ބިލްބާއޯ (ޖުލައި 4) - ބާސެލޯނާ އިން ސޮއި ހޯދަން މަސައްކަތް ކުރަމުންދިޔަ ސްޕެއިންގެ ފޯވާޑް، ނިކޯ ވިލިއަމްސް، އޭނާ މިހާރު ވެސް ކުޅެމުން އަންނަ އެތުލެޓިކް ބިލްބާއޯގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ.
ސްޕެއިނާ އެކު، އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި، ނިކޯ އަކީ ބާސެލޯނާގެ އެއް ނަމްބަރު ޓާގެޓެވެ. އެކަމަކު، 2027 ވަަނަ އަހަރުގެ ޖޫންގެ ނިިޔަލަށް ނިކޯއާ އެކު، ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަންޖެހޭ، 75 މިލިއަން ޑޮލަރު އެއް ފަހަރާ ދޭން ބާސެލޯނާ އިިން ބޭނުމެއް ނުވެ އެވެ. ބާސެލޯނާގެ އެއް ވިސްނުމަކީ، ބަހާލައިގެން، އެ ފީ ދެއްކުމެވެ. އެކަމަކު، ބިލްބާއޯ އިން އެ ގޮތަށް ކުރިއަށްދާން ދެކޮޅު ހަދަ އެވެ. އެހެންވެ، ބިލްބާއޯ އިން ވަނީ ކްލަބާ މަޝްވަރާ ނުކޮށް، ބާސެލޯނާ އިން ނިކޯ އަށް ނުފޫޒުފޯރުވާ ކަމަށް ވެސް ބުނެފަ އެވެ.
ބާސެލޯނާ އިން ނިކޯ، 22، ގެންނަން އޭނާއާ އެކު ގިނަ މަޝްވަރާތަކެއް ކޮށްފައިވާއިރު، އެ ކްލަބްގެ ސްޕޯޓިން ޑިރެކްޓަރު، ޑެކޯއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެއްބަސްވުމެއް ވެސް އަނގަބަހުން ހެދި އެވެ. އެ ގޮތުން، އެއްބަސްވީ 2031 ގެ ހޫނު މޫސުމާ ހަމައަށް އެ ކްލަބަށް، އަހަރަކު އަށް މިލިއަން ޔޫރޯގެ މުސާރަ އަކަށް ކުޅޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އޭގެ ފަހުން، މިއަދު ބިލްބާއޯ އިން އިއުލާނުކުރީ، 2035އާ ހަމައަށް ނިކޯ އެ ކްލަބާ އެކު ކޮންޓްރެކްޓް އާ ކޮށްފައިވާ ކަމަށެވެ. އަދި، މި އެއްބަސްވުމުގައި ވަނީ ކުރިން އޮތް އެގްރީމެންޓްގައި ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފީ 50 ޕަސެންޓް އިތުރުކޮށްފަ އެވެ. އެހެންކަމުން، މިހާރު އެ ފީ 100 މިލިއަން ޑޮލަރަށް ވުރެ ގިނަވާނެ އެވެ.
ބިލްބާއޯ އަށް 167 މެޗު ކުޅެދީފައިވާ ނިކޯ، ބާސެލޯނާއާ ގުޅުމުގައި ދެ ވަނަ ވިސްނުމަކަށް ދާން ޖެހުނީ، އެ ކްލަބްގެ މާލީ މައްސަލަތައް ހުރި ގޮތުން، އާ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ދަތިތަކެއް ދިމާވާނެ ކަމަށް ލަލީގާގެ ރައީސް، ހަވިއޭ ޓެބާސް ވިދާޅުވެފައިވަނިކޮށެވެ.
ބާސެލޯނާ އިން ފާރަލަމުން ދަނިކޮށް ނިކޯ ބިލްބާއޯގެ އެއްބަސްވުން އާ ކޮށްފި ބާސެލޯނާ އިން ފާރަލަމުން ދަނިކޮށް ނިކޯ ބިލްބާއޯގެ އެއްބަސްވުން އާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ