ފްރޭންކްފާޓްއިން ސްޕާސް ހިފަހައްޓާލައިފި
ޔުއޭފާ ޔޫރޮޕާ ލީގުގެ ކްއާޓާ ފައިނަލްގައި ޓޮޓްނަމް ހޮޓްސްޕާ އާއި އެއިންޓްރެކްޓް ފްރޭންކްފާޓް ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ. ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސް އިންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވީ ފްރޭންކްފާޓްގެއެވެ. މި ގޮތުން މެޗުގެ ހަ ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހޫގޯ އެކިޓިކޭއެވެ. ނަމަވެސް މި ލަނޑާއެކު ސްޕާސްއިން އެ ޓީމުގެ ހަމަލާތައް ވަރުގަދަ ކޮށް މެޗުގެ 26 ވަނަ މިނެޓުގައި ވަނީ މެޗުގެ ނަތީޖާ ހަަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕެޑްރޯ ޕޯރޯއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. މި މެޗުގެ ދެވަނަ ހާފަށް ސްޕާސްއިން އިތުރު ހިތްވަރަކާއެކު ނިކުތް ނަމަވެސް މި ހާފުގައި ފްރޭންކްފާޓްގެ ތަރިއަކަށް ވެގެންދިޔައީ ކީޕާ ކައުއާ ސަންޓޯސްއެވެ. އޭނާ ވަނީ މި ހާފުގައި ނުރައްކާތެރި ދެތިން ހަމަލާ ދިފާއު ކޮށްފައެވެ. މި ހާފުގައި ސްޕާސްގެ ލޫކަސް ބާގްވާލް އާއި ރޮދްރިގޯ ބެންޓަކޫ ފޮނުވާލި ދެ ހަމަލާއެއް ވަނީ ފްރޭންކްފާޓްގެ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. އަދި ކެޕްޓަން ސޮން ހެއުން މިން އާއި ޖޭމްސް މެޑިސަން ފޮނުވާލި ދެ ހަމަލާއެއް ވަނީ ކީޕާ ސަންޓޯސް ދިފާއުކޮށްފައެވެ. އަދި މެޗު ނިމެން ގާތް ވެފައިވަނިކޮށް މިކީ ވެންޑެ ވެން ފޮނުވާލި ހަމަލާއެއްވެސް ވަނީ ސަންޓޯސް ދިފާއުކޮށްފައެވެ. މެޗަށްފަހު ވާހަަކަ ދައްކަމުން ސްޕާސްގެ ކޯޗު އަންގަ ޕޮސްޓެކޮގްލޫވަނީ އޭނާގެ ޓީމުގެ އެއްވެސް ވަރަކަށް ނަސީބު ނެތީ ކަމަށެވެ. މި ސީޒަންގައި ސްޕާސްއަށް ތަށްޓެއް ކާމިޔާބު ކުރުމަށް އޮތް ހަމައެކަނި ފުރުސަތު ކަމުގައިވާ ޔޫރޮޕާ ލީގުގައި މި މެޗުން ނިކުން ނަތީޖާ އާއެކު ދެވަނަ ލެގުގައި ފްރޭންކްފާޓްގެ ދަނޑުގައި ކުޅޭއިރު ކުރަންޖެހޭ މަސައްކަތް އިތުރު ވެގެންދާނެއެވެ. މި މުބާރާތުގައި ލާޒިއޯ އާއި ބޯޑޯ ގްލިމްޓް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބޯޑޯ ގްލިމްޓްއެވެ. މި މެޗުގައި ބޯޑޯ ގްލިމްޓްއިން ކާމިޔާބު ކުރި ދެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަލްރިކް ސޯލްޓްނެސްއެވެ. މި މެޗުން ލާޒިއޯ ބަލިވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ނަމަވެސް މި މެޗު ކުޅެފައިވަނީ ވަރަށް ފިނީގައިކަމުން މި މަހައުލަށް ލާޒިއޯ ހޭނުމުގައި އުނދަގޫތައް ހުރިކަން މެޗުން ފާހަގަ ވެގެންދިޔައެވެ. އަދި މެޗު ފެށުމުގެ ކުރިން ދަނޑުން ސްނޯ ސާފުކުރުމަށް ވެސް ގިނަ ބަޔެއްގެ އެހީތެރިކަން ބޭނުންވެގެންދިޔައެވެ. މި ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ލާޒިއޯގެ ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ