ޕާކިސްތާނު ބަތަލާ ހާނިއާއަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީއިން ލިބުނު ފުރުސަތު ގެއްލިއްޖެ

ޕާކިސްތާނު މަޝްހޫރު ބަތަލާ ހާނިއާ އާމިރު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވުމަށް ލިބުނު ފުރުސަތު ބަތަލާއަށް ގެއްލިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ހާނިއާ އާމިރު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާ ފިލްމަކީ އިންޑިއާގެ ޕަންޖާބް ލަވަކިޔުންތެރިޔާ/އެކްޓަރު ދިލްޖީންތު ދޮސާންޖު ލީޑް ރޯލް ކުޅޭ ފިލްމު "ސަރުދާރު 3"އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދިލްޖީތު އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށް ގެންދިޔަ ކޮންސެޓުގައި ވަނީ އެއްވެ ތިބި އޯޑިއަންސަށް ހާނިއާ ތައާރަފްކޮށްދީފައެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން ހާނިއާ ވަނީ ދިލްޖީތުއާ އެކު ފިލްމު "ސަރުދާރު 3"ގެ ބައެއް މަންޒަރުތައް އިނގިރޭސިވިލާތުގައި ޝޫޓުކޮށްފައެވެ. ހާނިއާގެ އިތުރުން ދިލްޖީތުއާ އެކު މި ފިލްމުގެ ކާސްޓުގައި ބަތަލާ ނީރޫ ބަޖްވާ ވެސް ހިމެނެއެވެ. ހާނިއާ އިންޑިއާގެ އެކްޓަރު/މިއުޒީޝަން ދިލްޖީތު ދޮސާންޖްއާ އެކު--ފޮޓޯ/ޕިންކްވިލާ ޕާކިސްތާނުގެ ގިނަ ބައެއްގެ އިތުރުން އިންޑިއާގައި ވެސް ހާނިއާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ތިބިއިރު ހާނިއާ ފިލްމުން ވަކިކުރަން ނިންމިކަމަށް ބައެއް ރިޕޯޓުތަކުން ބުނުމުން ސަޕޯޓަރުން މާޔޫސްކުރުވިއެވެ. ނަމަވެސް އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާގެ ފަތުރުވެރިންތަކަކަށް އަމާޒުކޮށްދިން ބަޑީގެ ހަމަލާއަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ އެކަމުގެ ނޭދެވޭ އަސަރު ދެ ޤައުމުގެ ރައްޔިތުންނަށް ވެސް އަންނަނީ ކުރަމުންނެވެ. މިފަދަ ކޮންމެ ހާދިސާއަކާ ގުޅުވައިގެން އެންމެ ބޮޑު މާޔޫސްކަމެއް ލިބިދޭ އެއް ބަޔަކީ ދެ ޤައުމުގެ ފިލްމީ ތަރިންނެވެ. ހާއްސަކޮށް ޕާކިސްތާނު ފިލްމީ ތަރިންނަށް ބޮލީވުޑުން ހުޅުވިފައިވާ ގިނަ ފުރުސަތުތަކެއް ގެއްލި ޕާކިސްތާނު ތަރިންގެ ފިލްމު އިންޑިއާގައި ދެއްކުމުގައި ވެސް ހުރަސްތަކެއް ކުރިމަތިވެއެވެ. ޕާކިސްތާނުގެ އެންމެ ކާމިޔާބު ފިލްމީތަރިންގެތެރޭ ހިމެނޭ ހާނިއާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޓީވީ ސިލްސިލާ "ކަބީ މޭ ކަބީ ތުމް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ