މައިންބަފައިންނަށް ކިޔަމަންވުމުގައި, އިސްމާއީލްގެފާނު ޒުވާނުންނަށް ދެއްކެވީ ނަމޫނާއެއް: ޢީދު ހުތުބާ

މައިންބަފައިންނަށް ކިޔަމަންވުމުގައި އިސްމާއީލްގެފާނު ދެއްކެވީ ޒުވާނުނަށް ނަމޫނާއެއްކަމަށް ޢީދު ހުތުބާގައި ވިދާޅުވެއްޖެއެވެ.
ބޮޑުޢީދު ހުތުބާގައި މިއަދު ބުނީ ޙައްޖުގެ އަޅުކަމުން އަހަރެމެންނަށް ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހީމް އަލައިހިސަލާމްގެ ވާހަކަތައް ކަމަށާއި، އެވާހަކަތަކުން ކެތްތެރިކަމާއި ކިޔަމަންތެރިކަން އަދާކުރުމުގެ މުހިއްމުކަން ކިތަންމެހާވެސް ރަނގަޅަކަށް އެނގިގެންދާކަމަށެވެ. މިގޮތުން އިބްރާހިމް އަލައިހިސަލާމް، އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، ޤުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި އަމުރުފުޅަށް އިޖާބަ ދެއްވި ދެއްވުމުގެ ވާހަކަ މިއަދުގެ ހުތުބާގައި ފާހަގަކުރެއްވިއެވެ.
އިބްރާހީމްގެފާނުގެ ދަރިކަލުން އިސްލާއީލްގެފާނު ގުރުބާންކުރެއްވުމަށް ﷲ އަމުރުކުރެއްވި ހިނދު ދަރިކަލުން ޤުރްބާން ކުރެއްވުމަށް ޓަކައި ވަޅި ނެންގެވިއެވެ. އަދި ވަގުތުން ދަރިކަލުން ބަފައިކަލުންނަށް ކިޔަމަންވެ ވަޑައިގެން، ބަފައިކަލުންނަށް ކަނދުރާ ލަންބަވައިލެއްވިއެވެ. އެ ހައި ހިސާބުން އިމްތިޙާނުން ފާސްވީކަމުގެ އުފާވެރި ޚަބަރު ﷲ ވަނީ އިބްރާހީމްގެފާނަށް ދެއްވާފައެވެ.
ހުތުބާގައި ބުނީ މި އިމްތިހާނު ކުރެއްވުމުގެ މަގްސަދަކީ ގުރުބާންކުރެއްވުން ނޫންކަމަށާއި، ކޮންމެ ކަމަކަށް الله އަމުރުކުރެއްވިޔަސް އެކަމަކަށް ފަސްޖެހިވަޑައިގަތުމެއް ނެތި، އެ އަމުރުފުޅު، ތަންފީޒު ކުރައްވާނެކަން ދެއްކެވުންކަމަށެވެ.
ހުތުބާގައި ބުނީ އިސްމާއީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމަކީ އަހަރެމެންގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަމަށާއި، މައިންބަފައިންނަށް ކިޔަމަންގަންނާން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށެވެ. އެގޮތުން އެ ހާދިސާއިން އަންގައިދެނީ އިސްމާޢީލުގެފާނަށް ލިބިވަޑައިގެންފައިވާ ތަރުބިޔަތުގެ ރަނގަޅުކަމާއި ހެޔޮކަންކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
މިއަދު އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑު އިވޭކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، އަހަރެމެންގެ ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ހަދަންޖެހޭކަމަށެވެ. މިއަދު އީދު ފާހަގަކުރަމުންދާއިރު އިސްމާއީލްގެފާނު ގުރުބާނީގެ ހާދިސާއިން އިބުރަތް ހާސިލްކުރަންޖެހޭ ކަމަށާއި، އެއީ اللهއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުހެއްކަމަށެވެ.
މިއަދު އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، الله އާއި އެކަލާނގެ ރަސޫލާ ގެ އެންގެވުންތަކާ ދުރުހެލިވުން ކަމަށާއި، ހަމަ އެއާއެކު، ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުންކަމަށްވެސް އީދު ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ