ސެންޓްރަލް ޖަލު އެޅެންދެން ކަރެކްޝަންސަށް ވަގުތީ ގޮތުން ބިމެއް ދީފި
މާލޭ ސަރަހައްދުގައި ގާއިމްކުރާ މަރުކަޒީ ޖަލުގެ މަސައްކަތް ނިމެންދެން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށް ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ދިނުމަށް ނިންމާފައި ވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެ އެވެ.މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، މި ނިންމުން ނިންމެވީ މާލޭ ސިޓީ ކައުންސިލާއި، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އަދި ކަރެކްޝަންސްއާ މަޝްވަރާ ކުރުމަށް ފަހުކަމަށެވެ."ރައީސުލްޖުމްހޫރިއްޔާގެ ވިސްްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކުރުމާއި އެކު ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން،" މިނިސްޓްރުގެ ޓްވީޓުގައިވެ އެވެ.ގާތްގަނޑަކަށް 3،000 މީހުން ބޭތިއްބޭ ގޮތަށް އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް އިހުސާން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މާފުށީ ޖަލާއި މާލޭ ޖަލާއި އައްސޭރި ޖަލުގައި މިހާރު ތިބި މީހުންގެ އަދަދު 1200އަށް ވުރެ އިތުރެވެ. އޭގެ ތެރެއިން މާލޭ ޖަލުގައި ތިބި މީހުން އެހެން ޖަލުތަކަށް ބަދަލުކޮށް، އެ ޖަލު މިހާރު ވަނީ ބަންދުކޮށްފަ އެވެ.މާލޭ ޖަލު ބަދަލު ކުރަން ނިންމީ އެ ޖަލާ އިންވެގެން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރަމުން އަންނާތީ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ