ފަސް ދުވަސް ވަންދެން ކުރި ހަނގުރާމަ ހުއްޓާލުމަށް ދެ ފަރާތުންވި އެއްބަސްވުމާ ކެމްބޯޑިއާ އިން ހިލާފުވެފައިވާ ކަމަށް ތައިލެންޑުން މިއަދު ތުހުމަތުކޮށްފި އެވެ.
ރޯޔަލް ތައި އާމީގެ ތަރުޖަމާނު މޭޖާ ޖެނެރަލް ވިންތައި ސުވަރީ ވިދާޅުވީ ކެމްބޯޑިއާއިން ތައިލެންޑްގެ "އެކި ތަންތަނަށް" ރޭ ހަމަލާ ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ތައިލެންޑުން ދެކޭ ގޮތުގައި "އެއް ބަޔަކުު އަނެއް ބައެއްގެ މެދުގައި އޮންނަ އިތުބާރު ގެއްލުވާލުމުގެ މަގްސަދުގައި އަދި ވެފައިވާ އެއްބަސްވުމާ ހިލާފަށް" ދިން ހަމަލާއެއް ކަމަށެވެ.
ވިންތައީ ވިދާޅުވީ ދެ ފަރާތުން އެއްބަސްވި ގޮތަށް ތައިލެންޑްގެ އަސްކަރިއްޔާއިން ވަގުތުން ދަންވަރު ބަޑީގެ ހަމަލާތައް ހުއްޓާލި ކަމަށެވެ. ނަމަވެސް ކެމްބޯޑިއާގެ އަމަލުތަކަށް ރައްދު ދިން ކަމަށެވެ.
"ތައިލެންޑުގެ ފަރާތުން އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހަމަލާ ދީފައި ނުވާކަން އަޅުގަނޑު ޔަގީންކުރަން. ނަމަވެސް ބައިނަލްއަގްވާމީ އުސޫލުތަކުގެ ދަށުން، ގައުމީ ސިޔާދަތު ދެމެހެއްޓުމަށާއި ހިމާޔަތްކުރުން ވަގުތުން ފިޔަވަޅު އެޅިން،" އޭނާ ވިދާޅުވި އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ހޫން މަނެޓް މިއަދު ހެނދުނު ފޭސްބުކްގައި ޝާއިއުކުރި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރޭގަނޑުގެ ވަގުތެއްގައި ހަނގުރާމަ ހުއްޓާލި ފަހުން ފްރޮންޓްލައިންއަށް ލުއިތަކެއް ލިބިފައިވާ ކަމަށެވެ.
ކެމްބޯޑިއާގެ ސަމްރައޮންގް ސިޓީގައި ހުރި އޭއެފްޕީގެ ނޫސްވެރިޔަކު ރިޕޯޓްކޮށްފައިވާ ގޮތުގައި، ދަންވަރު ވާން 30 މިނިޓް ކުރިން ބޮމުގެ އަޑު ހުއްޓި، ފަތިސްވަންދެން ވެސް ހަމަހިމޭންކޮށް އޮތެވެ.
ވޭތުވެ ދިޔަ ފަސް ދުވަހުގެ ތެރޭގައި ކުރި ހަނގުރާމައަކީ 10 ވަރަކަށް އަހަރުގެ ތެރޭގައި އަވަށްޓެރި ދެ ގައުމުގެ މެދުގައި ހިނގި އެންމެ ވަރުގަދަ ހަމަލާތަކެކެވެ. އެ ހަނގުރާމަ ހުއްޓުވުމުގެ މަގްސަދުގައި މެލޭޝިއާގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ދެ ފަރާތުން "ވަގުތުން އަދި ޝަރުތެއް ނެތި" ހަނގުރާމަ ހުއްޓާލުމަށް ވަނީ އެއްބަސްވެފަ އެވެ.
ބޯޑަރު ހިއްސާ ކުރާ ދެ ގައުމުގެ ދެމެދުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 38 މީހަކު ވަނީ މަރުވެފަ އެވެ. އަދި 300،000އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ މުއާހަދާއާ ކެމްބޯޑިއާއިން ހިލާފުވެއްޖެ: ތައިލެންޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ