ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން ބާއްވާ ފެތުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
ދިރާގާއި ސްވިމް މޯލްޑިވްސް ޖަމުއިއްޔާ ގުޅިގެން ބާއްވާ "ދިރާގު މާލޭ އޯޕަން" ފެތުމުގެ މުބާރާތުގައި ބައިވެރިވާން މިއަދު ހުޅުވާލައިފިއެވެ. ސްވިމް މޯލްޑިވްސްއަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، ހުސައިން ޝަމީމު 2019ގައި އުފެއްދެވި ޖަމުއިއްޔާއެކެވެ. މިއަދު ދިރާގާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ އެ ޖަމުއިއްޔާގެ މަގުސަދަކީ ރާއްޖެއަކީ ފަތަން ދަންނަ މީހުން އުޅޭ ގައުމަކަށް ހެދުން ކަމަށެވެ. "ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ވޭތުވެ ދިޔަ ފަސް އަހަރު ޖުމުލަ ބާރަ ކުޑަކުދިން ނިޔާވެއްޖެ މޫދަށް ގެނބިގެން. އެވަރެޖް އުމުރަކީ ހަ އަހަރު. ބޮޑެތި މީހުންގެ ތެރެއިން ސާދަ މީހުން ނިޔާވެއްޖެ މިދިޔަ ފަސް އަހަރުތެރޭގަ މޫދަށް ވެއްޓިގެން ދިމާވި ކަންތައްތަކުގައި،" އޭނާ ވިދާޅުވިއެވެ. ރާއްޖެއަކީ 99.7 އިންސައްތަ ކަނޑު އޮތް ގައުމެއް ކަމަށްވާއިރު، ފެތުމަކީ ހުރިހާ ކުޑަކުދިންނަށް އެނގެން ޖެހޭނެ ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަތަން ނޭނގުމަކީ ރާއްޖެއިން އެއްކޮށް ނައްތާލަން ޖެހޭކަމެއް ކަމަށާއި އެ ޖަމުއިއްޔާގެ ބޭނުމަކީ، ފެތުން އެއީ ވީހާ ވެސް ގިނަ މީހުން ކަސްރަތެއް ގޮތުގައި ކުރާ ކަމެއްގެ ގޮތުގައި ހެދުން ކަމަށެވެ. ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމު: އޭނާ ވަނީ، އަމާޒަކީ ހުރިހާ ދިވެހީންނަކީ ވެސް ފަތަން ދަންނަ ބަޔަކަށް ހެދުން ކަމުގައި ވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް އެ އަމާޒަށް ވާސިލުވުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން 2019ގައި އެ ޖަމުއިއްޔާއިން ތައާރަފުކުރި ފެތުމުގެ މުބާރާތަކީ މާލޭގައި ބާއްވާ އެންމެ ބޮޑު އެއް ފެތުމުގެ މުބާރާތް ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އަހަރު މި މުބާރާތް އޮންނާނީ، އަންނަ މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 6:00ގައި ރަސްފަންނު ސަރައްހައްދުގައި ކަމަށެވެ. އަދި 2019 ވަނަ އަހަރު އެ މުބާރާތުގައި 220 މީހުން ބައިވެރިވި ކަމަށާއި މިއަހަރުގެ އަމާޒަކީ 350 މީހުން ބައިވެރި ކުރުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އެ މުބާރާތުގައި އެއް ކިލޯމީޓަރުގެ ރޭހަކާއި 250 މީޓަރުގެ ރޭހެއް އޮންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ދިރާގަކީ 2019 ވަނަ އަހަރުން ފެށިގެން އެ މުބާރާތް ސްޕޮންސާ ކުރާ ކުންފުނި ކަމަށްވާއިރު، މި އަހަރުގެ މުބާރާތް ވެސް ސްޕޮންސާ ކުރުމަށް ދިރާގުން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ޑިރެކްޓާ ބްރޭޏްޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ޙަސަން ވިދާޅުވީ، އެފަދަ ގިނަ ބަޔަކު ބައިވެރިވާ ކުޅިވަރުގެ ހަރަކާތްތަކަށް އެއްބާރުލުންދީ، ތަފާތު އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ހޯދައި ދިނުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެއް ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިސްކަންދޭ މުޖުތަމައުއެއް ބިނާކުރުން،" އޭނާ ވިދާޅުވިއެވެ. އެ މުބާރާތަށް ސްވިމް މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެއެވެ. އެ މުބާރާތުގައި ފިންސާއި މާސްކް އަޅައިގެން ބައިވެރިވެވޭނެއެވެ. އަދި މި މުބާރާތުގައި އަތޮޅުތެރެއިންނާއި ރާއްޖެއިން ބޭރުން ވެސް މީހުން ބައިވެރިވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. އެ މުބާރާތުގައި ބައިވެރިވާއިރު ސްވިމިން އިންސްޓްރަކްޓަރުންގެ އެހީއާއެކު ވަރަށް ބޮޑަށް ތައްޔާރުވެގެން އައުމަށް ސްވިމް މޯލްޑިވްސިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ