ހުޅުމާލެ ސްކޫލެއްގެ ގޭޓު ހުޅުވާފައި ހުއްޓާ ބޭރަށް ނުކުމެގެން ދިޔަ ކުޑަކުއްޖަކު ހޯދައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު މިއަދު ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭ ސްކޫލެއްގައި ކީ-ސްޓޭޖް 1ގެ ދަރިވަރަކު ސްކޫލު ގަޑީގައި، މުދައްރިސުން ބޭނުންކުރާ ގޭޓުން ނުކުމެގެން ދުވެފައި ސްކޫލު ނެއިބަހުޑުގެ ތެރެއަށް ދިޔަކަމުގެ މައުލޫމާތު ލިބަޑައިގެންނެވި ކަމަށެވެ.
އެ ރިޕޯޓު ލިބިވަޑައިގަތީ، މިއަދު 15:11 ހާއިރުކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ އެހީތެރިކަމާއެކު މިނިސްޓްރީ އާއި ސްކޫލުން ކުރި މަސައްކަތުން 15:31 ގައި ސްކޫލުން ނިކުތް ދަރިވަރު ހޯދާފައިވާ ކަމަށެވެ. އަދި ދަރިވަރަށް އެއްވެސް ކަހަލައިގެ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިވާހަކަ އާންމުންނާއި ހިއްސާ ކުރެއްވީ އެކަން ނުފޮރުވާ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ފާހަގަ ކުރެއްވުން ކަމަށެވެ.
އަދި ހަމަ އެހެންމެ ސްކޫލުގައި، މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައިވާ ނުވަތަ ފާރަވެރިއަކު ހުންނަން ޖެހޭގޮތަށް ނިންމާފައިވާ ގޭޓަކަށް ވީހިނދު، ދަރިވަރަށް ގޭޓުން ނުކުމެވުނީ ކީއްވެގެންތޯ ދެނެގަނެ އެފަދަ ކަމެއް ތަކުރާރު ނުވާނެފަދަ ގޮތަށް ފިޔަވަޅުއެޅާނެ ކަމުގެ ޔަގީންކަން ސްކޫލުގެ އެންމެހާ މަސްލަހަތުވެރިންނަށް ދެއްވާ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.
ސްކޫލުގައި އުޅޭ ވަގުތު ތަކުގައި ދަރިވަރުންގެ ރައްކާތެރިކަމަށް އެޑިއުކޭޝަނުން ވަނީ މީގެ ކުރިން ވެސް ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކުއްޖާ ބަލާ ދާއިރު ޕޭރެންޓު ކާޑު ހިފައިގެން ނުވަތަ އެއީ ކުއްޖާގެ ބެލެނިވެރިއެއްކަން ޔަގީން ކޮށްދިނުމަށްފަހު ނޫނީ ކުއްޖާ ގޮވައިގެން ނުނިކުމެވޭނެ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އެ ގޮތަށް ނިންމާފައި ވަނީ 2018 ވަނަ އަހަރު ތާޖުއްދީން ސްކޫލް ތެރެއަށް ދެ މީހަކު ވަދެގަނެ އެ ސްކޫލްގެ ފިރިހެން ދަރިވަރެއްގެ ބޮލަށް ކަތުރެއް ހަރާލައި، އަދި ދަރުމަވަންތަ ސްކޫލްގެ ފިރިހެން ދަރިވަރަކު ސްކޫލް ނިމިގެން އިއްޔެ ގެއަށް ދަނިކޮށް މަގުމަތިން ބަޔަކު ދިމާކޮށް ވަޅި ހަރައި ޒަހަމްކޮށްލި ހާދިސާތަކަށް ފަހުއެވެ.
ހުޅުމާލެ ސްކޫލެއްގެ ގޭޓު ހުޅުވާފައި ހުއްޓާ ކުޑަ ކުއްޖަކު ސްކޫލުން ނިކުތް މައްސަލައެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ