އެއާޕޯޓުގެ އާ ޓަމިނަލުން ފުރަތަމަ އެރައިވަލް ހިދުމަތް ހޯދާ ފަސިންޖަރުން ގޮވައިގެން އައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް މިއަދު ޖައްސައިފި އެވެ.
އާ ޓާމިނަލުގެ އެރައިވަލް ހިދުމަތް އެންމެ ފުރަތަމަ ހޯދީ ކޮޗިންއިން މާލެއަށް ދަތުރުކުރި Q2-2707 ބޯޓުގެ ފަސިންޖަރުންނެވެ. އެ ފަސިންޖަރުން އެއާޕޯޓަށް ފައިބާފައި ވަނީ މުޅީން އަލަށް ރާއްޖޭގައި ގާއިމު ކުރި އޭރޯބްރިޖުތަކުގެ ތެރެއިން ތިންވަނަ ބްރިޖުންނެވެ. އާ ޓާމިނަލުގައި ޖުމުލަ 12 އޭރޯ ބްރިޖު ހުރެ އެވެ.
އެ ބޯޓުގައި 112 ފަސިންޖަރުން ދަތުރުކުރިއިރު، އޭގެތެރޭގައި ހިމެނެނީ ބިޒްނެސް ކްލާހުގެ 15 ފަސިންޖަރުންނާއި އިކޮނޮމީ ކްލާހުގައި ދަތުރުކުރި 97 ފަސިންޖަރުންނެވެ. އެ ބޯޓު ހުޅުލެއަށް ޖެއްސީ މިއަދު މެންދުރުފަހު 2:31 ގަ އެވެ.
މި ބޯޓު ހުޅުލެއަށް ޖެއްސުމާއެކު ރޭ ހުޅުވި އާ ޓާމިނަލުގެ އޮޕަރޭޝަންތައް މިވަނީ ރަސްމީކޮށް ފަށައިފަ އެވެ.
މޯލްޑިވިއަންގެ އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮކު ކުރީ އާ ޓާމިނަލްގައި ގާއިމު ކޮށްފައިވާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިން ސިސްޓަމްގެ އެހީގަ އެވެ. މިއީ ވެސް ރާއްޖޭގައި މުޅިން އަލަށް ފޭން ފެށި ހިދުމަތެކެވެ. މީގެ ކުރިން އެއާޕޯޓަށް ޖައްސާ ބޯޓުތައް ޑޮކް ކުރަނީ މާޝަލް އެޓެންޑެންޓެއްގެ އެހީގަ އެވެ.
އަގު ބޮޑު، ކުލަ ގަދަ، ރަސްމިއްޔާތަކަށް ފަހު ރޭ ހުޅުވި ވީއައިއޭގެ އާ ޓާމިނަލު މި ވަގުތު ބޭނުންކުރަނީ މޯލްޑިވިއަންއިން އެކަންޏެވެ. އެމްއޭސީއެލްއިން ބުނެފައި ވަނީ ހުރިހާ އިންޓަނޭޝަނަލް އެއާލައިންތަކުގެ ދަތުރުތައް އާ ޓާމިނަލަށް ބަދަލުކުރެވޭނީ ސެޕްޓެމްބަރު މަހު ކަމަށެވެ.
މޯލްޑިވިއަންގެ ބައިނަލްއަގުވާމީި ދަތުރުތައް އާ ޓާމިނަލަށް ބަދަލުކުރުމާއެކީ، އެ އެއާލައިނުގައި ރާއްޖޭން ބޭރަށް ދަތުުރުކުރާ ފަސިންޖަރުން ފުރަން ދާން ޖެހޭނީ އާ ޓާމިނަލަށެވެ.
މޯލްޑިވިއަންއިން ދަތުރުކުރާ ބޭރުގެ މަންޒިލުތަކުގެ ތެރޭގައި ކޮޗިންގެ އިތުރުން އިންޑިއާގެ ބެންގަލޫރޫ އާއި ޗައިނާގެ މަންޒިލުތައް ހިމެނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުން ދައްކާ ގޮތުގައި ބައިނަލްއަގުވާމީ 30 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރެ އެވެ. އޭގެ ތެރެއިން އަށް އެއާލައިނަކުން ދަތުރުކުރަނީ ޔޫރަޕުގެ މަންޒިލުތަކުންނެވެ. ދެން ހުރި ހުރިހާ އެއާލައިނުތަކަކީ އޭޝިއާގެ އެކި މަންޒިލުތަކުން ދަތުރުކުރާ އެއާލައިންތަކެވެ.
މި ހުރިހާ އެއާލައިނުތަކުގެ އޮޕަރޭޝަން އާ ޓާމިނަލަށް ބަދަލުކުރެވެންދެން، އިންޓަނޭޝަނަލް ދަތުރުތަކަށް އާ ޓާމިނަލާއި މިހާރުގެ ޓާމިނަލް ވެސް ބޭނުންކުރާނެ އެވެ. އާ ޓާމިނަލަށް ހުރިހާ އެއާލައިނުތައް ބަދަލުކުރެވުމުން މިހާރުގެ ޓާމިނަލް ބޭނުންކުރާނީ ޑޮމެސްޓިކް ދަތުރުތަކަށް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެކްސްޕޭންޝަން ޕްރޮޖެކްޓުގެ އެންމެ ފަހު، އަދި އެންމެ އަގު ބޮޑު މަސައްކަތެވެ. މެދުއިރުމަތީގެ ތިން ގައުމެއްގެ ސޮވްރިން ފަންޑާއި އޮޕެކް ފަންޑުން ލޯނު ނަގައިގެން ތަރައްގީކުރި މި ޓާމިނަލަށް 438 މިލިއަން ޑޮލަރު ހަރަދުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއަކިީ އެކު ޖުމުލަ 72،000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.2 މިލިއަން ފަތުރުވެރިންނަށް އެ ތަނުން ހިދުމަތް ދެވޭނެ އެވެ.
އެ ޓާމިނަލުގައި ހުންނަ އޮޓޮމެޓިކް ބެގެޖް ސިސްޓަމަކީ ވެސް ރާއްޖޭގައި މުޅިން އަލަށް ބޭނުންކުރަން ފަށާ ސިސްޓަމެކެވެ. އާ ޓާމިނަލުގައި ބޭނުންކުރާ އޮޓޮމެޓިކް ބެގެޖް ސިސްޓަމަކީ ފަސިންޖަރުންގެ ކްލާސްތައް ވަކިކޮށް ތަފާތު އެކި ފްލައިޓުތަކުގެ ބެގެޖުތައް އަމިއްލައަށް ވަކިކުރުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.
ވިއައިއޭގެ އާ ޓާމިނަލަށް ފުރަތަމަ ބޯޓު ޑޮކު ކޮށް، ފުރަތަމަ ފަހަރަށް އޭރޯ ބްރިޖު ބޭނުންކޮށްފި ވިއައިއޭގެ އާ ޓާމިނަލަށް ފުރަތަމަ ބޯޓު ޑޮކު ކޮށް، ފުރަތަމަ ފަހަރަށް އޭރޯ ބްރިޖު ބޭނުންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ