ހުރާގެ ކޮންމެ ހާފިޒަކަށް ދޮޅު ލައްކަ ރުފިޔާ ދޭން ކައުންސިލުން ނިންމައިފި
ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ، ކ. ހުރާގެ ކޮންމެ މީހަކަށް ދޮޅު ލައްކަ ރުފިޔާ ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ހުރާ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައިވަނީ، ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ޒުވާން ހާފިޒުން ތަމްރީނު ކުރުމުގެއް ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ ޕްރޮގްރާމްގައި ބައިވެރިވެ ސަނަދު ހާސިލުކުރާ ހުރާގެ ކޮންމެ ހާފިޒަކަށާއި އަމިއްލަ ގޮތުން ސަނަދު ހާސިލުކުރާ ހުރާގެ ކޮންމެ މީހަކަށް ވެސް 150،000 ރުފިޔާ ދިނުމަށް ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ނިންމައިފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ. އެ އިއުލާނުގައި ސޮއިކުރައްވާފައިވަނީ ކައުންސިލްގެ ރައީސް އީސާ އަހުމަދެވެ. އެ ކައުންސިލުން ބާއްވާ، ހާފިޒުން ތަމްރީނު ކުރުމުގެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެއެވެ. ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޒުވާން ހާފިޒުން ތަމްރީނު ކުރުމަށް ސަރުކާރުން އިސް ނަގައިގެން ވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އިސްލާމިކް މިނިސްޓްރީން ވަނީ، މިހާތަނަށް 250 ކުދިންނަށް ހާފިޒުކަމުގެ ސަނަދު ދީފައިވާ ކަމަށާއި އިތުރު 630 ދަރިވަރުން މިހާރު ވެސް ކިޔަވަމުންދާ ކަމަށް ބުނެފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭ ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދީންގެ އަދަދު 1000 އަށް އެރުވުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ