މިނިސްޓަރު ޝަހީމް އަދާލަތާ ގުޅިވަޑައިގެން އެ ޕާޓީގެ ރައީސް ކަމަށް ވާދަ ކުރައްވަން ނިންމައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.
މިނިސްޓަރު ދެންމެ ވަނީ އެކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެ ޕާޓީގެ ރައީސްގެ މަގާމަށް ވާދަ ކުރައްވާނެ ކަމަށެވެ.
ވޮއިސްއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަދާލަތުގެ ސީނިއާާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެމަނިކުފާނު ހިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަހަރު ފަހުކޮޅުގައި އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
Advertisement
އެ މޭރުމުން ސޯޝަލް މީޑިއާގައި ވެސް ވަނީ ޕޯސްޓް ކުރައްވާފަ އެވެ.
އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މިނިސްޓަރު ޝަހީމެވެ. އަދާލަތުގެ ރަން ދުވަސްތަކުގައި އެ ޕާޓީ ހިންގުމުގައި ވެސް ޝަހީމްގެ ދައުރު ބޮޑެވެ. އެ ޕާޓީއަށް ރައްޔިތުން ކުުރި އިތުބާރު ގެއްލި ޕާޓީގެ ރަން ދުވަސްތައް ގެއްލުނީ އެ ޕާޓީގެ ރައީސް ކަމަށް މިހާރުގެ ރައީސް އިމްރާން ވަޑައިގަތް ފަހުންނެވެ.
މިދިޔަ ދުވަސްތަކުގައި އެ ޕާޓީން ގިނަ މެންބަރުންތަކެއް ވަނީ ވަކިވެފަ އެވެ. އަދި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ވަރަށް ގިނަ އިލްމުވެރީން ވެސް ވަނީ އަދާލަތުން ވަކިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ