ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ކޮމިޝަނަށް ހޯދިދާނެތަ؟ ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ކޮމިޝަނަށް ހޯދިދާނެތަ؟

އެކި ތަހުގީގުތައް ހިންގުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ކޮމިޝަން އުފެއްދުމަކީ، ގާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ހާއްސަ އަދި ބޮޑު ބާރެކެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ އެ ބާރު ބޭނުން ކުރައްވައިގެން، އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލައިގައި ތަހުގީގެއް ހިންގުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
ރިޔާސީ ކޮމިޝަނެއް އުފައްދަނީ، އެ ވަގުތަކު އުފަންވެފައި ހުރި ވުޒާރާތައް މެދުވެރިކޮށް، ކަމެއް ނުވަތަ މައްސަލައެއްގެ ހަގީގަތާ ހަމައަށް ވާސިލުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވުމުންނެވެ. އެފަދަ ކޮމިޝަނެއްގެ އެންމެ ބޮޑު އެއް ބޭނުމަކީ، ރައްޔިތުންނަށް އިތުބާރު ހިފޭ ބަޔަކު ލައްވައި މައްސަލަ ބަލައި ތަހުގީގުކޮށް، ފުރިހަމަ ޖަވާބެއް އާންމު ކުރުމެވެ.
ޔުމްނުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ރައީސް މުއިއްޒު އުފެއްދެވީ، އެ މައްސަލައިގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގުގައި، ފެންނަން ހުރި ހަގީގަތްތަކާ ފުށުއަރާ މައުލޫމާތުތަކެއް އާންމުކޮށް، މައްސަލައިގައި ހިމެނޭ ބަޔަކު ނުވަތަ މީހަކާ މެދު އާންމު އުސޫލާ ހިލާފަށް ލުއި ގޮތްތަކަކަށް އަމަލުކޮށްފައިވާތީ، ދިވެހި ޒުވާނުންތަކެއް އިސް ނަގައިގެން ކުރަން ފެށި މުޒާހަރާގެ ސަބަބުންނެވެ.
ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ކުރަން ފެށި މުޒާހަރާގެ އެންމެ ބޮޑު އެއް ޑިމާންޑަކީ، ޔުމްނުގެ މައްސަލައަށް މިނިވަން އިންކުއަރީއެއް ހިންގުމެވެ. ރައީސް މުއިއްޒުގެ ރިޔާސީ ކޮމިޝަނަކީ، ޒުވާނުންގެ އެ ޑިމާންޑަށް އެމަނިކުފާނު ދެއްވި ޖަވާބެވެ.
ކޮމިޝަނުގައި ހިމެނެނީ ގާނޫނީ މާހިރަކާއި ރިޓަޔާޑް ޖެނެރަލަކާއި މެޑިކަލް ޑޮކްޓަރަކާއި ނަރުހަކާއި އާއިލީ މައްސަލަތަކުގެ ތަޖުރިބާކާރެވެ. އެކަމަކު، ރައީސް އުފެއްދެވި ކޮމިޝަނުގައި ޒުވާނުންގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. މިނިވަން އިންކުއަރީއެއްގެ ޑިމާންޑު ކުރި ފަރާތްތަކުގެ ބަހެއް މުހިންމު ކަމަށް ރައީސް މުއިއްޒަކަށް ފެނިވަޑައިނުގަތެވެ.
ރިޔާސީ ކޮމިޝަން އުފެއްދުމަކީ ރައީސް މުއިއްޒު ގަބޫލު ކުރައްވާ ސިޔާސަތެއް ނޫނެވެ.
ރައީސް ގަބޫލު ކުރައްވަނީ ރިޔާސީ ކޮމިޝަން ނުހަދައި ވެސް މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށެވެ. ގައުމުގައި ހުރި އިދާރާތައް މެދުވެރިކޮށް ހުރިހާ ކަމަކަށް ހައްލު ހޯދޭނެ ކަމަށް ރައީސް ދެކެވަޑައިގަންނަވަ އެވެ.
އެމަނިކުފާނުގެ އެ ވިސްނުން ހާމަ ކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާގަ އެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ދިވެހިރާއްޖޭގައި ރިޔާސީ ކޮމިޝަންތައް ހަދާފައި ހުރީ ސިޔާސީ ވާދަވެރިންގެ މައްސަލަތައް ބަލަން ކަމަށެވެ.
"މި ސަރުކާރަކުން ނުފެންނާނެ، ރިޔާސީ ކޮމިޝަންތައް ހަދައިގެން، ކުރީގެ މީހުން ކުރަމުން ގެންދިޔަ ކަންކަމަށް ސިޔާސީގޮތަކުން ވަދެގެން ކަންކަން ކުރާ ތަނެއް. އެހެނެއް ނޫން، ވައްކަންކޮށްފައި ހުރެއްޖިއްޔާ، ގައުމުގެ މުދާ ނުޙައްގުން ހޯދާފައި ހުރިއްޔާ، އެކަންކަން ބަލާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މިނިވަން މުއައްސަސާތަކާއި ޝަރުއީ ނިޒާމާއި ދުސްތޫރީ ނިޒާމުގެ ތެރެއިން، ނުބެލޭނެ މައްސަލަ، ހައްލު ނުހޯދޭނެ ކަމެއް ނޯންނާނެ އެވެ.
"ރައްޔިތުންގެ ހައްގުތަކަށް ހަގީގަތުގައި ވެސް އަރައިގެންފައި ހުރިއްޔާ، އެކަންކަން ބަލާނެ، އޮންނަ އުސޫލެއްގެ ތެރެއިން. ރިޔާސީ ކޮމިޝަނެއް ނަހަދާނެ. މިނިވަން މުއައްސަސާތައް އެބަހުރި. ދުސްތޫރީ ނިޒާމު އެބަ އޮތް. ޝަރުއީ ނިޒާމު އެބަ އޮތް. ނިޒާމުގެ ތެރެއިން އެކަންކަން ބެލޭނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އެ ވިސްނުމުން ބަލާއިރު، މިހާރު ގައުމުގައި ހުރި އިދާރާތައް މެދުވެރިކޮށް ޔުމްނުގެ ހާދިސާ ވެސް ތަހުގީގު ކުރެވެންޖެހޭނެ އެވެ. ރައީސްގެ ވިސްނުމުން ވިސްނާއިރު، ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގެ ބޭނުމުގައި، ގާނޫނުއަސާސީގެ 115. ވަނަ މާއްދާގެ ގ. ގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރެއްގެ ދަށުން ރިޔާސީ ކޮމިޝަނެއް އުފައްދަން ޖެހޭ ސަބަބެއް ނެތެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން އުފެއްދި ރައީސް މުއިއްޒު އުފެއްދެވި ކޮމިޝަނަށް އެމަނިކުފާނު ހަވާލު ކުރެއްވީ ވަރަށް ސާފު އެޖެންޑާއެކެވެ. ކޮމިޝަނުގެ މައިގަނޑު ބޭނުމަކީ ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ ހަގީގަތް ހޯދުމެވެ.
އޭގެ އިތުރުން، އެ ކޮމިޝަންއާ ރައީސް މުއިއްޒު ހަވާލު ކުރެއްވި ކަމަކީ، ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގު ކުރިއަށްގެންދާ ގޮތް ބެލުމެވެ. އަދި އެ މައްސަލައާ ގުޅިގެން "އަޅަންޖެހޭ ފިވަޔަޅުތައް" އެޅުމަކީ ވެސް ކޮމިޝަނަށް ރައީސް މުއިއްޒު ހަވާލު ކުރެއްވި މަސްއޫލިއްޔަތެކެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ހަގީގަތް ހޯދަން އަދި ކަމާ ބެހޭ އިދާރާތަކުން އެ މައްސަލައިގައި މިހާތަނަށް އަމަލުކޮށްފައިވާ ގޮތް ބެލުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެއްވުމަށްފަހު، އެ ކޮމިޝަނަށް ރައީސް ބާރުތަކެއް ދެއްވި އެވެ. އެއީ:
ޔުމްނުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަންގެ ބޭނުން
ކޮމިޝަނުގެ މެންބަރުން
މުހައްމަދު މުނައްވަރަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ގާނޫނީ ވަކީލެވެ. މުނައްވަރު ކިޔެވީ ރަޝިޔާގެ ރުޑްން ޔުނިވާސިޓީންނެވެ. އެ ޔުނިވާސިޓީއިން މާސްޓާސް ޑިގްރީއާ ހަމައަށް އޭނާ ކިޔެވި އެވެ. ސްޕެޝަލައިޒްވީ އިންޓަނޭޝަނަލް ލޯ އިންނެވެ. އެ ޔުނިވާސިޓީއިން ގްރެޖުއޭޓުވީ 1985 ވަނަ އަހަރެވެ.
އޭގެ ފަހުން މުނައްވަރު ވަނީ ކެނެޑާގެ ޑަލްހައުޒީ ޔުނިވާސިޓީއިން މެރިޓަައިމް ލޯ ކިޔަވައިފަ އެވެ. ޕީއެޗްޑީއާ ހަމައަށް މުނައްވަރު ކިޔެވީ އެތަނުގަ އެވެ.
ދިވެހިރާއްޖޭގެ ބަންޑާރަނައިބުގެ މަގާމުގައި 1993 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރަށް އޭނާ އަދާ ކުރެއްވި އެވެ. އަދި 1994 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަގާމުގައި ވެސް ހުންނެވި އެވެ.
މުނައްވަރަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އުފެދުނު އިރު އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އޯގަސްޓު 13، 2004، ގައި ޖުމްހޫރީ މައިދާނަށް އާންމުން އެއްވުމުން އެކަމާ ދެކޮޅަށް ސަރުކާރުން ކުރަން ފެށި ކަންތައްތަކުގެ ތެރެއިން މުނައްވަރު ހައްޔަރު ކުރި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އެކި ފަހަރުމަތިން މުނައްވަރު ވަނީ ފާޅު ކުރައްވައިފަ އެވެ.
ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދު ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރެއްވީ 2015 ވަނަ އަހަރެވެ. އެއިރު ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ. ސިފައިންގެ ވަޒީފާއަށް ވަދެފައި ވަނީ 1983 ވަނަ އަހަރެވެ. ބްރިގޭޑިއާ ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓްވެފައި ވަނީ 2009 ވަނަ އަހަރެވެ.
އަހުމަދު ކިޔެވީ ޕާކިސްތާނުގެ ކޮމާންޑް އެންޑް ސްޓާފް ކޮލެޖުންނެވެ. އެއީ މިލިޓަރީ ކޮލެޖެކެވެ. އޭގެ ފަހުން ހަވާއީ، އެމެރިކާ އަދި ޖަރުމަނުގައި ވެސް ބައެއް ދާއިރާތަކުން ކިޔެވި އެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އޭނާ އައްޔަންކޮށްފައި ވަނީ ފެބްރުއަރީ، 2012، ގަ އެވެ. އޭގެ ކުރިން އެމްއެންޑީއެފް ނޮދާން އޭރިއާގެ ކޮމާންޑަރަކަށް ހުންނެވި އެވެ. އަދި އެމްއެންޑީއެފް ހެޑްކުއާޓާޒްގެ އެގްޒެކެޓިވް އޮފިސާގެ މަގާމުގައި ވެސް ހުންނެވި އެވެ.
ސިފައިންގެ ވަޒީފާ އަދާ ކުރެއްވި 32 އަހަރު ދުވަހުގެ ތެރޭގައި އޭނާއަށް ވަނީ 15 މެޑައްޔާއި ރިބަން ލިބިފަ އެވެ. އޭގެ ތެރޭގައި ނޮވެމްބަރު 3، ގެ މެޑަލް، ޕްރެޒިޑެންޝަލް މެޑަލް، ޑިސްޓިންގުއިޝްޑް ސާވިސް މެޑަލް، ޑެޑިކޭޓެޑް ސާވިސް މެޑަލް އަދި ޑިފެންސް ފޯސް ސާވިސް މެޑަލް ހިމެނެ އެވެ.
ސިފައިންގެއިން ރިޓަޔާ ކުރެއްވުމަށްފަހު، ރާއްޖޭގައި ސެކިއުރިޓީގެ ހިދުމަތް ދޭ ސެންޓިނެލް ޝީލްޑްސްގެ ސީނިއާ އެޑްވައިޒަރެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވައިފަ އެވެ.
ޑރ. މުރާދަކީ އެތެރެހަށީގެ ހާއްސަ ޑޮކްޓަރެކެވެ. އޭނާ މިވަގުތު މަސައްކަތް ކުރައްވަނީ އައިޖީއެމްއެޗްގަ އެވެ. އޭނާއަކީ ނެޝަނަލް ހެލްތު ކެއާ އެކަޑެމީގެ ވައިސް ޑީން އަދި ސީނިއާ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން މެޑިސިން އެވެ.
މުރާދު ކިޔެވީ ކަރާޗީ ޔުނިވާސިޓީގަ އެވެ. އެ ޔުނިވާސިޓީގައި 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް އޭނާ ކިޔެވި އެވެ. އޭގެ ފަހުން ނޭޕާލުގެ ނެޝަނަލް އެކަޑެމީ އޮފް މެޑިކަލް ސައިންސާސް އިން 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ކިޔެވި އެވެ.
ކޮވިޑް-19 ގެ ދުވަސްވަރު އޭނާ ވަނީ ސަރުކާރުން އުފެއްދި ޓާސްކް ފޯހުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.
ޖަބީން މުހައްމަދަކީ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ކްލިނިކަލް ނާސް އެކެވެ. މިވަގުތު މަސައްކަތް ކުރައްވަނީ ޑިރެކްޓާ އޮފް ނާސިންގެ މަގާމުގަ އެވެ. މީގެ ކުރިން ވޯޑް މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
އައިޖީއެމްއެޗްގެ ޓްރޯމާ އެންޑް އެމެޖެންސީ ޑިޕާޓްމަންޓުގައި ވެސް ޖަބީން މަސައްކަތް ކުރެއްވި އެވެ.
އީނާސްއަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރީގެ ޗީފް އެގްޒެކެޓިވް އޮސިފަރެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އިން ސޯޝަލް ވޯކްގެ ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފަ އެވެ. އަދި އޭގެ ފަހުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނިވާސިޓީއިން ކްރިމިނޮލޮޖީ އިން މާސްޓާސް ޑިގްރީއެއް ނެންގެވި އެވެ. ހާއްސަވީ ކްރައިމް، ލޯ އެންޑް ސޮސައިޓީއިންނެވެ.
އީނާސްއަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ކުރީގެ ރައީސް އެވެ. އެ ކޮމިޝަނުގައި 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އޭނާ މަސައްކަތް ކުރެއްވި އެވެ.
އީނާސް ވަނީ ޖެންޑާ މިނިސްޓްރީގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވައިފަ އެވެ. އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ފަހުން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖުވެނައިލް ޖަސްޓިސް ޔުނިޓުގައި މަސައްކަތް ކުރެއްވި އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން އުފެއްދި ކޮމިޝަނުގެ މަސައްކަތް ރަނގަޅަށް ނުފެށިގެން އުޅެނިކޮށް، އެ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށް ޔުމްނުގެ އާއިލާއިން ވަނީ ބުނެފަ އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާ މައުލޫމާތު ހިއްސާ ކުރާ މުހައްމަދު މުއުމިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ކޮމިޝަނާ މެދު ޔުމްނުގެ އާއިލާއިން ދެކޭ ގޮތް ސާފުކޮށްދީފަ އެވެ.
އާއިލާގެ އެންމެ ބޮޑު މައްސަލައެއް ކަމަށް އޭނާ ފާހަގަ ކުރީ، ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ތަހުގީގު ކުރަން ކޮމިޝަނެއް އުފެއްދިއިރު، އާއިލާއާ އެއްވެސް ވަރަކަށް މަޝްވަރާ ނުކުރުމެވެ. ކޮމިޝަން އުފެއްދުމުގައި އާއިލާގެ ބަހެއް ނުހޯދުމެވެ.
"އަހަރުމެން ޔުމްނުގެ އާއިލާއިން ކޮމިޝަން ބަލައެއް ނުގަންނަން. ކޮމިޝަން އުފެއްދުމުގެ ކުރިން އަހަރުމެންނާ މަޝްވަރާއެއް ނުކުރޭ އަދި އަހަރުމެން އެ ކޮމިޝަނަށް އިތުބާރެއް ވެސް ނުކުރެވޭ،" މުއުމިން ބުންޏެވެ.
ކޮމިޝަން އުފައްދަން ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި، ކޮމިޝަނުން ކުރާ ތަހުގީގު ނިންމުމަށްފަހު އަމަލު ކުރަންޖެހޭ ގޮތެއް ވެސް ބަޔާންކޮށްފައި އެބަ އޮތެވެ. ރައީސް މުއިއްޒުގެ ގަރާރުގައިވާ ގޮތުން، ތަހުގީގު ނިންމުމަށްފަހު ކޮމިޝަނުން ދެން ކުރަންޖެހޭ ކަމަކީ އެކަމާ ގުޅިގެން ރައީސްއަށް ލަފާ ދިނުމެވެ.
އެހެންކަމުން އެ މައްސަލައިގެ ހަގީގަތް ހޯދުނު ނަމަވެސް މުޅި މައްސަލައާމެދު ފިޔަވަޅު އަޅުއްވާނީ ރައީސް މުއިއްޒު ކަމަށް ބެލެވެ އެވެ. މި މައްސަލައިގައި ރައީސް މުއިއްޒު އެންމެ އިންސާފުވެރިކޮށް ފިޔަވަޅު އަޅުއްވައިފާނެ ކަމަށް މިހާރު ގިނަ ބަޔަކު ޝައްކު ކުރެ އެވެ. އެއީ ތަހުގީގު ހިނގަހިނގައި އޮއްވައި، ޔުމްނު ވެއްޓުނު މައްސަލައިގައި ޒިންމާނަގަންޖެހޭނީ އިދިކޮޅު ޕާޓީ ކަމަށް ވިދާޅުވެ އެ މައްސަލަ ސިޔާސީ ކުރެއްވުމުންނެވެ.
"މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" ރައީސް ވިދާޅުވި އެވެ.
ޔުމްނުގެ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަނާއެކު، ދިވެހިރާއްޖޭގައި އުފެއްދި ކޮމިޝަންތަކުގެ އަދަދު މަދުވެގެން 11 އަށް އެރީ އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ރިޔާސީ ކޮމިޝަންތަކުގެ މައުލޫމާތު މިވަގުތު ފުރިހަމައަށް ފެންނާކަށް ނެތެވެ. އެކަމަކު، އެމަނިކުފާނު ވަނީ މަދުވެގެން ދެ ކޮމިޝަން އުފައްދަވައިފަ އެވެ.
އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ ދެ ރިޔާސީ ކޮމިޝަން އުފައްދަވައިފަ އެވެ. ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އެއް ރިޔާސީ ކޮމިޝަން އުފެއްދެވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ދެ ރިޔާސީ ކޮމިޝަން އުފެއްދެވި އެވެ.
މިފަހުގެ ތާރީހެއްގައި އެންމެ ގިނައިން ރިޔާސީ ކޮމިޝަން އުފެއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ތިން ރިޔާސީ ކޮމިޝަން އުފެއްދެވި އެވެ.
އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައެއް ތަހުގީ ކުރަން އުފެއްދި ކޮމިޝަނެއްގެ ގޮތުގައި ފާހަގަ ވަނީ ޖަލުގައި އަނިޔާކޮށް މަރައިލި ހަސަން އީވާން ނަސީމް، 19، ގެ މަރު ތަހުގީގު ކުރަން އަދި ޖަލުގައި ބަޑިޖަހައި ތިން މީހަރު މަރައިލި މައްސަލަ ތަހުގީގު ކުރަން ރައީސް މައުމޫން އުފެއްދެވި ކޮމިޝަނެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމް
މި ކޮމިޝަން އަދި މި ކޮމިޝަން ކުރި މަސައްކަތެއް އަދި ތައްޔާރު ކުރި ރިޕޯޓެއް މިހާރު ފެންނާކަށް ނެތް. ސުދާގެ މަރުގެ މައްސަލައިގައި ކުރިއަށް ގެންދިޔަ ތަހުގީގުގެ މައުލޫމާތު ހޯދަން، މައުލޫމާތު ހޯދުމާއި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ޑިފެންސް މިނިސްޓްރީ އަދި ފުލުސް އޮފީހަށް ހުށަހެޅުމުން އެ ދެ އިދާރާއިން ވެސް ބުނެފައި ވަނީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ.
އެ ދެ މައްސަލަ ތަހުގީގު ކުރަން ރައީސް މައުމޫން އުފެއްދެވި ކޮމިޝަނުން ދެ ތަހުގީގީ ރިޕޯޓު ނެރުނެވެ. އެކަމަކު އެ ދެ ރިޕޯޓު ވެސް އާންމުކޮށްފައި ވަނީ ރިޕޯޓުގެ ބޮޑު ބައެއް ސެންސަރު ކުރުމަށްފަހެވެ. އެހެންކަމުން ކޮމިޝަނުގެ މަސައްކަތް ފުރިހަމަ ކުރި ނަމަވެސް ރިޕޯޓު ފުރިހަމައަށް އާންމު ނުކުރުމުން އާންމުންގެ އިތުބާރު އެ މަސައްކަތަށް ލިބިފައެއް ނުވެ އެވެ.
އެކަމަކު، އެ ރިޕޯޓަށްފަހު ގިނަ އަދަދެއްގެ މީހުންނަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. ޖަލުގައި ބަޑި ޖެހި އޮފިސަރުންނަށް ޖިނާއީ ދައުވާތަކެއް ދައުލަތުން އުފުލި އެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ކުށް ސާބިތުވި އެވެ.
ރައީސް މުހައްމަދު ނަޝީދު
މި ކޮމިޝަނުން ވަރަށް ބައިވަރު މައްސަލަތައް ބަލަން ފެށި އެވެ. ނަމަވެސް ދައުވާ ކުރެވޭ ހިސާބަށް އެއްވެސް މައްސަލައެއްގައި ދެވިފައެއް ނުވެ އެވެ. ކޮމިޝަނަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިޔާސީ ގޮތުން މަސައްކަތް ކުރާ ކަމުގެ ތުހުމަތުން ނުރެކެވުމެވެ.
މި ކޮމިޝަނުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި އެވެ. ބޭރުގެ ބައެއް ތަޖުރިބާކާރު ފާމްތަކުގެ އެހީތެރިކަން ވެސް ކޮމިޝަނުން ހޯދި އެވެ. ނަމަވެސް އެ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓެއް ފެންނާކަށް ނެތެވެ. ތަހުގީގު ކުރި މައްސަލައެއް ކޮޅެއްގައި ޖެހުނުކަން އެނގޭކަށް ނެތެވެ.
ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު
ފެބްރުއަރީ، 2012، ގައި ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް ހެދި ކޮމިޝަން (2012)
ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރަން ރައީސް ވަހީދު އުފެއްދެވި ރިޔާސީ ކޮމިޝަނުން ރިޕޯޓެއް އެކުލަވައިލި އެވެ. އެހެން ނަމަވެސް އެ ރިޕޯޓަށް ރައްޔިތުންގެ ފުރިހަމަ އިތުބާރެއް ނުލިބުނެވެ. އެ ކޮމިޝަނުގައި ބޭރުގެ ބައެއް ތަޖުރިބާކާރުން ވެސް ހިމެނެ އެވެ.
ކޮމިޝަނަށް އަދި ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓަށް އާންމުންގެ އިތުބާރު ނުލިބުނު އެންމެ ބޮޑު އެއް ސަބަބަކީ ސިޔާސީ މާހައުލު އެއިރު އޮތް ގޮތާއި ފުލުހުން އަދި ސިފައިން ހިންގި ބައެއް ކަންކަމަށް ވަރަށް ލުއި އިބާރާތްތަކުން ޖަޖުކޮށްފައި އޮތުމެވެ.
ރައީސް އަބްދުﷲ ޔާމީން
މިއީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ހެދި ކޮމިޝަނެކެވެ. އެކަމަކު އެ ކޮމިޝަނުން ކުރި މަސައްކަތެއް މިހާރު ފެންނާކަށް ނެތެވެ.
މިއީ ރައީސް ނަޝީދުގެ ވެރިކަމުގައި ދައުލަތަށް ގެއްލިފައިވާ ކަމަށް ބުނާ މުދާ ހޯދަން ހެދި ކޮމިޝަނެކެވެ. މި ކޮމިޝަން އުވައިލި އިރު ވެސް އެ ކޮމިޝަނުން ކުރި މަސައްކަތެއް ފެންނާކަށް ނެތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އެ ކޮމިޝަނަކީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގައި ގެއްލިފައި ހުރި ފައިސާ ހޯދަން އުފެއްދި ކޮމިޝަނެކެވެ. އެކަމަކު އެ ކޮމިޝަން އުވައިލި އިރު ވެސް އެންމެ ރުފިޔާއެއް ވެސް ދައުލަތަށް އަނބުރާ ހޯދިފައެއް ނުވެ އެވެ.
މިއީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި މަރައިލި ނޫސްވެރިޔާ ޔާމީން ރަޝީދުގެ މައްސަލަ ތަހުގީގު ކުރަން އުފެއްދި ކޮމިޝަނެވެ. އެ ކޮމިޝަނުން ދިގު ތަހުގީގުތަކެއް ހިންގި އެވެ. އަދި ރިލްވާން ކިޑްނެޕް ކުރުމަށްފަހު މަރައިލި ކަމަށް އެ ކޮމިޝަނުން ކަނޑައެޅި އެވެ.
ކޮމިޝަނުގެ ހޯދުންތަކަށްފަހު، ތިން މީހަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުވާ ކުރުމުގެ މަސައްކަތް ދައުލަތުން ފެށި އެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ބަދަލުވުމުން އެ މައްސަލަތައް ހުއްޓުނީ އެވެ. އަދި ކުރިން ހައްޔަރުކޮށްފައި ތިބި މީހުން ވެސް ވަނީ ފަހުން ދޫކޮށްލައިފަ އެވެ.
މި ކޮމިޝަނަކީ ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަތައް ބަލާ ދައުލަތުގެ އިދާރާތައް މައްސަލަތައް ބަލައި ހަރުދަނާ ކުރުމަށާއި ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނެކެވެ.
އެ ކޮމިޝަން އުވައިލީ އެ ކޮމިޝަނުގެ މަސައްކަތް ފުރިހަމަވެއްޖެ ކަމަށް ބުނެފަ އެވެ. އެކަމަކު އެ ކޮމިޝަނުން ކުރި މަސައްކަތެއް ފެންނާކަށް ނެތެވެ. އެ ކޮމިޝަނުން ކުރި މަސައްކަތްތައް އާންމު ކުރި ކަމަކަށް ނުބެލެވެ އެވެ.
~~
ޔުމްނު ވެއްޓުނު ހާދިސާގެ ޒިންމާ ނަގަންޖެހޭނީ އިދިކޮޅު ޕާޓީ ކަމަށް ރައީސް މުއިއްޒު ވަނީ ނިންމަވައިފަ އެވެ. ރައީސް އެގޮތަށް ގަބޫލު ކުރައްވައިގެން ހުންނަވައި، ވިކްޓިމްގެ އާއިލާއާ މަޝްވަރާ ކުރުމެއް ނެތި، އުފެއްދެވި ކޮމިޝަނަކުން ކަމުގެ ހަގީގަތް ހޯދިދާނެކަމާމެދު ޝައްކެވެ.
ޔުމްނު މައްސަލަ ސިޔާސީ ނުކުރައްވައި، އެކަމުގައި ޔުމްނުގެ އާއިލާއާ ވެސް މަޝްވަރާ ކުރެއްވުމަށްފަހު ރިޔާސީ ކޮމިޝަން އުފެއްދެވި ނަމަ، އެ ކޮމިޝަނަށް އާންމުން އިތުބާރު ކުރާނެ މިންވަރު މިހާރަށް ވުރެ ބޮޑުވީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ