ބީއެމްއެލްގެ ތިން ބްރާންޗެއް އިސްލާމިކަށް ރީބްރޭންޑް ކޮށްފި

ތިން ރަށެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތައް، ބީއެމްއެލް އިސްލާމިކް އަށް ރީބްރޭންޑް ކޮށްފި އެވެ.
ބީއެމްއެލްގެ އިސްލާމިކް ބޭންކިން ހިދުމަތްތައް ދެމުން އަންނަތާ 10 އަހަރު ފުރުނު ދުވަހާ ގުޅުވައިގެން އެ ބޭންކް އިން މިއަދު ބުނީ، އެ ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އޭދަފުށި، މަހިބަދޫ އަދި ގަން ބްރާންޗްތައް މިހާރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ބްރާންޗް ތަކަކަށް ރީބްރޭންޑްކޮށް، އެ ބްރާންޗްތަކުން ޚިދުމަތް ދެމުން ދާނީ އިސްލާމިކް ބޭންކިންގެ ހިދުމަތްތަކަށް އިސްކަންދެވިގެން ކަމަށެވެ.
ބީއެމްއެލް އިސްލާމިކް ގާއިމުކުރެވުނީއްސުރެ އިސްލާމިކް ބޭންކިން ޚިދުމަތް ދެމުން އަންނަނީ ޝާރީޢާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގްވާމީ ގޮތުން ބޭނުންކުރާ އެންމެ ރަނގަޅު މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކްގެ އިސްލާމިކް އަށް 10 އަހަރު ފުރިގެން ދިޔުމަކީ އެ ބޭންކަށް ލިބޭ ފަޚުރެއް ކަމަށެވެ.
"ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، މި ބޭންކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ޚިދުމަތްތައް ހިމެނޭހެން ހުރިހާ ޚިދުމަތެއް ފޯރުކޮށްދެން. މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންގ، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކް. އަދި ހަމައެހެންމެ މި ބޭންކަކީ ރާއްޖޭގައި ހަމައެކަނި ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ބޭންކުވެސްމެ." ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، ބްރާންޗްތަކަށް މި ގެނެވުނު ބަދަލުން ދައްކުވައިދެނީ ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 150 އޭޓީއެމް އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ