މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނުގެ ރަޝީދުގެ މައްސަލައިގައި ހަގީގަތް ހޯދަން އެކުލަވައިލި ރިޔާސި ކޮމިޝަނުގެ ތަހުގީގަށް އޭނާގެ ބަޔާން ދޭން އާއިލާއިން ތަކުރާރުކޮށް ދެކޮޅު ހެދިކަން އެނގިއްޖެ އެވެ.
ރިޔާސީ ކޮމިޝަނުގެ ތަހުގީގު ނިންމައި އެކުލަވަލީ ރިޕޯޓު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ފޮނުވީ މިއަދު އެވެ. މި ތަހުގީގަށް ޖުމްލަ 69 މީހެއްގެ ބަޔާން ނެގި ނަމަވެސް އޭގެ ތެރޭގައި ޔުމްނުގެ ބަޔާން ނުހިމެނޭކަން ރިޔާސީ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.
ފޯނުން ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ޔުމްނުގެ ބަޔާން ނަގަން ކޮމިޝަނުން ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް އޭނާގެ އާއިލާއިން އެ ފުރުސަތު ދީފައި ނުވާ ކަމަށެވެ.
"ދެ ފަހަރެއްގެ މަތިން އަޅުގަނޑު ޕާސަނަލީ ވެސް ވާހަކަ ދެއްކިން އާއިލާއިން ކަނޑައަޅާފައި ހުންނެވި ފަރާތާ. ދެން އެހެން ނަމަވެސް އެކަން ފެސިލިޓޭޓް ނުވި،" މުނައްވަރު ވިދާޅުވި އެވެ.
ތަހުގީގު އިތުރަށް ކުރިއަށް ދިޔައިރު ޔުމްނުގެ ބަޔާން ނުލިބުނު ނަމަވެސް ތަހުގީގަށް ބޮޑު އަސަރެއް ނުކުރާނެކަން ފާހަގަވި ކަމަށާއި އެހެން ނަމަވެސް ޔުމްނުގެ ބަޔާން ލިބުނު ނަމަ ތަހުގީގު އިތުރަށް ފުރިހަމަ ވީސް ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"ޔުމްނުއަށް ދެއްތޯ އިންސާފު ލިބުނުކަން ކަށަވަރުކުރަން މި ޖެހެނީ. ޔުމްނުގެ ބަހެއް ނުލިބުނު، އަޅުގަނޑުމެން ހިތައް އެރީ ލިބުނު ނަމަ ރަނގަޅު ވީހޭ. އެކަމަކު ނުލިބުނަސް ދާއިމަށް ކޮމިޝަނެއް ނުބޭއްވޭނެތާ ދެއްތޯ،" މުނައްވަރު ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގަށް ވެސް ޔުމްނުގެ ބަޔާން ދީފައެއް ނުވެ އެވެ. އެކަމަށް އާއިލާއިން ހުރަސް އަޅަމުންދާތީ އޭނާގެ ބަޔާން މެލޭޝިއާ ފުލުހުން މެދުވެރިކޮށް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުން މީގެ ކުރިން ބުންޏެވެ.
މިކަމާ ގުޅިގެން ޔުމްނުގެ އާއިލާއިން އޭރު ބުނީ ބަޔާން ނަގަން ފުލުހުންގެ ހިދުމަތުގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް ޖަވާބުދާރީ ވާނެ ކަމަށެވެ.
މުނައްވަރުގެ އިތުރުން ދެން އެ ކޮމިޝަނުގައި ހިމެނެނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ މޫސާ މުރާދާއި ކްލްނިކަލް ނަރުހެއް ކަމަށްވާ ޖަބީން މުހައްމަދާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ވެރިއެއް ކަމަށްވާ އައިމިނަތު އީނާސް އެވެ.
ޔުމްނުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ރައީސް މުއިއްޒު އުފެއްދެވީ، އެ މައްސަލައިގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގުގައި، ފެންނަން ހުރި ހަގީގަތްތަކާ ފުށުއަރާ މައުލޫމާތުތަކެއް އާންމުކޮށް، މައްސަލައިގައި ހިމެނޭ ބަޔަކު ނުވަތަ މީހަކާ މެދު އާންމު އުސޫލާ ހިލާފަށް ލުއި ގޮތްތަކަކަށް އަމަލުކޮށްފައިވާތީ، ދިވެހި ޒުވާނުންތަކެއް އިސް ނަގައިގެން ކުރަން ފެށި މުޒާހަރާގެ ސަބަބުންނެވެ.
އޭޕްރީލް 2، ގައި ރައީސް އުދެއްދި ކޮމިޝަނުން، ޔުމްނު ވެއްޓުނު މައްސަލައިގެ ހަގީގަތް ހޯދުމުގެ އިތުރުން، އެ މައްސަލައިގައި ފުލުހުން ހިންގާފައިވާ ތަހުގީގު ހިންގާފައި ވަނީ ރަނގަޅަށްތޯ ވެސް ބަލަންޖެހެ އެވެ.
ރިޔާސީ ކޮމިޝަނުން ތަކުރާރުކޮށް އެދުމުން ވެސް ޔުމްނުގެ ބަޔާން ނަގަން އާއިލާއިން ފުރުސަތު ނުދިން ރިޔާސީ ކޮމިޝަނުން ތަކުރާރުކޮށް އެދުމުން ވެސް ޔުމްނުގެ ބަޔާން ނަގަން އާއިލާއިން ފުރުސަތު ނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ