ފުލުހުންނަށް ކާންދިނުމުގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއް ފެންމަތިކޮށްފި

ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ، ޕޮލްކޯ މެދުވެރިކޮށް ފުލުހުންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިމެނޭ މައްސަލައެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ފެންމަތިކޮށްފި އެވެ.
ތަފްސީލް - ޕޮލްކޯއާ ގުޅޭ ގޮތުން ބަލަމުން އަންނަ މައްސަލަތަކާ ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނައިބު މުގައްރިރު، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ:
ފުލުހުންނަށް ކެއުމުގެ ހިދުމަތް ދިނުމުގެ ކަންކަން ޕޮލްކޯ މެެދުވެރިކޮށް ކުރަން ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑުން ހުއްދަ ދިނީ ފަސް އަހަރަށް ކޮންޓްރެކްޓް ކުރަން
ޕޮލްކޯއިން އެ މަސައްކަތް އެތަނުގެ އެތެރޭގައި ހަދާފައިވާ ޕޮލްކެޓް ކިޔާ އެހެން ކުންފުންޏަކާ ހަވާލުކުރީ 10 އަހަރުދުވަހަށް ކޮންޓްރެކްޓްކޮށްފައި 
ޖެހިގެން އަންނަ ވެރިކަމުގައި އެހެން ބަޔަކަށް މިކަން ބަދަލު ވެދާނެތީ މިގޮތަށް ކޮންޓްރެކްޓު ގަސްތުގައި ހަދައި މިކަން ކުރި ކަމަށް ބެލެވޭ
"2018ގައި ފިނޭންސުން ހުއްދަ މިދެނީ ފަސް އަހަރަށް ޕޮލްކޯއަށް ކާންދިނުމުގެ ހިދުމަތް ދިނުމުގެ ކަންކަން ކުރަން. އެކަމަކު ފަސް އަހަރަށް ދެއްވި ހުއްދައިގެ ދަށުން 10 އަހަރު ދުވަހަށް އެގްރިމަންޓް ކުރަން ފުލުހުންގެ އޮފިސަރަކު ލިޔުއްވާފައި އޮތް ލިޔުއްވުމެއް މިއީ. ފިނޭންސުން ފަސް އަހަރަށް ހުއްދަ ދެއްވީމާ އޮފިސަރު މިއޮތީ 10 އަހަރު ދުވަހަށް އެގްރިމަންޓް ކުރައްވާށޭ ލިޔުއްވާފައި. މިހިރީ އެއްވެސް ޖެހިލުމެއް ނެތިކޮށްލާފައި ހުރި ކަންކަން،" ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ. 
އެ އެއްބަސްވުމަކީ އަހަރަކަށް 35 މިލިއަން ރުފިޔާ ހަރަދުވާ ކޮންޓްރެކްޓެއްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ފުލުހުންނަށް ކުރާ ހަރަދުތަކުގެ ތެރެއިން ވެސް އިސްރާފަށް ފޭދިގެންދާ ބައި ކުޑަކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ތެރޭގައި "ޔޭސް، ސާ" އުސޫލް އޮންނަ ގޮތަށް ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަންކަން ނުކުރެވޭނެ ކަމަށެވެ.
"އެއް އޮފިސަރަކު އަނެއް އޮފިސަރަކަށް އެންގީމާ، 'ޔެސް، ސާ' ކިޔާފައި މި ކުރަނީ. އެހެން އެންގީމާ ކުރެވޭނެ ކަމެއް ނޫން މިއީކީ. މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން ވަކި ގޮތަކަށް ހުންނަނީ ކަންކަން ތަރުތީބުވެފައި. އޭގެ ތެރެއިން ދާން ޖެހޭނީ،" ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހިޔާލު ދެއްވީ ފިނޭންސްގެ އެންގުމާ ހިލާފަށް އެއްބަސްވުން ހަދަން އެންގި ފުލުސް އޮފިސަރުގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމަށެވެ. އަދި އެ މައްސަލަ ކަމާ ގުޅޭ ފަރާތްތައް ހާޒިރުކޮށް ބެލުމަށެވެ. 
"މި ވާނެ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށް،" ސަލީމް ވިދާޅުވި އެވެ. 
ނާޒިމް އިތުރަށް ވިދާޅުވީ ފުލުހުން ނޫނަސް ދެން ވެސް ހުރި ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި އުފައްދާފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ކުރާ ގޮތް ބަލަން ޖެހޭ ކަމަށެވެ. 
"ކޯޕަރޭޓިވް ސޮސައިޓީތަކުގެ ކަންކަން ދޫކޮށްލައިގެން ތިބެވޭކަށް ނެތް. ވަރަށް  ވިޔާނުދާކޮށް ކޮށްފައި ހުރިކަންކަން ޕޮލްކޯގެ މައްސަލަ ބެލީއިރު މި ފާހަގަވަނީ،" ނާޒިމް ވިދާޅުވި އެވެ.
ގުޅުންހުރި - ޕޮލްކޯއާ ގުޅޭ ކަންކަން މާލިއްޔަތު ކޮމިޓީން ބަލަން ފެށީ އެ ތަނުން ކުރިއަށް ގެންދިޔަ ހުޅުމާލޭގައި 300 ފްލެޓް އެޅުމުގެ މަޝްރޫއަށް އިތުރަށް 240 މިލިއަން ރުފިޔާ އާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވެފައިވީ ނަމަވެސް އެ ފްލެޓްތަކުގެ މަސައްކަތް އަދިވެސް ނިމިފައި ނުވާ މައްސަލަ އޮޑިޓާ ޖެނެރަލް ފެންމަތި ކުރެއްވުމާ ގުޅިގެންނެވެ.
އެ މަޝްރޫއާ ގުޅޭ ހިޔާނާތުގެ މައްސަލަތައް އޭސީސީން ވެސް އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ