އެމްޑީޕީގެ ހަރަކާތްތަކެއްގައި ބައިވެރިވި ވެމްކޯގެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން ކުށްވެރިކޮށް އެކަން ހުއްޓައިލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ގޮވައިލައްވައިފި އެވެ.
އެކްސްގައި ސޯލިހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ހަރަކާތްތެެރިވުމަކީ ކޮންމެ ދިވެހިރައްޔިތަކަށް ވެސް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ހަރަކާތްތެރިވުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގަކަށްވާއިރު، ސ. ހިތަދޫ، ބޮޑުގަލުގޭ، މޫސާ މުހައްމަދު އަދި ވީނަސްވިލާ، މުހައްމަދު އަފްޒަލް، އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވުމާ ގުޅިގެން ވަޒީފާއިން ވަކިކުރުން ކުށްވެރިކުރަން،" ސޯލިހު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ އަނެއްކާވެސް ފެށިގެން މިދަނީ ތިމާ ނިސްބަތްވާ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ ޔަގީންކަން ގެއްލިގެން ދިޔުމުގެ ސަގާފަތެއް ކަމަށެވެ. އަދި ސިޔާސީ ފިކުރަށް ބަލައިގެން މީހުން ވަޒީފާއިން ވަކިކުރުން ހުއްޓައިލުމަށް ސޯލިހު ސަރުކާރަށް ގޮވައިލެއްވި އެވެ.
ސޯލިހު މިފަދަ ޕޯސްޓެއް ކުރައްވާފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވެސް ވަނީ އެ ދެ މީހުން ވަޒީފާއިން ވަކިކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޕޯސްޓުތަކެއް އެކްސްގައި ކުރައްވައިފަ އެވެ.
ފައްޔާޒް ކުރެއްވި ޕޯސްޓުގައި ގޮވައިލެއްވީ މަސައްކަތްތެރިންގެ ހައްގުތަކަށް ސަރުކާރުން އަރައިގަތުމާ ދެކޮޅަށް މާދަމާ ނުކުމެ މުޅި ރާއްޖޭގައި އަޑު އުފުލުމަށެވެ.
ވެމްކޯއިން ވަކިކުރި ދެ މުވައްޒަފުންނަކީ ވެސް ވެމްކޯގެ ހިތަދޫ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ ދެމީހުންނެވެ. އޭގެ ތެރެއިން މޫސާ މުހައްމަދަކީ އެ ބްރާންޗުގެ މެނޭޖަރެވެ. އޭނާ ބައިވެރިވީ މި މަހު 24، ގައި ހިތަދޫގައި އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާއެއްގަ އެވެ.
އަފްޒަލް އަކީ އެ ބްރާންޗުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމު އަދާކުރަމުންދިޔަ މީހެކެވެ. އޭނާ ބައިވެރިވީ އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށް އެއާޕޯޓު ކައިރިއަށް ދިޔަ މީހުންނާ އެވެ.
އެ ދެ މީހުން ވަކިކުރުން އެމްޑީޕީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވި ވެމްކޯގެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން ސޯލިހު ކުށްވެރިކޮށްފި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވި ވެމްކޯގެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން ސޯލިހު ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ