މި އަހަރުގެ ތިންވަނަ މަހުގެ ފުރަތަމަ ހަފުތާއާ ހަމައަށް ސަރުކާރުން މުސާރައަށް ކުރި ހަރަދު އިތުރުވިއިރު، އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު އަދިވެސް ދަށްކަން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 6، އާ ހަމައަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 436 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 164 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މި މުއްދަތުގައި ދައުލަތަށް ޓެކްސް ފައިސާގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވެސް 115 މިލިއަން ދަށެވެ.
ނަމަވެސް މި މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އިތުރެވެ. އާމްދަނީ އިތުރުވި އެންމެ ބޮޑު އެއް ސަބަބަކީ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ، ބީދޭސީން ކޯޓާ ފީ މަތިވުމެވެ.
އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 6 ގެ ނިޔަލަށް ލިބުނު އާމްދާނީއަކީ 7.18 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 7.16 ބިލިއަން ރުފިޔާ އެވެ.
މި މަހު 6 ގެ ނިޔަލަށް ދައުލަތުން މުސާރައިގެ ގޮތުގައި ކުރި ހަރަދު މިދިޔަ އަހަރަށްވުރެ 132 މިލިއަން އިތުރެވެ. ސިޔާސީ މުވައްޒަފުން މަދުކޮށް މުސާރައަށް ކުރާ ހަރަދު ކުޑަކުރުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ސަރުކާރަށް ދެމުންދާ ލަފައެކެވެ.
މުސާރައަށް ކުރި ހަރަދު ކުޑަނުވެ އިތުރުވަމުން މިދަނީ ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން މި އަހަރުގެ ފުރަތަމަ މަހުން ފެށިގެން ކުޑަކުރާނެ ކަމަށް ބުނި މުސާރަތައް ކުޑަނުކުރެވި ވަނިކޮށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޔާސީ މުވައްޒަފުންނާއި ބޭންކުތައް ނޫން ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ބައެއް މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ޝަރުއީ ދާއިރާގެ އިސްވެރިން އަދި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރާނެ ކަމަށެވެ.
ނަމަވެސް އެކަން ބަޖެޓުގައި ނުހިމަނުއްވަ އެވެ. ބަޖެޓު ފާސްކުރީ ބަޖެޓު ދިރާސާކުރާ ކޮމިޓީން ހުށަހެޅި ރެކޮމެންޑޭޝަންތަކެއް ވެސް އުނިކުރުމަށް ފަހު އެވެ.
އޭގެ އެތައް މަހެއް ފަހުން މުސާރަ ކުޑަކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުން މަޖިލީހުން ފާސްކުރީ މިވަގުތު މުސާރަތައް ކުޑަކުރުވެން ނެތް ކަަމަށް ރައީސަށް ލަފާދިނުމަށެވެ.
އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ އަދިވެސް ދަށް، މުސާރައަށް ކުރި ހޭދަ ވީ އިތުރު އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ އަދިވެސް ދަށް، މުސާރައަށް ކުރި ހޭދަ ވީ އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ