ސިނގިރޭޓު މަނާކުރާއިރު ޕްލޭނެއް އޮންނަންޖެހޭ، ނޫނީ ވާނީ ނިއުޒިލޭންޑްގައި ވީހެން: އަޒާން
ފަހުގެ ޖީލަށް ސިނގިރޭޓާއި ދުންފަތް މަނާކުރާއިރު އެ ގާނޫނު ތަންފީޒުކުރެވޭނެ ގޮތުގެ ޕްލޭނެއް އޮންނަންޖެހޭ ކަމަށާއި އެހެން ނޫން ނަމަ ރާއްޖޭގައި ވެސް ކަންތައް ވާނީ ނިއުޒިލޭންޑްގައި ކަންތައްވީ ގޮތަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދުންފަތުގެ ބާވަތްތައް 2007އިން ފެށިގެން އުފަންވި ޖީލަށް މަނާކުރަން ސަރުކާރުން ވަނީ މި މަހު 13 ގައި ރަސްމީކޮށް ނިންމައިފައެވެ. އެކަން ތަންފީޒުކުރަން ފަށަން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން އަޒާން މިއަދު ވިދާޅުވީ، ހިސާބުތަކުން ފެންނަނީ ރާއްޖޭގައި ވެސް ބޮޑެތި މީހުންގެ އާބާދީގެ 27 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރާކަން ކަމަށެވެ. އެއީ، ނިސްބަތުން ބޮޑު އަދަދެއްކަން ފާހަގަކުރައްވައި އޭނާ ވަނީ ބިލަށް ތާއީދުކުރައްވައިފައެވެ. އެކަމަކު، އެ ފަދަ ގާނޫނެއް ހަދާއިރު އެ ތަންފީޒުކުރެވޭނެތޯ އޭނާވަނީ ސުވާލު އުފައްދަވައިފައެވެ. https://sun.mv/205370 "މި ފަދަ ގާނޫނެއް މީގެ ކުރިން ހެދިފައިވަނީ ނިއުޒިލޭންޑްގައި. އެހެންނަމަވެސް، އެ ގާނޫނު ރަނގަޅަށް ތަންފީޒުކުރަން ނުފެށެނީސް އެ ގައުމުން ވަނީ އެ ގާނޫނަށް އަމަލުކުރުން ހުއްޓާލާފައި. އެ ގާނޫނު އުވާލާފައި،" އެ ސަބަބު ހޯދަންޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ. އަޒާން ވިދާޅުވީ، ނިއުޒިލޭންޑްގައި ފަހުގެ ޖީލަށް ދުންފަތް މަނާކުރީ ލޭބާ ޕާޓީގެ ވެރިކަމުގައި ކަމަށެވެ. އެކަމަކު، އެ ގައުމުގެ ނެޝަނަލް ޕާޓީން ވެރިކަމަށް އައުމަށް ފަހު ގާނޫނަށް އަމަލުކުރުން މަޑުޖައްސާލިކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެން އެކަންކުރީ ގާނޫނު ފާސްކުރީއިރު ހުރިހާ ސިޔާސީ ޕާޓީތަކުގެ ރުހުމާއި ހިޔާލު ހޯދާފައިނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. "ރާއްޖެއަކީ ވެސް ހަމަ ގިނަގިނައިން ވެރިކަން ބަދަލުވެ، ކުރިން ވެރިކަމުގައި ތިއްބެވި ބޭފުޅުން ހަދާ ގާނޫނުތައް ބަދަލުކުރާ ގައުމެއް. އެ ކަމަށް މަޝްހޫރު ގައުމެއް،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. "އެހެންނޫނީ މިއަދު އަޅުގަނޑުމެން މި ގާނޫނު ފާސްކޮށްފައި ދެން އަހަރުތަކެއް ފަހުން ވެރިކަމަށް އަންނަ ޕާޓީއަކުން އަނެއްކާ މި ގާނޫނު އުވައިލާނެ. އެހެންވީމާ އޭގެ ބޭނުން ކެނޑިގެންދާނެ،" https://x.com/axanner/status/1917464835039846901 އެހެންވެ، ދެން ވެރިކަމަށް އަންނަ ޕާޓީއަކުން ގާނޫނަށް ބަދަލު ނުގެންނާނެތޯ އޭނާ ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން، ނިއުޒިލެންޑްގައި މި ގާނޫނު އުވައިލި އަނެއް ސަބަބަކީ ބްލެކް މާކެޓެއް އުފެދިދާނެކަމުގެ ބިރު އޮތުމުންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، ގާނޫނު ތަންފީޒުކުރުމުގައި ހުރި ހުރަސްތަކުގެ ސަބަބުން ވެސް އެ ގާނޫނު އުވައިލަން އެ ގައުމުން ބޭނުންވި ކަމަށް އޭނާ ވިދާޅުވިއެވެ. އަޒާން ވިދާޅުވީ، ރާއްޖެއަކީ ވެސް ގާނޫނުތައް ތަންފީޒުކުރުމުގައި އެހާ ކުރިއަރާފައިވާ ގައުމެއް ނޫން ކަމަށެވެ. އެ ގޮތުން، މިހާރު ވެސް 18 އަހަރުން ދަށުގެ ކުޑަކުދީންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި އެ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުމަކީ ވެސް ގާނޫނުން މަނާކޮށްފައި އޮތް ކަމަކަށްވާއިރު އަދިވެސް ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރަން ފަށަނީ 18 އަހަރުން ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ އަޅުގަނޑުމެން ގާނޫނުން އަދި އެ އުމުރު މަތިކުރުމަކުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓޭ ސަބަބެއް ނޫން [އެއީ]. އަޅުގަނޑުމެން އެބަޖެހޭ މި ގާނޫނު ތަންފީޒުކުރެވޭނެ ގޮތްތަކެއް ވެސް ހޯދަން،" އޭނާ ވިދާޅުވިއެވެ. އަޒާން ވިދާޅުވީ، މި ގާނޫނަކީ މުހިންމު ގާނޫނެއް ކަމަށާއި އެކަމަކު އެކަން ކުރާއިރު ތަންފީޒުކުރެވޭނެ ގޮތުގެ ޕްލޭނެއް އޮތުން މުހިންމު ކަމަށެވެ. ނޫން ނަމަ ނިއުޒިލެންޑްގައި ކަންތައްވީ ގޮތަށް ކަންތައްވެދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާހަގަކުރެއްވިއެވެ. https://sun.mv/204728 ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް މި ބިލު އިއްޔެ މަޖިލީހަށް ހުށަހެޅުއްވިއިރު ބިލު ތަޅުމުން ފާސްކުރުމުން ބިލަށް އަމަލުކުރަން ފަށާނީ މި އަހަރުގެ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ދުންފަތުން ޒުވާން ޖީލުތައް ސަލާމަތްކުރަން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެ ގޮތުން، 2007 އިން ފަހުގެ ޖީލަށް ސިނގިރޭޓު މަނާކުރާއިރު މިދިޔަ އޮކްޓޫބަރު 31 ގައި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ވަރަށް ބޮޑަށް ބޮޑުކުރުމާ އެކު ކުރިން 110- 105 ރުފިޔާއާއި ދެމެދުގައި އުޅުނު ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 235 - 245 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާ އެކު 'ވަގަށް' އެތެރެކުރާ ސިނގިރޭޓުގެ މައްސަލަ ވެސް ވަނީ އިތުރުވެފައެވެ. މި ފަހުން ވެސް ވަގަށް އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ