އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ އަހުމަދު ފެމިލީ ކޯޓުގައި ކުރި ދައުވާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒުއަކީ ދުންފަތު އިސްތިއުމާލު ކުރައްވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ފަސްޓު ލޭޑީ ސާޖިދާ ދައުވާކުރީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ.
މަންދީގެ ވަކީލު އިބްރާހިމް ޝިޔާމް އަދަދު އަށް ވިދާޅުވީ މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި އޮތީ ދައުވާ ކުރި ފަރާތުން ދައުވާ ހުށަހެޅުން ކަމަށެވެ. އަދި އުފުލާފައިވާ ދައުވާއާ ގުޅިގެން އަންނަ މަހުގެ 15، ގައި ޖަވާބު ދާރީވެ ހެކި ހާމަކުރުމަށް ވެސް ފުރުސަތު ދީފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި މަންދީގެ މައްސަލަ ފެމިލީ ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާތޯ ސުވާލު އުފެއްދި ކަމަށް ވެސް ޝިޔާން ވިދާޅުވި އެވެ.
އަޑުއެހުމަށްފަހު މަންދީ ވިދާޅުވީ ފަސްޓް ލޭޑީއަކު އާންމު ރައްޔިތަކާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެ ރައްޔިތަކަށް އިންސާފު ހޯދަން ވަރަށް އުނދަގޫވާނެ ކަމަށެވެ.
މި މައްސަލާގައި ދައުވާ ކުރަން ނިންމިކަން އިއުލާނުކުރީ ރައީސްގެ އާއިލާގެ ފަރާތުން މިދިޔަ މަހުގެ 16، ގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ އާއިލާގެ ގާނޫނީ ވަކީލު، އާޒިމާ ޝަކޫރެވެ.
ސާޖިދާ ވަނީ އުމެއިރު އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ކުއްޖެއް ނޫން ކަމަށާއި އޭނާ ވޭޕް ނުކުރާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. އެމްޑީޕީގެ މުޒާހަރާގައި މަންދީ ބުނީ ރާއްޖެއިން ވޭޕް މަނާކުރަން ނިންމީ ރައީސްގެ ދަރިއަކު އެކަން ކުރާތީ ކަމަށެވެ.
މި ކަންތައްތަކުގެ ސަބަބުން އުމައިރުގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރު ނުވާ ވަރުގެ ކަންކަމަށް މަގުފަހިވެދާނޭ ފަދަ ފުރުސަތުތައް ވަނީ ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރައްވާ ކަމަށް ވެސް ސާޖިދާ އެ ދުވަހު ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
މަންދީއާ ދެކޮޅަށް ސާޖިދާ ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށައިފި މަންދީއާ ދެކޮޅަށް ސާޖިދާ ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ