ފައިސާ ދެއްކީ މަހެއްހާ ދުވަހު ހައްޖުގެ އަޅުކަމުގައި ހޭދަކުރަން ކަމަށާއި އެކަމަކު ފުރުސަތު ލިބުނީ 15 ދުވަހަށް ކަމަށް ބުނެ ބައެއް މީހުން ޝަކުވާ ކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟- ހައްޖު ކޯޕަރޭޝަނުން ވެސް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ، މި އަހަރު ދިވެހިން ސައުދީ އަރަބިއްޔާގައި ހޭދަކުރާ ދުވަސްތައް މަދުވާނެ ކަމަށް ބުނެފަ އެވެ. އެގޮތުން ކުރިން ހޭދަކުރާ މުއްދަތުން 10 ދުވަސް އުނިވާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އޭގެ ސަބަބެއް ނުބުނެ އެވެ.
ސޯޝަލް މީޑިއާގައި ޝަކުވާ ކުރި ބައެއް މީހުން ބުނިގޮތުގައި އެ މީހުން ފައިސާ ދެއްކީ 25-30 ދުވަހު ހައްޖުގެ އަޅުކަމުގައި ސައުދީ އަރަބިއްޔާގައި މަޑުކުރުމަށެވެ. އެގޮތުން 70،000 ރުފިޔާ އެ މުއްދަތަށް ދެއްކި ކަމަށް އެ މީހުން ބުނެ އެވެ.
"އެކަމަކު ދަތުރު ކުރު ކުރިއިރު އެއިން އެންމެ ފައިސާއެއް ވެސް މަދެއް ނުވޭ. އެ ފައިސާ ހޯދުމަށް އަޅުގަނޑުމެން ގުޅަން ވެސް ގުޅިން. އެކަމަކު ޖަވާބެއް ނުލިބޭ،" ފޭސްބުކްގައި މީހަކު ލިޔުނެވެ.
"އެއީ އަޅުގަނޑުމެންނަށް ލިބެން ޖެހޭނެ ފައިސާ ނޫންތޯ."
އެހެން މީހަކު ބުނިގޮތުގައި އަޅުކަމުގެ މުއްދަތު ކުރިކަން ކޯޕަރޭޝަނުން ކުރިއާލާ އަންގާފައެއް ވެސް ނުވެ އެވެ. އެކަން އެތަނުން އިއުލާން ކުރީ ވެސް، ހައްޖަށް ދާ ތައްޔާރުވި ފަހުން ކަމަށް ބުންޏެވެ.
އެކަން އޭނާ ސިފަކުރީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ގޮތުގަ އެވެ. އޭނާ ބުނިގޮތުގައި އެތައް އަހަރެއް ވާންދެން ފައިސާއެއްކޮށްގެން ހައްޖުގެ އަޅުކަމަށް ފުރަނީ، ހުރެވޭ އެންމެ ގިނަ ދުވަހު އެތަނުގައި މަޑުކުރުމަށެވެ. އެކަމަކު ކުރިން އެންގުމަކާ ނުލައި އެގޮތަށް ދުވަސްތައް މަދުކޮށްލުމަކީ ވަރަށް ހިތްދަތިވި ކަމެއް ކަމަށް ބުންޏެވެ.
"ހަޔާތުން އެއް ފަހަރަކު މިގޮތަށް ފުރުސަތެއް މި ލިބެނީ. އަޅުގަނޑުމެން ބޭނުން ވާނެތޯ ހަރަމްފުޅުގައި ވީހާ ވެސް ގިނައެއްކޮށް ނަމާދު ކުރަން،" އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ހައްޖު ކޯޕަރޭޝަނުގެ ބަހެއް ނުލިބުނެވެ. އެކަމަކު ކުރިން އެތަނުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި ހައްޖުގެ މުއްދަތު ކުރު ކުރިކަމުގައި ވިޔަސް، ހުރިހާ އަޅުކަމެއް އަދާކުރުމަށް ފުރުސަތު ލިބޭނެ އެވެ.
އެނގުން މުހިއްމު- ރާއްޖެއަށް ލިބިފައިވާ 1،000 ކޯޓާގެ ދަށުން މި އަހަރު ހައްޖަށް ދާ އެންމެން ވެސް މިހާރު ތިބީ މައްކާގަ އެވެ. އެހެން އަހަރުތަކާ ހިލާފަށް، މި އަހަރު ދިވެހި ހައްޖުވެރިންނަށް، 'މައްކާ ރޫޓް އިނީޝިއޭޓިވް'ގެ ދަށުން ގިނަ ލުއިތަކެއް ލިބެ އެވެ.
މި އަހަރު ދިވެހިންނަށް ހައްޖުގެ އަޅުކަމަށް ލިބެނީ 15 ދުވަސް، ޝަކުވާ ގިނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ