އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ތާއީދު ނުލިބުމުން ނެދަލޭންޑްސްގެ ޚާރިޖީ ވަޒީރު އިސްތިއުފާ ދެއްވައިފި
ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ އިންސާނިއްޔަތާ ޚިލާފު އަސްކަރީ ހަމަލާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ކެބިނެޓްގެ ތާއީދު ނުލިބުމުން ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ކަސްޕާ ވެލްޑްކަމްޕް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސެންޓާ ރައިޓް ނިއު ސޯޝަލް ކޮންޓްރެކްޓް ޕާޓީގެ މެމްބަރު ވެލްޑްކަމްޕް ހުކުރު ދުވަހު ވިދާޅުވީ ހަރުދަނާ ފިޔަވަޅުތަކާމެދު އެއްބަސްވުމަކަށް ނާދެވުނު ކަމަށާއި މިހާރު ވެސް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ދެކޮޅުވެރިކަން ތަކުރާރުކޮށް ކުރިމަތިވެފައިވާ ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ނިއު ސޯޝަލް ކޮންޓްރެކްޓްގެ ހުރިހާ ވަޒީރުންނާއި ސްޓޭޓް ސެކްރެޓަރީން ވަނީ ވެލްޑްކަމްޕްއަށް ތާއީދުކުރާކަން ކަށަވަރުކޮށްދީ، އެއްބައިވަންތަކަމުގެ ގޮތުން ސަރުކާރުން އިސްތިއުފާ ދެއްވާފައެވެ. އިސްރާއީލާ ދެކޮޅަށް ވެލްޑްކަމްޕް ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަވާއިދާ ޚިލާފަށް ވަޒަންވެރިވެފައިވާ ޔަހޫދީންގެ އަނިޔާވެރިކަމަށް ހިތްވަރުދީ ބާރުއެޅި އިސްރާއީލުގެ ކަނާތުފިޔައިގެ ވަޒީރުން ކަމަށްވާ ބެޒާލެލް ސްމޮޓްރިޗް އާއި އިޓަމާ ބެން ގްވިރް އެ ގައުމަށް ވަނުން މަނާކުރުން ހިމެނެއެވެ. "އަޅުގަނޑަށް ފެނޭ ޣައްޒާގެ ބިންމަތީގައި ހިނގަމުންދާ ކަންކަމާއި، ޣައްޒާ ސިޓީއަށް ދިން ހަމަލާއާއި، ހުޅަނގު އައްސޭރީގައި ހިނގަމުންދާ ކަންތައްތަކާއި، ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވުމުގެ ޕްލޭންވެސް." ވެލްޑްކަމްޕް ނޫސްވެރިންނަށް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން އަންނަނީ އިސްރާއީލާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވެލްޑްކަމްޕަށް ޕްރެޝާ ކުރަމުން ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އަދި އިސްރާއީލާ އެކު އީޔޫ އިން ވެފައިވާ ވިޔަފާރީގެ އެއްބަސްވުން ބާތިލު ކުރުމަށްވެސް ގޮވާލާފައިވާ ކަމަށާއި، އެކަމަށް ޖަރުމަނުން ހުރަސް އަޅާތީ ވެލްޑްކަމްޕް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ