި ގޮތަށް ލޯތްބާއި އަޅާލުން ދިނުމަށް އާދޭސް ކުރަމުންނެވެ. އަދި ތަކުރާރުކޮށް އަނަސް އަށް އެކަން ހުއްޓާލުމަށް ނަސޭހަތް ތެރިވަމުންނެވެ.
ނަމަވެސް ޝާމިލާ ދިޔައީ އެކަމަށް ދެކޮޅުހަދާ އިތުރަށް އެދެމަފިރިން ދޭތެރޭ މައްސަލަ އުފެދޭ ގޮތަށް ކަން ކުރަމުންނެވެ. އަނަސް އަށްގިނަ ވަގުތު ގެއިން ބޭރަށް ދިއުމަށް ދައުވަތު ދީ އަދި ގިނަވަގުތު ވީޑިއޯ ކޯލް ތަކުގައި ވަގުތު ހޭދަ ކުރުމަށް މަޖުބޫރު ކުރަމުންނެވެ. އަދި އަބަދުވެސް ޝާމިލާ ގެ ހަމަ އެކަނި މީހެއްގެ ގޮތުގައި އަނަސް ވާކަން އަނަސް އަށް ހަނދާން ކޮށްދޭ ފަދަ ގޮތްގޮތަށް ވާހަކަ ދައްކަމުން އަނަސްގެ އަނބިމީހާގެ ކޮންމެ ވެސް ކުށެއް ހޯދާ އަނަސް ދެކެ ޝާމިލާ މާލޯބިވާ ކަމަށާއި، އަދި ކައިވެނި އަވަސް ކުރުމަށް އެދެމުން ނެވެ. އަދި ކައިވެނި ކުރަން ބޭނުންވަނީ ހަމައެކަނި އަނަސްގެ މީހެއްގެ ގޮތުގައި ވެސް ބުނަމުންނެވެ. އަދި އަނަސް އަނބިމީހާ އަށް ފާރަވެރި ވުމާއި ރައްޓެހިންނާއެކީ އަނަސްގެ އަނބިމީހާ އަށް ފުރައްސާރަ ކުރަމުންނެވެ.
އަނަސްގެ އަނބިމީހާ އަކީ މަޑުމައިތިރި ސާދާ މިޒާޖެއްގެ އަންހެނެއް ކަމުން ޝާމިލާގެ އެއްވެސް ފުރައްސާރަ އަކަށް ރައްދު ނުދީ ކިޔަމަންތެރި ކަމާއިއެކީ ދުވަސްތައް ވޭނުން ފުރިގެންވާ ގޮތުގަ ހޭދަ ކުރަމުން ދިޔައެވެ. އަނަސް އަށް މިކަންތައް ވަރަށް ބޮޑުވެގެން އަނަސް ތަކުރާރުކޮށް ޝާމީލާ ކިބައިން އަނަސްގެ އަނބިމީހާ އަށް ފުރައްސާރަ ނުކުރުމަށް އެދުނެވެ. އަދި އެއީ އޭނާގެ އަނބިމީހާ ކަމާއި އޭނާގެ އެއްވެސްކުށެއްނެތް ކަންވެސް ޝާމިލާ އަށް ހަނދާންކޮށް ދިނެވެ. އަދި އެކަން ހުއްޓާލުމަށްވެސް އެތައް ފަހަރެއްގެ މަތިން އެދުނެވެ. އެކަމާ އިންކާރު ކޮށް ޝާމިލާ ދިޔައީ އޭނަގެ ގަދަކަން އަނަސް އަށްވެސް ދައްކާ ކޮންމެ ކަމެއް ކުރާނެކަމާއި އަދިކޮންމެ އެއްޗެއް ކިޔާނެކަންވެސް އަންގަމުންނެވެ. އެންމެ ފަހުން އަނަސް އާއި އެކީ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާ އަށްލާ އަދި އަނަސްގެ އަނބިމީހާ އަށްވެސް ރައްޓެހިން މެދުވެރިކޮށް އެފޮޓޯތައް ފޮނުވަމުންނެވެ.
މިކަމެއްގެ ތެރޭގައި ވަނިކޮށް ޝާމިލާ ކުއްލި ގޮތަކަށް ބަލިވެއްޖެ އެވެ. ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރ ބައްލަވާފައި ވިދާޅުވީ ޝާމިލާގެ ދެކިޑްނީވެސް ފެއިލްވެފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަށް ފަރުވާ ލިބިގަތުމަށާއި މާލަސް ވަންޏާ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ. އެގޮތުން ޝާމިލާގެ ޢާއިލާ މީހުން އޭނާ ގޮވައިގެން އަވަށްޓެރި އިންޑިއާއަށް ބޭސްފަރުވާ އަށް ދިއައެވެ. ނަމަވެސް ކަން ދިމާވީ ވަރަށްވެސް ހިތާމަ ވެރި ކޮށެވެ. ޝާމިލާ ވަނީ އިންޑިއާއަށް ދިއަތާ ދެހަފްތާވެސް ނުވަނީސް މިދުނިޔެއާއި އަލްވަދާއު ކިޔާފަ އެވެ. ލޯބިވާ ދަރިއެއް އެކަނި މާއެކަނި ދުނިޔެމައްޗަށް ދޫކޮށްފަ އެވެ. މާތް ﷲ އެމަރުޙޫމާގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި. އާމީން
ދެން އަޅުގަނޑު ތިއަ ކިޔުންތެރިންނާ ހިސާބަށް މި ގެނެސް ދެނީ ކަންތައް ވެގެން ދިޔަ ހީވެސްނުކުރާ ހިތާމައިން އަދި ބިރުވެރިކަމުން ފުރިގެންވާ ގޮތުގެ ވާހަކައެވެ.
ޝާމިލާ ދުނިޔެ ދޫކުރި އިރު ވަނީ ޝާމިލާގެ ސޯޝަލް މީޑިޔާއަށް އަނަސް އާއި އެކީ ނަގާފައިވާ ފޮޓޯތައްލާފަ އެވެ. އިންސާނުންނަކީ ތަފާތު ބައަކަށް ވުމުން ޝާމިލާ ދުނިޔެ ދޫކުރި ފަހުން އެކި މީސްމީހުންދިޔައީ އަނަސްގެ އަނބިމީހާ އަށް އެ ފޮޓޯ ތައް ފޮނުވަމުންނެވެ. އަދިއެ ފެންނަ ކޮންމެ ފަހަރަކު އަނަސްގެ އަނބިމީހާގެ ހިތަށް އެތައް ޒަހަމްތަކެއް ކުރުވާ ހިތާމަ ކުރެއެވެ. ޝާމިލާ ދުނިޔެ ދޫކުރީ އަނަސްގެ އަނބިމީހާ އާއި ދިމާއަށް އެއްވެސްކުށެއް ނެތި ކިޔާފައިވާ އެއްޗެއްސާއި ކުރި ފުރައްސާރަ އަށްމާފު ކުރުމުގެ ފުރުސަތެއް ނުލިބި އެވެ.
ކަންތައް ވެގެން ދިޔަ ގޮތް ތިޔަ ކިޔުންތެރިން އަޑު އައްސަވާ ށެވެ. ޝާމިލާ ދުނިޔެ ދޫކުރިތާ މަހެއްވީ ތަނާކަހަލަ ގޮތަކަށް އަނަސް އަށް ނޭގޭ ގޮތްތަކެއް ވާން ފެށިއެވެ. އަބަދު މީހާ ބިރެއްގެ ތެރޭގައި އުޅުމާއި ދީނީ ކަންކަމަށް އެއްވެސް ޝައުޤުވެރިކަމެއް ނުދެވުމާއި، މަސައްކަތަށް ފަރުވާ ކުޑަ ވުމާއި އަދި ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވާއިރު ވެސް ހަނދާން ނެތުންފަދަ ކަންކަން ދިމާވާން ފެށިއެވެ. އަދި ބިރުވެރި ހުވަފެން ފެނުމާއި، އަނބިމީހާ މަތިން ފޫހިވެ ކުރަމުން ދިއަ ވިޔަފާރި ވެސް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައެވެ.
މިގޮތަށް ކަންތައް ދިމާވާން ފެށުމުން ތަފާތު އެކި ޑޮކްޓަރުންނަށް އަނަސް ދެއްކި އެވެ. އަދި އަނަސްގެގިނަ ޓެސްޓު ތަކެއް ހެދުމުން ވެސް އެއްވެސް ބައްޔެއް ހުރިކަމަށް ފާހަގަ ނުކުރެވޭތީ އަނަސްގެ އަނބިމީހާ ދީނީ ގޮތުން މިކަމުގެ އެހީތެރި ކަމަށް އެދި ރާއްޖޭގެ ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިއެއް ކައިރިއަށް ދިއައެވެ.
ޝައިޚްގެ ހުރިހާ ސުވާލު ތަކަށްވެސް އަނަސްގެ އަނބިމީހާ ޖަވާބު ދާރީވެ ޝާމިލާ އާއި އަނަސްގެ ދެމެދުގައިވާ ގުޅުމާއި އަދި ޝާމިލާ ދުނިޔެ ދޫކުރިއިރު ކަންތައް ވެގެން ދިއަގޮތާއި ހުރިޙާލަތު ވެސް އޮޅުން ފިލުވާ ދެއްވި އެވެ.
ޝައިޚް އެކަމާ ވަރަށް ހިތާމަ ކުރާކަމަށް ވިދާޅުވެ، ވިދާޅުވީ ޙަރާމް ކަމަކަށް އަރައިގަނެވި އެޙަރާމް ގުޅުމެއްގެ ފޮޓޯތައް ދުނިޔެ މައްޗަށް އެހެން މީހުންނަށް ފެންނަ ގޮތަށް ޢާންމު ކޮށްފައި ދިއުމާއި އެކީ އަދި މާފަށް އެދެން ޖެހޭ މީހުންގެ ކިބައިން މާފަށް އެދުމުގެ ފުރުސަތު ނުލިބި ދުނިޔެ ދޫކޮށް ޝާމިލާ ވަކި ވެގެން ދިއުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި އަނަސް އާއި އެކީ ނަގާފައިވާ ފޮޓޯތަކުގެ ސަބަބުން އޭގެ އަސަރު ދަނީ އަނަސް އަށް ކުރަމުންކަމަށް ބެލެވޭ ކަމަށްވެސް ޝައިޚް ވިދާޅުވި އެވެ.
އަނަސްއަށްވެސް އެވަނީ އަނަސްގެ އަނބިމީހާ އަށް ފުރައްސާރަ ކުރަމުންދިޔައިރު އެކަމުގައި ޙިއްސާ ވެފައިކަމަށާއި، މީހަކަށް ދެރައެއް ދިނުމަށް ޝާމިލާ މަސައްކަތް ކުރަމުން ދިއައިރު އަނަސް އެކަމުން ބަރީއަ ނުވެވި ހުއްޓާ ޝާމިލާ ދުނިޔެ ދޫކުރުމުން އެކަމުގެ އަސަރު އަނަސް އަށްކުރާ ކަމަށް ބެލެވޭތީ ދެން ޖެހޭނީ އެ ފޮޓޯތައް ލާފައިވާ ތަން ތަނުން ނަގާ ރަގަޅު ތައުބާ އަކުން ތައުބާ ވުމަށް ކަމަށް ވިދާޅުވއެވެ.
އަޅުގަނޑަކީ އަނަސް އަށް މިކަމުގައި އެހީތެރިވެ ދިން މީހާގެ ހައިސިއްޔަތުން އަޅުގަނޑު މި ވާހަކަތައް ޝާމިލާގެ ޢާއިލާ އާއި ހިއްސާކޮށް ޝާމިލާގެފޯނު ހުޅުވޭ ގޮތެއް ބެލީމެވެ. އަދި ޝާމިލާގެ ބޭބެއާއި، އެކީ ކުރި މަސައްކަތުން ފޯނު ހަދާތަނަކަށް ގެންގޮސް ފޯނު ހުޅުވައިގެން އެ ފޯނުގައިވީ ހުރިހައި ފޮޓޯތަކާއި، އަދި ސޯޝަލް މީޑިއާ އަށްލާފައިވާ ފޮޓޯތައްވެސް ޑިލީޓް ކުރީ އެވެ. އަދި ޝައިޚްގެ އިރުޝާދުގެ ދަށުން ކިޔަންވާ ދުޢާތައް ކިޔާ ތައުބާވެ ޞަދަޤާތް ކޮށް ރޯދަހިފާ އަދި ވަކިން ޚާއްޞަކޮށް އަނަސްގެ އަނބިމީހާ ޝާމިލާއަށް މާފުކޮށް އޭނާގެ ފާފަ ފުއްސެވުންއެދި ދުޢާކޮށް އެދި ކަންތައް ކުރަންފެށުމުން ﷲގެ ހެޔޮ ރަޙްމަތުން ވަނީ ގާތްގަޑަކަށް 10ވަރަކަށް ދުވަހުގެ ތެރޭގައި އަނަސްގެ ޙާލު ރަނގަޅުވާން ފަށާފައެވެ. އޭރު ޝާމިލާގެ މަރަށް ވަނީ ގާތްގަނޑަކަށް 3މަހާއި ކައިރި ވެފައެވެ. އަދި އަނަސް ކުރަމުންދިއަ ވިޔަފާރި އެއްކޮން ހުއްޓި ތަނުގެ ކުލި ނުދެއްކުމުގެ ސަބަބުން ތަނުގެ ވެރިފަރާތުން ވަނީ ތަން ވެސް އަނބުރާ އަތުލައިފައެވެ.
އަޅުގަނޑު މިޙަޤީޤީ ޙާދިޘާ ކިޔުންތެރިންނާ ހަމައަށް ގެނެސް ދިނުމުގެ ބޭނުމަކީ މީހަކަށް ކުރެވިފައިވާ ފާފަ އެއްގެ ވާހަކަ ހިއްސާ ކުރުމެއް ނޫނެވެ. ނަމަވެސް މި ޙާދިޘާ އިން އެނގިގެން ދިއައީ އަނަސް ތަކުރާރުކޮށް އެދުމުންވެސް ޝާމިލާ އަނަސްގެ އަނބިމީހާ އަށް ކުރަމުން ދިއަ ފުރައްސާރަ ހުއްޓާނުލާ ކަމެވެ. އަދި އެއްވެސް މީހެއްގެ މަރު އެއީ އެނގޭނެ ވަގުތެއް ނޫން ކަމާއި އެހެން މީހެއްގެ ކިބައިން މާފަށް އެދެން ޖެހޭވަރުގެ ކަމެއް ކުރެވިފައިވާ ނަމަ ލަސް ނުކޮށް އެކަމަށް މާފަށް އެދެން ޖެހޭނެ ކަމެކެވެ. މީހަކަށް ދެރައެއް ދިނުމުގެ ގޮތުން ކުރެވޭ ކޮންމެ ކަމެއް ތިމާއާއި ބައްދަލު ކުރަން ޖެހޭނެ ކަމެކެވެ. ނުބައި ކަމެއްގެ ތެރޭގައި ތިމާ ވަނިކޮށްވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ތިމަންނާގެ މަރު ގެންދަވާފާނެ ވަގުތެއް ހަމަ އެއްވެސް އިންސާނަކަށް ނޭގޭނެ ކަމެވެ.
މި ފަދަ އަމަލު ތަކަކީ ވަރަށްވެސް ވިޔާނުދާ އަދި ދެދުނިޔެއިން ތިމާއަށް އޭގެހަލާކު ހުރި ނުބައިކަންބޮޑު ފާފަ އެއްކަން އިނގޭއިރު ތިމާއާއި ތިމާގެ ޢާއިލާ އަދި ރައްޓެއްސަކުވެސް މި ފަދަ ޢަމަލެއް ހިންގާނަމަ ވީހާވެސް އަވަހަކަށް އެކަމުން ދުރުހެލި ވުމަށް ނަސޭހަތްތެރި ވުމަށް ތިޔަ ހުރިހާ ކިޔުންތެރިންނަށް އާދޭސް ކުރަމެވެ. އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ގެންދަވާނީ ތިބާތަޙަންމަލްކުރި ވޭންތައް އެއްވެސް އަޚެއް އަދި އުޚުތެއް ތަހަންމަލް ކުރާ ތަން ދެކެން އަޅުގަނޑުގެ ހިތެއް ނޭދޭތީ މިފަދަ ނުބައި ކަން ބޮޑުޙަރާމް ކަންކަމުން ދުރުހެލި ވުމަށް ނަސޭޙަތްތެރި ވަމެވެ، މިފަދަ ޢަމަލެއްގައި ވަނިކޮން ހަމަމި ވަޤުތުވެސް މަރުއައިސް ގެންދަވާނީ ތިބާގެ ނޫން ކަމެއް އެނގެނީ ކިހިނަކުންތޯ ؟
އަޅުގަނޑު މިވާހަކަ ހިއްސާ ކޮށްފައިވާނީ އަނަސް އަދި ޝާމިލާގެ ޢާއިލާގެ ފުރިހަމަ އިޒްނައާއި އެކީ ކަމުގައި ދަންނަވަމެވެ. އަދި މިއީ އެއްވެސްޙާލެއްގައި އެއްވެސް މީހަކު ބަދުނާމު ކޮށް ގެނެސްދޭ ވާހަކައެއް ނޫނެވެ. ވަރަށް މަދުން ނަމަވެސް މިރާއްޖެއިން ވެސް މިފަދަ ޢަމަލުތައް ފެންނަމުން ދާތީއެވެ. ދިރިތިބީންނަށް ޢިބްރަތެއްގެ ގޮތުގައި ގެނެސްދިން ޙަޤީޤީ ޙާދިޘާ އެކެވެ. މާތްﷲ ޝާމިލާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ އަނަސް އާއި އަނަސްގެ އަނބިމީހާއަށް އުފާފާގަތި ދިގު ޢުމުރެއް މިންވަރު ކުރައްވާށި އާމީން
"މީހެއްގެ ފިރިއެއް ނޫނީ އަންބަކާ އެކީ ފޮޓޯ ނަގާފައި އަދި އެހެން މީހުންނަށް ފެންނަ ގޮތަށް ޢާއްމު ކުރުމަކީ އަރައިގަނެވޭ ބޮޑު ވެގެންވާ ފާފައެކެވެ. ކުށެއް ނެތް އަނހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ފަޟީޙަތްކުރުމާއި ދެމަފިރިންގެ ދޭތެރެ ހަލާކުކުރަން މަސައްކަތްކުރުމަކީވެސް ބޮޑުވެގެންވާ ފާފައެކެވެ."
- ލިޔުން ގެނެސްދީފައި އެވަނީ މިއަދުނޫހުގެ ކޔުންތެރިއަކު ހިއްޞާކުރެއްވި ގޮތަށެވެ. އެއްވެސް އުނި އިތުރެއް ނުގެނެހެވެ.
ދެމަފިރިންގެ ދެމެދަށް ވަދެގަނެ އަނބިމީހާ ނިކަމެތިކުރުވުމަކީ ދުނިޔޭގަވެސް ބޮޑެތި މުޞީބާތްތައް ކުރިމަތިވާ ކަމެއްކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ