ކެލާ އާއި ކާށިދޫ ފަޅުގައި ރިޒޯޓު ތަރައްޤީކުރުމަށް ބީލަން ހުޅުވާލައިފި

ހއ. ކެލާ ފަޅުގައި 2 ރިޒޯޓާއި ކ. ކާށިދޫ ފަޅުގައި އެއް ރިޒޯޓު ތަރައްޤީކޮށް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢުތަކުގެ ދަށުން ކެލާ ފަޅުން 156.2 އަދި 169.3 ހެކްޓަރުގެ ދެ ސަރަހައްދަކާއި، ކާށިދޫ ފަޅުން 115.21 ހެކްޓަރުގެ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.
މި މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް އެޕްރީލް 15 އަދި މޭ 6 ގައި ވަރޗުއަލް މަޢުލޫމާތު ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެޕްރީލް 14 އަދި މޭ 5 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް އަންގަންޖެހޭނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 5 އެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. މިގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކެލާއަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށުގައި ރިޒޯޓަކާއި ދަނޑުވެރިކަމުގެ މަޝްރޫޢެއް ހިންގުމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
މި މަޝްރޫޢުތައް ތަރައްޤީކުރުމުން އެ ސަރަހައްދުތަކުގެ އިޤްތިޞާދީ ދުވެލި އިތުރުވެ، ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ޚާއްޞަކޮށް ކެލާގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ