ހުޅުމާލެ ޗެނަލް ޕާކު ސަރަހައްދުގައި މުރަކަ އާލާކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ހުޅުމާލެ ފޭސް 1 ގެ ޗެނަލް ޕާކު ސަރަހައްދުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީ އިން ބުނީ މި ހަރަކާތް ފަށާފައިވަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި) ގެ ބައިވެރިވުމާއެކު ކަމަށާއި، މި ހަރަކާތުގައި ހުޅުމާލޭގެ އިރުމަތީ ފަރުން ވަކިބާވަތެއްގެ މުރަކަ ނެގުމަށްފަހު ޗެނަލް ސަރަހައްދުގައި މުރަކަ އިންދުމުގެ މަސައްކަތް ކުރެވިފައިވާކަމަށެވެ.
އެޗްޑީސީ އިން ބުނީ މިއީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ ހަރަކާތެއް ކަމަށާއި، މި ހަރަކާތުގެ ދަށުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށެވެ. މިކަމުގެ ބޭނުމަކީ އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުމާއެކު އެޗްޑީސީގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީ އިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އީޕީއޭގެ އިސްވެރިން އަދި އެމްއެމްއާރްއައިގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށާއި އަދި ހުޅުމާލެ އަކީ ދިރިއުޅެން ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ