ހަ ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރަން އަމިއްލަ ތިން ކުންފުންޏަކަށް ހަވާލުކޮށްފި

ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް އަމިއްލަ ތިން ކުންފުންޏަކާ ހެލްތު މިނިސްޓްރީން މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީން ތިން ކުންފުންޏަކާ ހަވާލުކުރީ ހއ، ވަށަފަރާއި އެ އަތޮޅުގެ ތުރާކުނާއި، ށ. ޅައިމަގާއި، ނ. މަގޫދުއާއި، ފ. ބިލެތްދޫގެ އިތުރުން އެ އަތޮޅުގެ ދަރަނބޫދޫގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމަށެވެ. އެގޮތުން ވަށަފަރާއި ތުރާކުނުގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް މިނިސްޓްރީން ހަވާލުކުރީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުންޏާއެވެ. ޅައިމަގުގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރަން އީކޯން މޯލްޑިވްސް ކުންފުންޏާ ހަވާލުކުރިއިރު، މަގޫދުއާއި ބިލެތްދުއާއި ދަރަނބޫދޫގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް މިނިސްޓްރީން ހަވާލުކުރީ ސަމާލު ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. މިނިސްޓްރީން ވަނީ ހަ ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރަން އަމިއްލަ ތިން ކުންފުންޏަކާ ހަވާލުކޮށްފަ -- ފޮޓޯ: ހެލްތު މިނިސްޓްރީ މި މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއީލް ޒާހިރެވެ. ހެލްތު މިނިސްޓްރީން ހާމަކުރި ތަފުސީލުގައިވާ ގޮތުން،ވަށާފަރާއި ދަރަނބޫދޫގެ ސިއްހީ މަރުކަޒުތައް ހަވާލުކުރީ ހަތް މަސް ދުވަހުގެތެރޭ ނިންމާގޮތަށެވެ. އަދި ޅައިމަގާއި މަގޫދޫގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމުމަށް ދިނީ ހަ މަސްދުވަހެވެ. ކޮންމެ ތަނަކަށް 4.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މިނިސްޓްރީން ބުންޏެވެ. ހަ މަސް ދުވަހުގެ ތެރޭ ތުރާކުނުގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށް ހަވާލުކޮށްފައި ވަނީ 3.4 މިލިއަން ރުފިޔާއަށެވެ. ބިލެތްދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށް 4.3 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް، މިނިސްޓްރީން ހާމަކުރި މައުލޫމާތުގައި ވެއެވެ. މި މަސައްކަތުގެ ތެރެއިން ވަށަފަރާއި ޅައިމަގާއި ދަރަނބޫދޫގެ ސިއްހީ މަރުކަޒުތަކަށް ވޯޑަކާއި ޕްރައިވެޓް ރޫމްގެ އިތުރުން، ލެބޯޓަރީ އަކާއި ނަރުހުންނަށް ޚާއްސަ ސްޓޭޝަނަކާއި ޕްރޮސީޖާ ރޫމަކާއި ގަރާޖަކާއި ސްޓޯ ރޫމެއް އިތުރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއާއެކު، މި މަސައްކަތުގެ ތެރެއިން ތުރާކުނުގެ ސިއްހީ މަރުކަޒަށް އޮފީހަކާއި މީޓިން ހޯލަކާއި އާންމު ސިއްހަތާ ބެހޭ އޮފީހަކާއި ސްޓޯ އަދި ލޯންޑްރީ ޖާގަ އިތުރުކުރެވޭނެ ކަމަށާއި، މަގޫދޫގެ ސިއްހީ މަރުކަޒަށް ވޯޑަކާއި ލެބޯރެޓަރީއަކާއި ނަރުހުންނަށް ޚާއްސަ ސްޓޭޝަނަކާއި ޕްރޮސީޖާ ރޫމަކާއި ލޯންޑްރީ އަދި ސްޓޯ ރޫމެއް އިތުރުކުރެވިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން، މިނިސްޓްރީން ބުނީ ބިލެތްދޫގެ ސިއްހީ މަރުކަޒަށް ވޯޑަކާއި، ލެބޯރެޓަރީއަކާއި ނަރުހުންނަށް ޚާއްސަ ސްޓޭޝަނަކާއި ލޭބާ ރޫމަކާއި ސްޓޯ ރޫމެއް އިތުރުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ