ފޯނާއި ނުލައި މިއަދު ދިރިއުޅެވެން ނެތް ހިސާބަށް ފޯނުގެ ބޭނުން މިވަނީ ބޮޑުވެފައެވެ. އެހެންކަމުން ގިނަ ބައަކު ދެކެނީ އެއީ ގެންގުޅެން މަޖުބޫރު އެއްޗެއްގެ ގޮތުގައެވެ. އެއީ އެކަން މިއަދު އޮތް ގޮތްކަމާއިމެދު ދެބަސްވުމެއްވެސް ނެތެވެ. ރަނގަޅު ގޮތުގައި ބޭނުން ހިފުމުން ފޯނަކީ ﷲ ތަޢާލާ ދެއްވަވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ.
އެހެންކަމުން މިރޭވެސް ފުރަތަމަ ކަމަކަށް ހަނދާންކޮށްލައިދޭން ބޭނުންވަނީ ﷲ ތަޢާލާ ދެއްވަވާފައިވާ އެންމެ ބޮޑު އެއް ނިޢަމްތާއިބެހޭގޮތުންނެވެ. އެނިޢްމަތުގެ ބޭނުންހިފުމާއި ބެހޭ ގޮތުންނެވެ. އެ ނިޢުމަތަކީ ތިބާގެ އަތުގައި އޮތް މޯބައިލް ފޯނެވެ. ޚާއްޞަކޮށް ސްމާޓްފޯނެވެ.
ބުނަންހެއްޔެވެ! ފޯނަކީ އެއިގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިނަމަ ތިމާއަށް ދެއްވަވާ ޘަވާބު އިތުރުކޮށްގެން ސުވަރުގެ ވަދެވެން އޮތް އެއްޗެކެވެ. އެންމެ ގިނައިން އަދި އެންމެ ފަސޭހައިން ހެޔޮ ޢަމަލުތައް ކުރެވެން އޮތް ވަސީލަތްވެސް މެއެވެ. ކޮށްލެވޭ އެންމެ ޕޯސްޓަކުން އެތައް ހާސް އެތައް ލައްކަ އަދި މިލިއަނުންވެސް ޘަވާބު ހޯދެން އޮތް ވަސީލަތެކެވެ. ހަމައެއާއިއެކު އެއިގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފައިފިނަމަ ޢަޛާބު އިތުރުވެ ނަރަކައަށް ވައްދަވައިފާނެ ކަމުގެ ބިރުބޮޑު އެއްޗެކެވެ.
ފުރަތަމަ ކަމަކީ ބަލަން ނުޖެހޭ، ހުއްދަނޫން މަންޒަރުތައް ބެލުމެވެ. ތިމާގެ އިސް ތިރިކުރަން އޮތް ވަޙީބަސްފުޅުގެ މާނައަކީ ހަމައެކަނި މަގުމަތިން ނުވަތަ އެނޫންވެސް ތަނަކުން އެފަދަ މަންޒަރުތައް ނުބެލުމެއް ނޫނެވެ. އަތުގައި ފޯނުން ނުވަތަ ޓީވީއަކުން ނުވަތަ އެނޫން ވަސީލަތަކުން ނަމަވެސް ބެލުން ހުއްދަ ނޫން މަންޒަރުތައް ބަލާނަމަ އިސް ތިރިކުރެވެނީއެއް ނޫނެވެ. އެދަނީ ފާފަ ކުރެވެމުންނެވެ. ޢަޛާބު އިތުރުވަމުންނެވެ.
ވިސްނައިލާށެވެ! ގޭގައި އެންމެންގެ ތެރޭގައި އިނދެ ޓީވީއަކުން ބަލަން ނުކުރޭ މަންޒަރުތައް ފޯނުން އެކަނި ހުރެ ބަލާނަމަ އެކަމުން އަންގައިދެނީ އެމީހަކު އެކަނިވުމުން ފާފަކުރަން ޖެހިލުންނުވާކަމެވެ. އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތް ކަމެވެ. އެކަނިވުމުން ފާފަކުރަން ބިރުނުގަންނަ މީހާގެ ޢަމަލުތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ.
ދެން އޮތީ ފޯނުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ. އެއީ އެމީހަކަށް ދީނީ ގޮތުން ފައިދާހުރިކަންކަން ފޯނުން ކުރުމެވެ. ދީން އުނގެނި މީސްތަކުންނަށް ދީން ފޯރުކޮށްދިނުމެވެ. ރަނގަޅު މެދެޖުތައް ފޯރުކޮށްދިނުމެވެ. ވީމާ ފޯނަކީ އެންމެ ގިނައިން ހެޔޮ ޢަމަލުކުރަން ބޭނުންކުރާ ވަސީލަތަށް ހެދުމުގެ ފުރުޞަތުވެސް މިވަނީ ދެއްވަވައިފައެވެ.
ފުންކޮށް ވިސްނައިފިނަމަ އަދި ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ކުރާ މީހަކަށް އޭނާގެ ފޯނަކީ އެންމެ ރަނގަޅު ވަސީލަތެވެ. ޤުރްއާން އަޑުއަހައި އުނގެނެވިދާނެއެވެ. ދީނުގެ ކަންކަން އުނގެނެވިދާނެއެވެ. ޛިކުރުތައް ކިޔަން ބޭނުންކުރެވިދާނެއެވެ.
އަދި މިގޮތަށްވެސް ވިސްނައިލާށެވެ! ތިބާ ޕޯސްޓްކޮށްލި އެންމެ ހެޔޮ ބަހެއް، ޛިކުރެއް ފަދަ އެއްޗެއް ބަލައިފި ކޮންމެ މީހެއްގެ ފަރާތުން ތިބާއަށް ޘަވާބު ލިޔުއްވަވާނެތެވެ. މަދުވެގެން 10 އެކެވެ. ގިނަވެގެން 700 ގުނައަށް އިތުރުކުރައްވަވައިފިނަމަ ލިބޭނެ ޘަވާބަށް ދަހިވެތިވާށެވެ.
ވީމާ އަތުގައި އޮންނަ ފޯނަކީ އެކަނިވުމުން ބިރެއްނެތި ފާފަކުރަން ބޭނުންކުރާ އެއްޗަކަށް ހަދައި އެއިގެ ސަބަބުން ނަރަކައަށް ވަންނަ އެއްޗެއް ކަމުގައި ނުހަދާށެވެ! ޘަވާބު ހޯދައިގެން ސުވަރުގެ ވަންނަ އެއްޗަކަށްހަދާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ވަރަށް ބޮޑަށް ވިސްނާ!: ކިތަންމެ ގިނައިން ހެޔޮ ޢަމަލުތައް ކުރިޔަސް ތިބާގެ ފޯނަށް ބިރުވެތިނުވެއްޖެ މީހަކަށް ޤިޔާމަތް ދުވަހު އެއްވެސް ހެޔޮކަމެއް ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ