ޒަކާތު ފަންޑުން ފަގީރުންގެ ޒަރޫރީ ބޭނުންތަކަށް އެހީވާ ގޮތަށް ޚިދުމަތް ފުޅާކުރަނީ
ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ޒަރޫރީ ބޭނުންތަކަށް އެހީވާ ގޮތަށް އެ ޚިދުމަތް ފުޅާކުރަން މަސައްކަތް ފަށައިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ދެވަނައަށް ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް، އިންޒެކް 2025، މިއަދު ވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފަށައިފައެވެ. އެއީ، ރާއްޖޭގެ ޒަކާތުގެ ނިޒާމް ހަރުދަނާކޮށް، ފަގީރުންނަށް ދެވޭ އެހީތެރިކަން ފުޅާކުރުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. އެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް އެހީވުން އިތުރުކުރާނެ ގޮތްތަކުގެ މައްޗަށް މިނިސްޓްރީން ކަރުދާހެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ކަރުދާސް ތައްޔާރުކޮށް ނިމުމުން މަޝްވަރާކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިންސެފް ޔުނިވާސިޓީގެ އެސޯސިއޭޓް ޑީން، ޕްރޮފެސަ ޑރ. ޢާއިޝަތު މުނީޒާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ "އަޅުގަނޑުމެން ފަގީރު ކުއްޖާއަށް ނުވަތަ ފަގީރު މީހާއަށް ނުވަތަ މިސްކީނު މީހާއަށް ދިރިއުޅުމުގައި ބޭނުންވާ ތަފާތު އެކިއެކި ޒަރޫރީ ކަންތައްތަކަށް ޒަކާތު ފަންޑުން އެހީވުމުގެ ތަސައްވުރު މިހާރު އަޅުގަނޑުމެން އެކުލަވާލަމުން މިދަނީ،" ޝަހީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބޭސްފަރުވާއާއި ތައުލީމާއި ބޯހިޔާވަހިކަމާއި އެފަދަ އެހެނިހެން ކަންތައްތަކުގައި، ފަގީރުންގެ ދަފުތަރުގައި ރަޖިސްޓާވެފައި ތިބޭ ފަގީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން އެހީތެރިވެވޭނެ ގޮތް ހިމަނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމަ މިކަން މިގޮތަށް އަޅުގަނޑުމެންނަށް ތަރައްގީ ކުރެވިއްޖެ ނަމަ ޔަގީން ހެޔޮ މުޖުތަމައެއް ރާއްޖޭގައި އުފެދިގެން ދާނެކަން. ހަމައެގޮތަށް ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ކޮންމެ ބަޔަކީ ވެސް ތަރައްގީ ކުރެވޭނެ ބަޔެއް،" ޝަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޒަކާތާ ގުޅޭ ކަންކަމުގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ގައުމަކަށް ވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޒަކާތު ބިލުގެ މުހިންމުކަން ފާހަގަކުރައްވައި، އެ ބިލަކީ އެންމެ ފަހުގެ ޢިލްމީ ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ ބިލެއް ކަމަށާއި، އެ ބިލްގައި ޒަކާތުގެ ފައިސާ އިންވެސްޓް ކުރުމުގެ ފުރުސަތުތައް ވެސް ހިމެނޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އިންޒެކް 2025 ގައި ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށް އަލިއަޅުވާލާނެއެވެ. މީގެ އިތުރުން، ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެއެވެ. މި ކޮންފަރެންސްގައި ރާއްޖެއާއި މެލޭޝިޔާގެ އެކި މުއައްސަސާތަކުން ބައިވެރިވާނެއިރު، ޕެނެލިސްޓުންގެ ގޮތުގައި މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސް އަދި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ